އަލްމަރްޙޫމް މުޙައްމަދު ޝާކިރުގެ ހަނދާނަށް
ުހުޅުމާލެ، ގޯތި ނަންބަރު 10667 (އަޝްމާން)

މަސައްކަތްތެރިކަމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އެބޭފުޅެއްގެ ހަނދާނަށް އެރުވޭ ބޭފުޅަކީ، މިއަހަރުގެ ޖޫން މަހުގެ 2 ވަނަ ދުވަހު އަޅުގަނޑުމެންނާ ވަކިވެވަޑައިގެންނެވި އަލްމަރްޙޫމް މުޙައްމަދު ޝާކިރެވެ. ޝާކިރަކީ، ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާއިން ތެދުއުއިވަޑާން ކުރުމާއި، އެ މަސައްކަތް ކުރިއެރުވުމުގެ ރޮނގުން ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ޢާންމު ނަމުންނަމަ، ބޮއި ޝާކިރަކީ، 1978 ވަނަ އަހަރު މި މަސައްކަތުގެ ތެރެއަށް ވެދެވަޑައިގެންނެވި ބޭފުޅެކެވެ. އެ އަހަރުގެ ކުރީކޮޅު [އެމް.އެސް.އެމް.އައި.އެމް ވަޑާންގެ] ނަމުގައި މައްޗަންގޮޅި ބޮއިގޭގައި އޭނާ އުފެއްދެވި ވަޑާންގޭގެ މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުނީ، އޭނާގެ ހިތްވަރުފުޅުގަދަ މަސައްކަތުންނެވެ.

ފުރަތަމަ މަސައްކަތް ފެށްޓެވީ އެންމެ 8 މުވައްޒަފުންނާ އެކުގައެވެ. އޭރު މަސައްކަތް ކުރަން ގެންގުޅުއްވީ ދިވެހިން އަމިއްލައަށް ތައްޔާރުކުރާ ވަޑާން ކަށްޓާއި، ފުރޮޔާއި، ލަކުޑި ރޮންދާއާއި، އަތު ބުރުމާއާއި، އަތުން ކީހާ ކީސްފަދަ ތަކެއްޗެވެ. ފުރަތަމަ ކުރެއްވި މަސައްކަތަކީ ގޮނޑި، މޭޒު، ދޮރު، ދޮރުފަތްފަދަ ތަކެތި މަރާމާތު ކުރެއްވުމުގެ މަސައްކަތެވެ. އޭގެފަހުން، އެފަދަ ގޮނޑި މޭޒާއި، ދޮރާއި، ދޮރުފަތްފަދަ ތަކެތި ޖެހުމުގެ މަސައްކަތެވެ. މީގެތެރޭގައިވެސް ގިނައީ ސަރުކާރުގެ އޮފީސްތަކުގެ މަސައްކަތެވެ. އަދި އަމިއްލަ މީސްމީހުންގެ މަސައްކަތްވެސް ވަރަށް ގިނައިން ކުރައްވަމުން ގެންދަވާފައިވެއެވެ. ވަޑާންގޭގެ މަސައްކަތް އެއްދުވަހުން އަނެއް ދުވަހަށް ފުޅާވަމުން ދިޔުމާއެކު، 1998 ވަނަ އަހަރު ވަޑާންގޭގެ ނަން [އެމް.އެސް. ކާޕެންޓްރީ]ގެ ނަމަށް ބަދަލުކުރެއްވިއެވެ. މިއަދާ ހަމައަށްވެސް މަސައްކަތް ކުރައްވަމުން ގެންދަވާފައިވަނީ މި ނަމުގައެވެ. މަސައްކަތްތައް ލިބޭ މިންވަރުން ބޮޑެތި މަސައްކަތްތައް ކުރުމަށް ބައެއްފަހަރު 100 އަށްވުރެ ގިނަ މުވައްޒަފުން ގެންގުޅުއްވާފައިވެއެވެ.

