އަލްފާޟިލް ޢަބްދުއްރަޝީދު ޢަލީ
ދިލްކަޝްގެ ބ.އޭދަފުށީ

ޢަބްދުއްރަޝީދު ޢަލީއަކީ 1985 ވަނަ އަހަރުން ފެށިގެން ތަޢުލީމީ ދާއިރާގައި ޚިދުމަތް ކުރައްވާ، އަދި ޚާއްޞަކޮށް ދިވެހިބަސް އުނގަންނައިދިނުމުގެ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މިއަދުވެސް ޢަބްދުއްރަޝީދަކީ، އުނގަންނައިދެއްވުމަށް ވަގުތު ދެއްވައި، ދިވެހިބަހާއި ބަހުގެ ދިރާސާކުރައްވާ ފަރާތްތަކަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތެރިއެކެވެ.

ދިވެހި ބަހުން މުދައްރިސުން ތަމްރީނު ކުރެއްވުމާއި، ދަރިވަރުން އިމްތިޙާނުތަކަށް ތައްޔާރުކުރެއްވުމުގެ މަސައްކަތްވެސް ރާއްޖޭގެ އެކި ރަށްރަށުގައި، އެކި ފެންވަރުގައި އެކި ދުވަސްވަރު ޢަބްދުއްރަޝީދު ޢަލީ ކުރައްވާފައިވެއެވެ. މިގޮތުން، 1980 އާއި 1990ގެ އަހަރުތަކުގައި ރ.އަތޮޅާއި، ބ.އަތޮޅާއި، ދ.އަތޮޅާއި، ތ.އަތޮޅުގައި ތިއްބެވި ވަގުތީ މުދައްރިސުންނަށް ހިންގަވައިދެއްވި ކުރު ކޯސްތައް ފާހަގަކޮށްލެވެއެވެ. ދިވެހި މުދައްރިސުންނަށް އުނގަންނައިދެއްވުމަށް 21 އަހަރު ވަންދެން ޢަބްދުއްރަޝީދު ކުރެއްވި މަސައްކަތްޕުޅަކީވެސް ދިވެހިބަހަށާއި އަދަބަށް ލިބިފައިވާ، ފާހަގަކޮށްލެވޭ ކުރިއެރުންތަކެކެވެ.

ޢަބްދުއްރަޝީދު ޢަލީއަކީ، ރާއްޖޭގެ ޤައުމީ އިމްތިޙާނުތައް ކަމުގައިވާ އެޗް.އެސް.ސީ.އާއި، އެސް.އެސް.ސީ އިމްތިޙާނުގެ ދިވެހި ކަރުދާސް މާކް ކުރެއްވުމުގައި 9 އަހަރު ވަންދެން މަސައްކަތް ކުރައްވައި، އިމްތިޙާނުގެ އެގްޒަމިނަރެއްގެ ގޮތުގައިވެސް ގިނަ އަހަރުތަކެއްގައި މަސައްކަތް ކުރައްވައި، އިމްތިޙާނު ކަރުދާސްތަކާއި، މާކިންގ ސްކީމްތައް ތައްޔާރުކޮށްދެއްވާފައިވާ ޗީފް އެގްޒަމިނަރެވެ.

ޢަބްދުއްރަޝީދުގެ ޚިދުމަތަކީ މުޅި ރާއްޖެއަށް ޢާއްމުވެފައިވާ ޚިދުމަތެކެވެ. 2015 ވަނައަހަރު ރާއްޖޭގައި އަލަށް ޢަމަލުކުރަން ފެށި ޤައުމީ މަންހަޖުގެ ދިވެހި މުޤައްރަރު ގްރޭޑް 1ން 10ށް ލިޔުއްވާފައިވަނީވެސް ޢަބްދުއްރަޝީދު ޢަލީއެވެ. މީގެއިތުރުން، ސާނަވީ އިމްތިޙާނާއި، މަތީ ސާނަވީ އިމްތިޙާނުގެ ދިވެހި މާއްދާގެ ފެންވަރު މަތިކޮށް، އާ މުޤައްރަރުގެ ދަށުން ސްޕެސިފިކޭޝަން ތައްޔާރުކުރައްވައި، ނަމޫނާ އިމްތިޙާނު ކަރުދާސް، ހިލޭސާބަހަށް އެކުލަވައިލައްވާފައިވަނީވެސް އޭނާއެވެ.

