އަލްފާޟިލާ ޝަމީމާ ޢީސާ (ޝަމީމާ ކަނބުލޭގެފާނު)
މއ. ފެހިއަލިއާގެ

އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން ޖަމާޢަތަށް ފައިދާހުރި މަސައްކަތްތައް ކުރުމުގެ ރޮނގުން މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ އަލްފާޟިލާ ޝަމީމާ ކަނބުލޭގެފާނަކީ، ވަރަށް ކުރިއްސުރެ ފެހުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެ މަސައްކަތުގެ ތެރެއަށް ވެދެވަޑައިގެންނެވުނީ އޭރު މާލޭގެ މަޝްހޫރު ފެހުންތެރިއެއް ކަމަށްވާ އަލްމަރްޙޫމް ބޮޑުދާހިއްލާ ދޮންމަނިކުގެ އަރިހުގައި އޭނާގެ ގޭގައި އުޅުއްވި ދުވަސްވަރުގައެވެ. ޝަމީމާ ވަރަށް ކުޑައިރު މައިންބަފައިން ނިޔާވުމާ ގުޅިގެން، އެ ގެޔަށް ބަދަލުވެވަޑައިގަތެވެ. ފެހުމުގެ މަސައްކަތަށް ޝަމީމާ ޝައުޤުވެރިވެވަޑައިގަތީ، އެހިސާބުން ފެށިގެންނެވެ. ފުރަތަމަ މަސައްކަތް ކުރެއްވީ، އާމްދަނީ ހޯއްދެވުމުގެ ބޭނުންފުޅުގައެއް ނޫނެވެ. އޭރު މުޅިންހެން ފައްސަވައި އުޅުއްވީ ޝަމީމާގެ ބޭފުޅުންގެ ހެދުންކޮޅުތަކެވެ.

މާގިނަ ދުވަސްތަކެއްނުވެ، ގަމީހާއި، ލިބާހާއި، ދިގުހެދުމާއި، މިނޫންވެސް އަންހެން ބޭފުޅުންގެ އެކި ފަރުމާތަކުގެ ހެދުންތައް ފައްސަވަން ފަށްޓަވައި، އެމަސައްކަތް މަޑުމަޑުން ތަރައްޤީ ކުރައްވަމުން ގެންދެވިއެވެ. ހަމައެއާއެކު، ގިނަ ބަޔަކަށް މަސައްކަތް ދަސްކޮށްދެއްވުމުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވެވަޑައިގަންނަވަން ފެށްޓެވިއެވެ.

1986 ވަނަ އަހަރު އޭރުގެ ޓްރޭޑް މިނިސްޓްރީއިން، ޗައިނާގެ ބަޔަކާ ގުޅިގެން ހިންގެވި ޖަރީ ކުރުމުގެ ކޯހެއްގައި ބައިވެރިވެވަޑައިގެންނެވުމުގެ ފުރުޞަތު ޝަމީމާއަށް ލިބިވަޑައިގެންނެވިއެވެ. ތިންމަސް ދުވަހުގެ އެ ކޯސް ވެގެންދިޔައީ، ފެހުމުގެ މަސައްކަތަށް ޝަމީމާއަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު ކުރިއެރުމަކަށެވެ. އެ ކޯސް ފުރިހަމަކުރެއްވުމަށްފަހު، ޝަމީމާގެ ޢާއިލާގެ ބޭފުޅުންނަށް ފަހަން ދަސްކޮށްދެއްވަން ފެށްޓެވިއެވެ. އޭރު މާލޭގައި ސްކޫލް ކުދިންގެ ޔުނީފޯމުގައި ހަރުކުރާނެ ބެޖާއި ޓައީ ހަދާނެ ތަނެއް ނުހުންނާތީ، އެ މަސައްކަތްވެސް ޝަމީމާ ފެށްޓެވިއެވެ. ބެޖާއި ޓައީ ހެއްދެވުމާއި، ޖަރީ ކުރެއްވުމުގެ މަސައްކަތް އޭރު ކުރެއްވީ، ފުރިހަމަ ކުރެއްވި ކޯހުން ލިބިވަޑައިގެންނެވި މަޢުލޫމާތާއި ދަސްކުރެއްވި އެއްޗެހީގެ އަލީގައެވެ.