މިވޭތުވެދިޔަ 40 އަހަރުގެ ދިގު މުއްދަތުގެ ތެރޭގައި އެމް.އެސް. ކާޕެންޓްރީން ކޮށްފައިވަނީ، ހަމައެކަނި ވަޑާމުގެ މަސައްކަތެއް ނޫނެވެ. ބޮޑެތި ޢިމާރާތްތައްވެސް ވަނީ ކުރައްވާފައެވެ. ގިނަ މަސައްކަތްތައް ކުރައްވާފައިވަނީ މާލޭގައެވެ. އަދި އަތޮޅުތަކުގެ ބައެއް ރަށްރަށުގައިވެސް ވަޑާމުގެ އެކި މަސައްކަތްތަކާއި، ޢިމާރާތް ކުރުމުގެ މަސައްކަތްތައް ކުރައްވާފައިވެއެވެ. އަދި އެކި ޢިމާރާތްތަކުގެ އިންޓީރިއަރ މަސައްކަތްތައްވެސް ކުރައްވާފައިވެއެވެ. މީގެތެރޭގައި، ވަޒީރުންގެ އޮފީސް ކޮޓަރިކޮޅުތަކާއި، މިނިވަންދުވަހާއި، ޖުމްހޫރީ ދުވަސްފަދަ ޤައުމީ އިޙްތިފާލުތަކާ ގުޅިގެން ބާއްވަވާ ޖަލްސާތަކުގެ ބެކްޑްރޮޕްސް ހެދުމާއި، ބައެއް ބޮޑެތި އިންޓީރިއަރ ޝޯރޫމްތަކާއި، ބޭންކް އައުޓްލެޓްތަކާއި، ކޯޓްރޫމްތައް ހެދުން ހިމެނެއެވެ.

