އައްޝައިޚް ޢަބްދުލްމަޖީދު މުޙައްމަދު
ފިނިހިޔާގެ، ބ.އޭދަފުށި

އައްޝައިޚު ޢަބްދުލްމަޖީދު މުޙައްމަދަކީ، މިޞްރުގެ ޖާމިޢަތުލްއަޒްހަރުން ކީރިތި ޤުރްއާނުގެ ތަފްސީރު ޢިލްމުން ގްރެޖުއޭޓްވެގެން ވަޑައިގަތީއްސުރެ ދިވެހިރާއްޖޭގައި ކީރިތި ޤުރްއާނުގެ ޢިލްމު ފެތުރުއްވުމަށާއި، ޤާރީން އުފެއްދެވުމަށް ހީވާގިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޢަބްދުލްމަޖީދަކީ، ރާއްޖޭގައި އެންމެ ފުރަތަމަ ހިންގި ޤާރީ ކޯހުގައި ބައިވެރިވެވަޑައިގެން އަލްޤާރީ މުޙައްމަދު ޔޫނުސްގެ އަރިހުން ދަރިވަރުވި ބޭފުޅެކެވެ. ޤާރީ ކޯހުގެ ސެޓްފިކެޓް ހާސިލު ކުރައްވާފައިވަނީ 1981 ވަނަ އަހަރުގައެވެ.

ކީރިތި ޤުރްއާން އުނގަންނައިދެއްވުމުގެ ޚިދުމަތް ޢަބްދުލްމަޖީދު ފެށްޓެވީ، އަމީނިއްޔާ ސްކޫލްގެ ޤުރްއާން މުދައްރިސެއްގެ ގޮތުން 1981 ވަނަ އަހަރުގައެވެ. ހިޖުރީ 15 ވަނަ ޤަރުނު ފެށުމުގެ މުނާސަބާ ފާހަގަކުރުމަށް ރާއްޖޭގައި ބޭއްވުނު ބޭރު ރާގަށް ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތުން 2 ވަނަ ހޯއްދެވިއެވެ.

އައްޝައިޚު ޢަބްދުލްމަޖީދު މުޙައްމަދަކީ، ރަމަޟާން މަސް އިޙްޔާ ކުރުމުގެ ޕްރޮގްރާމުގައި ޤުރްއާން ކިޔަވާ ވިދާޅުވެދެއްވާފައިވާ ބޭފުޅެކެވެ. ރާއްޖޭގެ ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތްތަކުގައި ފަނޑިޔާރެއްގެ ގޮތުން މަސައްކަތް ކޮށްދެއްވައި، ތަފާތު ޖަލްސާތަކުގައި ކީރިތި ޤުރްއާން ކިޔަވައި ވިދާޅުވެ، ބައެއް ސްކޫލް މަދަރުސާތަކުގެ ފަރާތުން ބޭއްވި ޤުރްއާން މުބާރާތްތަކުގައި ފަނޑިޔާރުކަންވެސް ކޮށްދެއްވާފައިވެއެވެ. އަދި އަމިއްލަފުޅަށް ޤުރްއާން ކްލާހެއް އުފައްދަވައިގެން މާލެއާއި ބ.އަތޮޅު އޭދަފުށީގައި ޤުރްއާން ކްލާސް ހިންގަވަމުން ގެންދެވިއެވެ. އަދި މި ޤުރްއާން ކްލާސްތަކުގައި ކިޔަވައިދެއްވުމުގެ މަސައްކަތްވެސް ޢަމަލީގޮތުން ކުރައްވަމުން ގެންދަވައެވެ. މި މަސައްކަތް ކުރައްވަމުން ގެންދަވާތާ މިހާރު 23 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. ރާއްޖެއިން ބޭރުގައި ބޭއްވި ބައިނަލްއަޤްވާމީ ބައެއް ޤުރްއާން މުބާރާތްތަކަށް ކުދިން ތަމްރީނު ކުރެއްވުމާއި، ޤައުމީ ޤުރުއާން މުބާރާތްތަކަށް ކުދިން ތައްޔާރު ކުރެއްވުމުގައިވެސް ޢަމަލީގޮތުން މަޖީދު ބައިވެރިވެވަޑައިގެންފައިވެއެވެ.

