އަލްފާޟިލް އަޙްމަދު މާހިރު
މއ.ރައުފަތުގެ

ފަތުރުވެރިކަމުގެ ދާއިރާއިން، ޝަރަފުވެރިކަމުގެ ޤައުމީ އިނާމު މިއަހަރު ލިބިވަޑައިގަންނަވާ އަޙްމަދު މާހިރަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މެދުނުކެނޑި ޚިދުމަތް ކުރައްވަމުން ގެންދަވާތާ 45 އަހަރަށްވުރެ ގިނަދުވަސް ވެފައިވާ ބޭފުޅެކެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް ވެދެވަޑައިގަތީ، ސްރީލަންކާގައި ކިޔަވައި ވިދާޅުވާން ހުންނެވި ދުވަސްވަރު 1973 ވަނަ އަހަރުގައެވެ. އަޙްމަދު މާހިރުގެ މި ދާއިރާގެ ފުރަތަމަ ތަޖުރިބާއަކީ، އޭރު ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވަމުންދިޔަ އެއް އޭޖެންސީ ކަމުގައިވާ [މިޔުމަން ޓޫރިސްޓް އޭޖެންސީ]ގެ ފަރާތުން އަރިއަތޮޅު އުތުރުބުރީ ކުރަމަތީގައި ބަނޑަހަ ޖަހައިގެން ފަތުރުވެރިންގެ ގްރޫޕެއްގެ ޗުއްޓީގެ އުފާތައް ހާސިލުކޮށްދެއްވި ހާސިލުކޮށްދެއްވުމެވެ. ދަތުރުފަތުރާއި މުވާޞަލާތުގެ ޚިދުމަތްތައްވެސް ދަތި އެ ދުވަސްވަރު، މާހިރު އެ ކުރެއްވި ތަޖުރިބާއިން މާލެއާ ދުރު ރަށްތަކަށް ޓޫރިސްޓުން ގެންދިޔުމަށް ދޮރުތައް ހުޅުވިގެންދިޔަ ދިޔުން ފާހަގަކޮށްލަންޖެހެއެވެ. މިއީ، މިދާއިރާއިން ކުރިއަށް ވަޑައިގަތުމަށް މާހިރަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު ހިތްވަރެކެވެ.

ކިޔަވައި ވިދާޅުވުމަށްފަހު ރާއްޖެ ވަޑައިގެން، ދިވެހި ޓޫރިޒަމްގެ ޙަޤީޤީ ތަޖުރިބާތަކާ އަޙްމަދު މާހިރު ކުރިމަތިލެއްވިއެވެ. މީގެތެރެއިން ފާހަގަކޮށްލެވޭ އެއްކަމަކީ، ރާއްޖޭގައި ދެވަނައަށް ހުޅުވުނު ބަނޑޮސް އައިލެންޑް ރިޒޯޓްގެ ބަދިގޭގައި، ފަތުރުވެރިންނަށް ކާއެއްޗެހި ތައްޔާރު ކުރެއްވުމުގައި، އަހަރެއްހާދުވަހު މަސައްކަތް ކުރެއްވުމުގެ ތަޖުރިބާއެވެ. އަޙްމަދު މާހިރު ފަތުރުވެރިކަމުގެ ދާއިރާގައި އެޅުއްވި ދެވަނަ ފިޔަވަޅު އަޅުއްވާފައިވަނީ ކުރަމަތީގައެވެ. ޔުނިވަރސަލް އެންޓަރޕްރައިޒަސްގެ ފަރާތުން އެ ރަށް ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ މަސައްކަތް ކުރެއްވި ދުވަސްވަރު، ރިޒޯޓެއްގެ ބިނާވެށި އެކުލަވައިލުމުގެ ޢަމަލީ ތަޖުރިބާ އެރަށުގައި އޭނާ ހޯއްދެވިއެވެ. ކުރަމަތީ ރިޒޯޓް ތަރައްޤީ ކުރުމުގެ މަސައްކަތްޕުޅުގެ ތަޖުރިބާއަށްފަހު ދެން ވަޑައިގެންނެވީ، ޔުނިވަރސަލް އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުގެ އެއަރޕޯޓް ޕަބްލިކް ރިލޭޝަންސް އޮފިސަރެއްގެ މަގާމަށެވެ. އެ މަގާމުގައި ހުންނަވައިގެން، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެންމެ ފުރަތަމަ މަރުޙަބާ ވިދާޅުވެ، ދިވެހިރާއްޖޭގެ ފަތުރުވެރިކަން ފަތުރުވެރިންނާ ގުޅުވައިލެއްވުމުގެ މަސައްކަތްޕުޅު ކުރެއްވިއެވެ.