އެމް.އެސް. ކާޕެންޓްރީން ކޮށްފައިވާ ފާހަގަކޮށްލެވޭ ބޮޑެތި މަސައްކަތްތަކުގެ ތެރޭގައި، ހުޅުލޭ ވީ.އައި.ޕީ ފާލަން (ޕްރެޒިޑެންޝަލް ޖެޓީ) ހެދުމާއި، ދަރުބާރުގޭ ރަންނަބަނޑޭރި މާލަމާއި، އެ މާލަމުގެ ސްޓޭޖް ހެދުމާއި، ހަކުރާ މާލަމާއި، ހިރިޔާ މާލަމާއި، ވީ.އައި.ޕީ. ލައުންޖް ހެދުން ހިމެނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިހިޖެހިކޮށީގެ 4 ބުރީގެ ގުދަން ޢިމާރާތް ކުރުމާއި، އިސްލާމީ މަރުކަޒުގެ ގްރައުންޑް ފްލޯރގައި މާބްލް ޖެހުމާއި، އެތާނގެ ފެންއަރުވާ ވަޑާމާއި، ވުޟޫކުރާ އިސްކުރުބަރީގެ މަސައްކަތްތައް ހިމެނެއެވެ. މީގެއިތުރުން، އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ އެކި އޮފީސްތަކުގެ އިންޓީރިއަރ މަސައްކަތްތަކާއި، އެސް.ޓީ.އޯ. ހޯމް އިމްޕްރޫވްމަންޓްގެ އާ ޝޯރޫމް ހެދުމާއި، އެސް.ޓީ.އޯ ސުޕަރމާޓުގެ އިންޓީރިއަރ މަސައްކަތާއި، އެސް.ޓީ.އޯ. ހެންވޭރު ފާމަސީ 4 ބުރި ޢިމާރާތުގެ ހުރިހާ މަސައްކަތަކާއި، ހިލާލީގޭގެ ސަރވިސް ބިލްޑިންގ ޢިމާރާތްކުރުމާއި، ބޭންކް އޮފް މޯލްޑިވްސްގެ މާލޭގެ ގިނަ ބްރާންޗްތަކުގެ މަސައްކަތްތައް ހިމެނެއެވެ. އަދި މޯލްޑިވްސް ބްލަޑް ސަރވިސް ބިލްޑިންގ (ދަމަނަވެށި ޢިމާރާތް) ގެ ފެންވަރު ރަނގަޅުކުރުމާއި، އައި.ޖީ.އެމް.އެޗް.ގެ ހައުސިންގ ކޮމްޕްލެކްސް ހެދުން، ވިލިމާލެ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ޢިމާރާތަށް ގެންނަންޖެހުނު ބަދަލުތަކުގެ މަސައްކަތާއި، އައި.ޖީ.އެމް.އެޗް.ގެ ޑޮކްޓަރ އަޙްމަދު ރާޟީ މެމޯރިއަލް ޑައިލިސިސް ސެންޓަރުގެ މަސައްކަތްތަކާއި އަދި ސިންގަޕޯރ އެއަރލައިންސް މާލޭ ޓައުން އޮފީސް ހެދުންވެސް ހިމެނެއެވެ. މީގެ އިތުރުން، އެންމެ ފަހުގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަކޮށް ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި، އެލައިޑް އިންޝުއަރެންސް ހެޑް އޮފީހުގެ 5 ބުރީގެ އިންޓީރިއަރ މަސައްކަތާއި، މާލޭގެ ހުޅަނގު ދެކުނު ސަރަހައްދުގައި ތަރައްޤީ ކޮށްފައިވާ 35000 އަކަފޫޓްގެ ފުޑްކޯޓުތަކުގެ ސިވިލް އަދި ފިނިޝިންގ މަސައްކަތާއި އަދި އެސް.ޓީ.އޯ އިލެކްޓްރޯނިކްސްގެ އާ ޝޯރޫމްގެ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. މޯލްޑިވްސް އިސްލާމިކް ބޭންކުގެ އާ ހެޑް އޮފީހުގެ މިހާރު ޢިމާރާތް ކުރަމުންގެންދާ 8 ބުރީގެ ޢިމާރާތުގެ އިންޓީރިއަރ މަސައްކަތުގެ މެއިން ކޮންޓްރެކްޓަރ އަކީވެސް އެމް.އެސް. ކާޕެންޓްރީއެވެ.

އެމް.އެސް. ކާޕެންޓްރީން ކުރާ ހުރިހާ މަސައްކަތެއްވެސް އެތާނގެ މުވައްޒަފުން ކުރަމުން ގެންދާއިރު، އެހުރިހާ މަސައްކަތެއް އަމިއްލައަށް ބައްލަވައި، ސުޕަވައިޒް ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާފައިވަނީ ޝާކިރެވެ. އަދި އެ މަސައްކަތް ކުރަނީ ކުރުވާ ފަރާތުން އެދޭގޮތަށްތޯއާއި، އިތުރަށް ރަނގަޅު ކުރެވޭނީ ކޮން ކަމެއްތޯ މަސައްކަތްކުރާ ސައިޓްތަކަށް ޝާކިރު ވަޑައިގެން ގަވާއިދުން ކޮންމެ ދުވަހަކު ބައްލަވަމުން ގެންދެވިއެވެ. ޝާކިރު އެންމެ ބޮޑަށް އިސްކަންދެއްވާ ކަމަކީ އެމް.އެސް ކާޕެންޓްރީން ކުރާ މަސައްކަތްތަކުގެ ފެންވަރު ހިފެހެއްޓެވުމެވެ. މިކަން އެނގެނީ މަސައްކަތް ކުރުވާ ފަރާތްތަކުން ދީފައިވާ ލިޔުންތަކުންނެވެ.