ކީރިތި ޤުރްއާނުގެ ޢިލްމުގައި އަލްޤާރީ ޢަބްދުލްމަޖީދުގެ މުހިއްމުކަން ހާމަވާ އެއްކަމަކީ، ސަރުކާރުން ކީރިތި ޤުރްއާނާބެހޭ މަރުކަޒެއް އުފެއްދެވުމަށް ކުރެއްވި މަސައްކަތުގައި މުހިއްމު ދައުރެއް އަދާކުރެއްވުމެވެ. މީގެއިތުރުން، ޢަބްދުލްމަޖީދު މާލޭގައި އަދާކުރައްވަމުން ގެންދެވި ވަޒީފާއިން ބ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ވަޒީފާއަކަށް ބަދަލުވެވަޑައިގަތުމަށްފަހު، އޯ ލެވެލްއަށާއި އޭ ލެވެލްއަށް އިސްލާމް މާއްދާ ކިޔަވައިދެއްވުމުގެ އިތުރުން، އެ މަރުކަޒުގައި މިހާރުވެސް ގެންދަވަނީ ކީރިތި ޤުރުއާން އުނގަންނައިދެއްވަމުންނެވެ. އަދި މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާއިން އޭދަފުށީގައި ހިންގެވި ޤާރީ ކޯސް ހިންގެވުމުގައި ޢަމަލީގޮތުން މަސައްކަތް ކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން އެ ކޯހުން ފާސްވި ދަރިވަރުން މިހާރު އެހެން ކުދިންނަށް ޤުރްއާން ކިޔަވައިދެމުން ގެންދާކަން އެއީ ޢަބްދުލްމަޖީދަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފާފުޅެކެވެ. މިހާރު ކީރިތި ޤުރްއާނާބެހޭ މަރުކަޒުން އޭދަފުށީގައި އުފައްދަވާފައިވާ އެ މަރުކަޒުގެ ގޮފީގައި ހިންގަވާ ޤިރާޢަތު ކޯސްތަކުގައި ކިޔަވައިދެއްވުމުގެ އިތުރުން، އެ ގޮފީގެ ކޯޑިނޭޓަރަކީވެސް އޭނާއެވެ. އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގެ ދައުރުން ފެށިގެން ރާއްޖޭގައި އިމާމުވެ ހުކުރު ނަމާދާއި ޢީދު ނަމާދު ކުރައްވަމުން ގެންދަވައެވެ. އަދި އަތޮޅުތެރޭގެ ރަށްރަށަށް ވަޑައިގެން އުޅުއްވާއިރު ހުކުރުދުވަސްދުވަހު އިމާމުވެވަޑައިގެން ހުކުރު ނަމާދު ކުރައްވައެވެ.

ބ.އަތޮޅުގެ ރައްޔިތުންގެ މެދުގައި ކީރިތި ޤުރްއާނަށް ލޯބި ޖެއްސުމާއި، ކީރިތި ޤުރްއާން ކިޔެވުމުގެ ރޫޙު އިތުރުކުރުމާއެކު، ޤައުމީ ފެންވަރުގައި އަތޮޅުގެ ވާދަވެރިކަން ބޮޑުކުރުމަށް ކުރާ ހުރިހާ މަސައްކަތެއްގެ އެންމެ ކުރީ ސަފުގައި ޢަބްދުލްމަޖީދު މުޙައްމަދު ހުންނަވައެވެ. މިރޮނގުން މިހާރުވެސް ޚިދުމަތް ކުރައްވަމުން ގެންދަވަނީ، ބ.އަތޮޅު ތަޢުލީމީ މަރުކަޒުގައި އަދާކުރައްވާ ވަޒީފާގެ އިތުރުން ލިބިވަޑައިގަންނަވާ ހުސްވަގުތުތަކުގައެވެ. އަދި އިސްލާމްދީނާއި ދިވެހިރައްޔިތުންނަށް ކުރާ ޚިދުމަތެއްގެ ގޮތުގައި ބައްލަވައިގެން މިމަސައްކަތް އޭނާ ކުރައްވަމުން ގެންދަވަނީ މިރޮނގުން އަތޮޅަށާއި ރާއްޖެއަށް ކުރިއެރުމާއި ފާގަތިކަން ހޯއްދަވައި ދެއްވުމުގެ މަޤްޞަދުގައެވެ.