މީގެއިތުރުން، ޢަބްދުއްރަޝީދު ޢަލީވަނީ، އިންޓަރނޭޝަނަލް ބެކްލޯރިއާ އޯގަނައިޒޭޝަން (ޔޫ.ކޭ)ގެ ދިވެހިބަހާއި އަދަބިއްޔާތުގެ އެގްޒެމިނަރެއްގެ ގޮތުގައި 12 އަހަރު މަސައްކަތް ކުރައްވާފައެވެ. މިއަދުވެސް އެކަމުގައި ދެމިހުންނެވި ޢަބްދުއްރަޝީދަކީ، ބޭރު ބަސްބަހުގެ އަހުލުވެރިންނަށްވެސް ދިވެހިބަސް އުނގަންނައިދެއްވާ ބޭފުޅެކެވެ.

ޢަބްދުއްރަޝީދު ޢަލީގެ މަސައްކަތްތަކުން އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްކަމަކީ، އުފެއްދުންތެރިކަމާއި، ދިވެހިބަސް ދިރާސާ ކުރުމަށް ދިވެހީންނަށް ފުރުޞަތުތައް ފަހިކޮށްދެއްވުމަށްޓަކައި ކުރައްވާފައިވާ މަސައްކަތްޕުޅުތަކެވެ. މިގޮތުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ހިންގަވަން ފެށްޓެވި ދިވެހިބަހުގެ ޑިގްރީ ކޯސް އެކުލަވައިލުމުގެ އެޑްވައިޒަރީ ކޮމިޓީގައި މަސައްކަތް ކުރައްވައި، އަމިއްލަފުޅަށް އިސްނަންގަވައިގެން، ދިވެހި ބަހާއި ސަގާފަތުގެ މާސްޓަރސް ކޯހެއް ފަރުމާކުރައްވައި، ދިވެހިބަހުގެ ދިރާސާކުރުމަށް މަގުފަހިވާނެ ޕީ.އެޗް.ޑީ. ކޯހެއް ފަރުމާ ކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ. ޚާއްޞަކޮށް، ޓަރޝިއަރީ ލެވެލްގައި ކިޔަވައިދޭ އެކި މޮޑިއުލްތަކާއި، ގިނަ އަދަދެއްގެ އަތްމަތީ ކަރުދާސްތައްވެސް ވަނީ ތައްޔާރުކުރައްވާފައެވެ. ޢަބްދުއްރަޝީދަކީ، ފެކަލްޓީ އޮފް އާޓްސްގެ ޑީންގެ މަގާމުގައި ހުންނަވައިގެންވެސް ގިނަ ކޯސްތަކެއްގައި ދިވެހިބަސް ކިޔަވައިދެއްވާފައިވާ އަދި މިހާރުވެސް ކިޔަވައިދެއްވަމުން ގެންދަވާ ބޭފުޅެކެވެ.

ޢަބްދުއްރަޝީދު ޢަލީ ވަނީ، ދިވެހިބަހުގެ ޑިގްރީ ކޯހުގައި ކިޔަވައިދޭ [ދިރާސީ ދިވެހި] މޮޑިއުލް ލިޔުއްވައި، އެ މޮޑިއުލްގެ އެހީގައި ދިރާސީ ލިޔުން ލިޔާނެގޮތް ކިޔަވައިދެއްވައި އެކަންވެސް ވިލަރެސް ކުރައްވާފައެވެ. އަދި ޑިސަޓޭޝަނާއި ތީސިސް ލިޔާ ދަރިވަރުންނަށް "އަތްދަށު ތަޙުޤީޤު"ގެ ނަމުގައި އޭނާ ތައްޔާރުކުރައްވާފައިވާ ފޮތާއި، ޙަވާލާދިނުމަށް ތައްޔާރުކުރައްވާފައިވާ ކަރުދާހަކީ ދަރިވަރުންނަށް ލިބިފައިވާ ވަރަށްބޮޑު އެހީތެރިކަމެކެވެ. މީގެއިތުރުން، ޢަބްދުއްރަޝީދު ވަނީ ކުޑަކުދިންގެ ވާހަކައާއި، ސާނަވީ ފެންވަރަށް އުނގަންނައިދިނުމަށް ބޭނުންކުރެވިދާނެ ފޮތް ދިވެހިބަހުން އެކުލަވައިލައްވައި، އެފަދަ ދެފޮތަކަށް ރައީސުލްޖުމްހޫރިއްޔާގެ އިނާމުވެސް ހޯއްދަވާފައެވެ.

ޢަބްދުއްރަޝީދު ޢަލީ މިހާރު ހުންނެވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމުގައެވެ. އޭގެކުރިން ހުންނެވީ ފެކަލްޓީ އޮފް އާޓްސްގެ ޑީންކަމުގެ މަޤާމުގައެވެ. އެމަގާމުގައި ހުންނަވައިގެން ރާއްޖޭގައި ނެތް އެތައް ކޯހެއް ފަރުމާކުރައްވައި، ކިޔަވައިދެއްވުމުގައި ބޭނުންކުރާނެ އެތައް އުފެއްދުމެއް ވަނީ އުފައްދަވާފައެވެ.