އެމް.އެސް. ކާޕެންޓްރީން ހިލޭސާބަހަށްވެސް ބައެއް މަސައްކަތް ކޮށްދީފައިވެއެވެ. އަދި ތަކެތި ދިނުމުންވެސް އަދި އަމިއްލަ ޚަރަދުގައިވެސް ބައެއް މަސައްކަތްތައް ވަނީ ކޮށްދީފައެވެ. މިގޮތުން، އިޖުތިމާޢީ ކަންކަމަށާއި، ސްކޫލް މަދަރުސާތަކަށާއި، ވަކިވަކި ފަރުދުންނަށް ދިން އެހީތައް ފާހަގަކޮށްލަންޖެހެއެވެ. އެމް.އެސް. ކާޕެންޓްރީގައި މަސައްކަތްކުރި ބައެއް ދިވެހިން، މާލެއާއި އަތޮޅުތަކުގެ ރަށްރަށުގައި އަމިއްލައަށް ވަޑާމުގެ މަސައްކަތް ފަށައިގެން މިހާރުވެސް ކުރަމުން ގެންދާކަން އެއީ، މިދާއިރާއަށް ލިބުނު އިތުރު ކުރިއެރުމެކެވެ.

އެމް.އެސް. ކާޕެންޓްރީގެ ވެރިޔާ މަރްޙޫމް މުޙައްމަދު ޝާކިރު މިއަދު އަޅުގަނޑުމެންނާ ވަކިވެވަޑައިގަތުން އެއީ، ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާއަށް ލިބުނު ވަރަށްބޮޑު ގެއްލުމެކެވެ. ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ [މަސީ]ންވެސް ވަނީ ޝާކިރުގެ ވަކިވެވަޑައިގަތުން އެއީ، މި އިންޑަސްޓްރީއަށް ލިބުނު ނުހަނު ބޮޑު ގެއްލުމެއް ކަމަށް ސިފަކުރައްވާފައެވެ. އަދި މަރްޙޫމް މުޙައްމަދު ޝާކިރަކީ، އޭނާ ކުރައްވާފައިވާ މަސައްކަތްތަކުގެ ފެންވަރު ހިފެހެއްޓެވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ވަރަށް މުރާލި މަސައްކަތްތެރިއެއްކަންވެސް އެ ޖަމުޢިއްޔާއިން ފާހަގަކުރެއެވެ.

އަލްމަރްޙޫމް މުޙައްމަދު ޝާކިރު، ޤައުމީ އިނާމަށް މިއަހަރު ނަން ހުށަހަޅުއްވައި، ޤައުމީ އިނާމާބެހޭ ކޮމިޓީއާ ޙިއްޞާ ކުރައްވާފައިވާ މަޢުލޫމާތުތަކުން އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްކަމަކީ، އެމް.އެސް ކާޕެންޓްރީން މިހާތަނަށް ކޮށްފައިވާ ހުރިހާ މަސައްކަތަކީވެސް ލޯނެއް ނުނަގައި، އެ މަސައްކަތުން ލިބުނު އާމްދަނީ އިންނާއި، މަސައްކަތް ކުރުވާ ފަރާތުންދޭ އެޑްވާންސް ފައިސާއިން ކޮށްފައިވާ މަސައްކަތްތައް ކަމެވެ.

އަލްމަރްޙޫމް މުޙައްމަދު ޝާކިރަށްވަނީ، ސަރުކާރުން ދެއްވަމުން ގެންދަވާ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު 2007 ވަނައަހަރު ލިބިވަޑައިގެންފައެވެ. އެއީ، މަސައްކަތްތެރިކަމުގެ ދާއިރާއިން ތެދުއުއިވަޑާމުގެ ރޮނގުންނެވެ.

މާތްﷲ، މަރްޙޫމް މުޙައްމަދު ޝާކިރުގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ! ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާއަށް މަރްޙޫމް ޝާކިރު ކޮށްދެއްވާފައިވާ ޚިދުމަތްތަކުގައި އެކަލާނގެ ބަރަކާތް ލައްވާށިއެވެ! އާމީން.