މި ހިސާބުން އަޙްމަދު މާހިރުގެ މަސައްކަތްޕުޅު ބަދަލުވެގެންދިޔައީ، ބޭރުދުނިޔޭގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރެއްވުމަށެވެ. ޔޫރަޕާއި ދުނިޔޭގެ ތަފާތު އެހެން ޤައުމުތަކުގައިވެސް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރެއްވުމުގައި ކާމިޔާބު މަސައްކަތްޕުޅުތަކެއް ވަނީ ކުރައްވާފައެވެ. ޔުނިވަރސަލް އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން ރާއްޖެއިން ބޭރުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ފެށްޓެވިއިރު އެކަމުގައި އެންމެ އިސްކޮށް ހުންނެވީ މާހިރެވެ. އެ މަސައްކަތް ކުރައްވަމުން ގެންދެވީ، ޔުނިވަރސަލްގެ ސޭލްސް އެންޑް މާކެޓިންގ ޑިރެކްޓަރު ކަމުގެ މަޤާމުގައި ހުންނަވައިގެންނެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން މާލެއާ ދުރު ރަށްރަށަށް ގެންދިޔުމުގެ ހަރުދަނާ ނިޒާމެއް އޭރު ޤާއިމުކުރެވިފައި ނެތުމާއެކު، 1989 ވަނަ އަހަރު މިކަމަށް އިންޤިލާބީ ބަދަލެއް ގެނެވުނެވެ. ފަތުރުވެރިން މަންޒިލްތަކަށް އަވަހަށް ގެންދެވުމުގެގޮތުން ހަމިންގބަރޑް ހެލިކޮޕްޓަރުގެ ޚިދުމަތް ރާއްޖެއަށް ތަޢާރުފުކޮށް، އެއަރޕޯޓާއި ރިޒޯޓްތަކާ ދެމެދު ވައިގެ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރި ކުންފުނީގައި މާހިރު ހިމެނިވަޑައިގެންފައިވަނީ، ކުންފުނީގެ ޑިރެކްޓަރެއްގެ ގޮތުންނާއި ޚަޒާންދާރެއްގެ ގޮތުންނެވެ. މިއީ، ފަތުރުވެރިކަމުގެ ޞިނާޢަތަށް ލިބުނު ކުރިއެރުމެއްގެ އިތުރުން، މިއީ މާކެޓް އޮތް ދާއިރާއެއް ކަމާއި، އިންވެސްޓް ކުރަންވީ ދާއިރާއެއްކަމުގެ ފެހި ސިގްނަލް، މި ޚިދުމަތުގެ ސަބަބުން އެހެން ފަރާތްތަކަށް ލިބިގެންދިޔަ ދިޔުމެކެވެ.

1981ވަނަ އަހަރު ރާއްޖޭގެ އެއަރޕޯޓް، އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ބަދަލުވުމަށްފަހު، ރާއްޖެއަށް ޑައިރެކްޓް ފްލައިޓެއް ޔޫރަޕުން ގެނައުމުގައި މާހިރު އިސް ދައުރެއް އޭރު އަދާކުރެއްވިއެވެ. ރާއްޖެއަކީ ވަކި މަންޒިލެއްގެ ގޮތުގައި ބަލައިގަނެ، ޖަރުމަނު ވިލާތުގެ ކޮންޑޯރ އެއަރލައިން ރާއްޖެ ގެނައުމަށް ފެށްޓެވި މަސައްކަތް ކާމިޔާބު ކުރެއްވިއެވެ. މިކަމަކީ ބޭރުގެ ފަރާތްތަކުގެ އިތުބާރު ރާއްޖެއަށް އިތުރަށް ލިބިގެންދިޔަ ކަމެކެވެ.

ތައިވާނާއި، ރަޝިޔާއާއި، ސްޕެނިޝް މާކެޓް ރާއްޖެއަށް ތަޢާރުފު ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކާއި، ރާއްޖޭގެ ފަތުރުވެރިކަން އިރުމަތީ ޔޫރަޕުގައި އިޝްތިހާރު ކުރެއްވުމަށް މެދުނުކެނޑި މާހިރު ކުރައްވަމުން ގެންދެވި މަސައްކަތްޕުޅުތައް، ޚާއްޞަގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ.