ކޮންމެ އަހަރަކުވެސް ސްކޫލްތަކުގެ ދިރާސީ އަހަރު ފެށުމުގެ ތައްޔާރީތައް ވަމުންދާ ދުވަސްވަރަކީ، ޝަމީމާވެސް ވަރަށް ބުރަކޮށް އަވަދިނެތި އުޅުއްވަމުން ގެންދަވާ ދުވަސްވަރެކެވެ. އޭރު މާލޭގައި ފަހާ ތަންތަނާއި، ސްކޫލް ކުދިންގެ ބެޖާއި ޓައީ ހަދައިދޭ ތަންތަން މަދުކަމާއެކު، ޔުނީފޯމު ފެހުމާއި، ބެޖާއި ޓައީ ހެދުމުގެ އޯޑަރުތައް ގިނައަދަދަކަށް ލިބޭތީ މިކަމުގައި ވަރަށްގިނަ ވަގުތު ހޭދަކުރައްވަން ޖެހެއެވެ. ޝަމީމާ އަމިއްލަފުޅަށްވެސް ގިނަ އަދަދެއްގެ ޔުނީފޯމުތައް ފައްސަވައި، ބެޖުތަކާއި ޓައީތައް ހައްދަވަމުން ގެންދެވިއެވެ.

ޝަމީމާގެ މަސައްކަތަށް ޢާންމުންގެ އިތުބާރު ލިބިވަޑައިގެންފައިވާކަމީ، މި މަސައްކަތުގައި އިތުރަށް ކުރިއަށް ވަޑައިގަތުމަށް ލިބިވަޑައިގެންފައިވާ ވަރަށްބޮޑު ހިތްވަރެކެވެ. އޭރުވެސް ޝަމީމާގެ ޢަޒުމަކަށްވީ، ޔުނީފޯމެއް ކަމަށްވިޔަސް، އެހެން ވައްތަރެއްގެ ހެދުމެއް ކަމަށްވިޔަސް، އެ ބޭނުންވާ ގަޑިއަކަށް އެކަން ނިންމެވުމެވެ. ޢާންމުންގެ އިތުބާރު އޭނާ ހޯއްދެވީ މިގޮތުގެމަތިން މަސައްކަތް ކުރައްވައިގެންނެވެ.

ފަހާފޮށިން މާޖަހަން ދަސްކޮށްދެއްވުމުގެ މަސައްކަތް ޝަމީމާ ކަނބުލޭގެފާނު ފެށްޓެވީ 1986 ވަނަ އަހަރުގައެވެ. މިމަސައްކަތް ފުޅާ ދާއިރާއެއްގައި ކުރެއްވުމުގެ ގޮތުން [ސަރަނގު ޖަރީ]ގެ ނަމުގައި ކްލާހެއް ރަޖިސްޓަރީ ކުރައްވައިގެން، އެ ކްލާސްތައް ނިންމާ ފަރާތްތަކަށް ސެޓްފިކެޓް ދެއްވަމުން ގެންދެވިއެވެ. ފެހުމުގެ ދާއިރާއިން މީހުން ތަމްރީނު ކުރައްވަން ޝަމީމާ ފެށްޓެވީ 2005 ވަނަ އަހަރުގައެވެ. ފަހަން ދަސްކޮށްދެއްވުމުގެ އިތުރުން، ފޮތީގައި މާޖަހަން ދަސްކޮށްދެއްވުމާއި، ހެދުން ޖަރީކުރުމުގެ ކޯސްތައްވެސް އެމަސައްކަތާއެކު ކުރިޔަށް ގެންދެވިއެވެ. ޝަމީމާކަނބުލޭގެފާނަކީ، ރާއްޖޭގައި މަޝްހޫރު ކަސަބުއެޅި ލިބާހާއެކު ބޭނުންކުރާ ރުމާފަޅިވެސް ހައްދަވާ ބޭކަނބަލެކެވެ.

މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒުން މުޅި ރާއްޖެއަށް ހުޅުވާލައްވައިގެން ކުރިން ބާއްވަވަމުން ގެންދެވި އަތްތެރި މަސައްކަތުގެ މަޢުރަޒުތަކުގައި ޝަމީމާ ކަނބުލޭގެފާނު ވަރަށްގިނަފަހަރު ތަކެތި ބައިވެރިކުރައްވައި، އެކި ވަނަތައް ހާސިލުކުރައްވާފައިވެއެވެ. އަދި މައްޗަންގޮޅީ އަވަށުން މަޢުރަޒުގައި ބައިވެރިކުރާ ތަކެތިވެސް ހައްދަވައިދެއްވައި، އަވަށުން މަޢުރަޒުގައި ބައިވެރިވާ މީހުންނަށް އެހީތެރިކަން ދެއްވަމުންވެސް ގެންދެވިއެވެ.

ޝަމީމާކަނބުލޭގެފާނަށްވަނީ، ފެހުމާއި ޖަރީގެ މަސައްކަތް ކުރުމުގެ ރޮނގުން 1993 ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި 2007 ވަނަ އަހަރުވަނީ އިޖުތިމާޢީ ޚިދުމަތް ކުރުމުގެ ދާއިރާއިންވެސް ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ޝަމީމާ ކަނބުލޭގެފާނަކީ، މާފަންނާއި، ޚާއްޞަކޮށް މައްޗަންގޮޅީ އަވަށުގެ އިޖުތިމާޢީ ވަރަށްގިނަ ކަންކަމުގައި ވަރަށް ކުރިއްސުރެ ޢަމަލީގޮތުން ބައިވެރިވެވަޑައިގެން ހިލޭސާބަހަށް މަސައްކަތްތައް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. 1979 ވަނަ އަހަރު މާލޭ ފަޅުން ބިން ހިއްކުމާއި، މާލޭގެ މަގުތައް ހެދުމުގެ މަސައްކަތް ފެށިގެންދިޔައިރު، އެ މަސައްކަތްތަކުގައި އޭރު އުޅުނު މީހުންނަށް ހިތްވަރު ދެއްވުމުގެ ގޮތުން އެކިއެކި ފަރިވަޅުތައް ތައްޔާރުކުރައްވައި، ވަރަށް ފޯރިއާއެކު މާލޭގެ އަވަށްއަވަށުން ކުރަމުން ގެންދިޔަ މަސައްކަތާއެކު މައްޗަންގޮޅީ އަވަށުންވެސް އެންމެ އިސް ދައުރެއް އަދާކުރެއްވި އަދި އެންމެ ޙަރަކާތްތެރި އެއްބޭފުޅަކީ ޝަމީމާއެވެ. އަދި މައްޗަންގޮޅީ އަވަށުގައި ހިންގި އިޖުތިމާޢީ ވަރަށް ގިނަ ކަންކަމުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅެއްވެސްމެއެވެ. އިޖުތިމާޢީ ގޮތުން ކުރެއްވި މަސައްކަތްތަކުގެ އަގު ވަޒަން ކުރައްވައި، ސަރުކާރުން 1980 ވަނަ އަހަރު ޝަމީމާއަށްވަނީ "ކަމުވޮށިކަމުގެ ދަރަޖަ" އަރުވާފައެވެ. [ކަނބުލޭގެފާނު] ގެ ނަމުން މުޚާޠަބު ކުރެވެން ފެށީ، ކަމުވޮށިކަމުގެ ދަރަޖަ ލިބިވަޑައިގެންނެވި ހިސާބުން ފެށިގެންނެވެ.

ޝަމީމާ ކަނބުލޭގެފާނަށް ޖަމާޢަތަށް ފައިދާހުރި މަސައްކަތް ކުރުމުގެ ރޮނގުން މިއަދު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާއިރު، އޭނާއަށް ލިބިވަޑައިގަންނަވާ އެންމެބޮޑު އުފާފުޅަކީ، މި މަސައްކަތުގައި ކުރިއަށް ވަޑައިގަންނަވާނެ އޭނާގެ ބޭފުޅުން ތިއްބެވިކަމެވެ.