1983 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ޖަރުމަނުވިލާތުގައި ބާއްވަމުން ގެންދާ ދުނިޔޭގެ އެންމެބޮޑު ޓޫރިޒަމް ފެއަރ [އައި.ޓީ.ބީ ބަރލިން ފެއަރ] ގައި ކޮންމެ އަހަރަކުވެސް ބައިވެރިވެވަޑައިގެން، މާހިރު ވަނީ ރާއްޖެ ތަމްސީލު ކުރައްވާފައެވެ. އިޓަލީވިލާތާއި، ފަރަންސޭސިވިލާތާއި، ޖަރުމަނުވިލާތާއި، އިނގިރޭސިވިލާތާއި، ޖަޕާނާއި، ރަޝިޔާގައިވެސް ފަތުރުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް [މިސްޓަރ ޑީޑީ] އަކީ އާ ނަމެއް ނޫނެވެ. އަޙްމަދު މާހިރަކީ، މި ދާއިރާގެ އެންމެންވެސް ދަންނަ ނަމުންނަމަ [މޯލްޑިވްސް ޑީޑީ] އެވެ. މީގެ އިތުރުން، ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުގައި ބާއްވާ އެކިއެކި ފެއަރތކަށް ވަޑައިގެން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރެއްވުމުގެ މަސައްކަތް މިހާރުވެސް ކުރައްވަމުން ގެންދަވައެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ އެއް ޓްރެވަލް އޭޖެންސީ، ޔުނިވަރސަލް އެންޓަރޕްރައިޒަސްގެ ޓްރެވަލް ޑިޕާޓްމަންޓުން ރާއްޖޭގައި ތަމްސީލު ކުރަމުންގެންދާ އޮސްޓްރިއަން އެއަރލައިންސާއި، ކެތޭ ޕެސިފިކްއާއި، ބަލްކަން އެއަރއާއި، ކޮންޑޯރ އެއަރލައިންއާއި، ލުފްތާންސާއާއި، އެލް.ޓީ.ޔޫ.އާއި، އެމިރޭޓްސް އެއަރލައިންގެ ސޭލްސް އޭޖެންޓުކަން ޔުނިވަރސަލްއަށް ހޯއްދަވައިދެއްވުމުގައި މާހިރު އަދާކުރެއްވި ދައުރު ވަރަށްބޮޑެވެ. މިއީ، ރާއްޖެ މާކެޓްކޮށް އިޝްތިހާރު ކުރުމުގައި މާހިރު ހޭދަކުރައްވާފައިވާ ދިގު މުއްދަތުގެ ތަޖުރިބާގެ ނަތީޖާއެވެ.

އަޙްމަދު މާހިރަކީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ބޯޑް މެންބަރު ކަމާއި، ޓޫރިޒަމް އެޑްވައިޒަރީ ބޯޑުގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ޔުނިވަރސަލް އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި މާހިރު ހިމެނިވަޑައިގަންނަވައެވެ. އަދި އެ ކުންފުނީގެ ސޭލްސް އެންޑް މާކެޓިންގ އަދި ބިޒްނަސް ޑިވެލޮޕްމަންޓުގެ އެންމެ އިސް ބޭފުޅެއްގެގޮތުން، އެކަންކަން ބަލަހައްޓަވަމުން ގެންދަވައެވެ. މީގެ އިތުރުން، ޔުނިވަރސަލްއިން ރާއްޖެއިން ބޭރުގައި ހިންގާ ރިޒޯޓުތައް ހިންގެވުމުގައިވެސް ޢަމަލީގޮތުން މާހިރު ބައިވެރިވެވަޑައިގަންނަވައެވެ. އަޙްމަދު މާހިރަށް ފަތުރުވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމު 1990 ވަނަ އަހަރު ސަރުކާރުން ވަނީ އަރުވާފައެވެ.

އަޙްމަދު މާހިރަކީ، އޭނާގެ ތަޖުރިބާތަކުގެ އަލީގައި، ރާއްޖޭގެ ފަތުރުވެރިކަން ބޭރު ދުނިޔޭގައި އިޝްތިހާރުކޮށް ތަޢާރުފުކުރުމުގައި ސަރުކާރުން އެދިވަޑައިގަންނަވާ ލަފައާއި އިރުޝާދު ސަރުކާރަށް އަބަދުވެސް ދެއްވަމުން ގެންދަވާ ބޭފުޅެއްވެސްމެއެވެ.