ފަޟީލަތުއްޝައިޚް އަޙްމަދު ފާރޫޤު މުޙައްމަދު
ހ. ހިތްފަހި

އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު މިއަހަރު ލިބިވަޑައިގަންނަވާ ފަޟީލަތުއްޝައިޚް އަޙްމަދު ފާރޫޤު މުޙައްމަދަކީ، ސަޢޫދީ ޢަރަބިއްޔާގެ އަލްމަދީނަތުލް މުނައްވަރާގެ އަލްޖާމިޢާ އިސްލާމިއްޔާއިން ޙަދީޘް ޢިލްމުން މަތީ ތަޢުލީމު ހާސިލުކުރައްވައިގެން 1982 ވަނަ އަހަރު ރާއްޖެ ވަޑައިގަތީއްސުރެ ދިވެހިރާއްޖޭގައި އިސްލާމީ ތަޢުލީމާއި އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރެއްވުމާއި، ދީނީ ފޮތް އެކުލަވައިލައްވައި ޝާއިޢު ކުރެއްވުމާއި، ދީނީ ޢިލްމުގެ ބައެއް ފޮތްފޮތް ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާފައިވާ، އަދި މިހާރުވެސް އެ މަސައްކަތްތަކުގައި ދެމިހުންނެވި ބޭފުޅެކެވެ.

ފަޟީލަތުއްޝައިޚް އަޙްމަދު ފާރޫޤް މުޙައްމަދުގެ ދީނީ ޚިދުމަތުގެ ފެށުން ގުޅިފައިވަނީ، މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާގެ އިސްލާމިކް ސްޓަޑީޒްގެ މުދައްރިސެއްގެ ގޮތުން އެ ވަޒީފާ އަދާކުރައްވަން ފެށްޓެވީއްސުރެ މިއަދާ ހަމައަށް މެދުކެނޑުމެއްނެތި ކުރައްވަމުން ގެންދެވި މަސައްކަތްޕުޅުތަކާއެވެ. އެގޮތުން، މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާގަޔާއި، މަދުރަސަތުލްޢަރަބިއްޔަތުލް އިސްލާމިއްޔާގައި، އިސްލާމްދީނުގެ ރޮނގުން ދިވެހި މުޖުތަމަޢަށް ޚިދުމަތް ކުރާނެ މުވާޠިނުންތަކެއް ބިނާކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތައް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ.

ފަޟީލަތުއްޝައިޚް އަޙްމަދު ފާރޫޤް މުޙައްމަދަކީ، ސަރުކާރުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވައި، ދެފަހަރެއްގެ މަތިން 30 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ސަރުކާރުގެ ޚިދުމަތް ފުރަތަމަ ފެށްޓެވީ 1967 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހު ވުޒާރަތުއްދާޚިލިއްޔާގެ ކާތިބުކަމުގެ ވަޒީފާއިންނެވެ. ދީނީ ރޮނގުން ކުރެއްވި ޚިދުމަތްތައް ފެށިފައިވަނީ، މަތީ ތަޢުލީމު ހާސިލުކުރައްވައިގެން 1982 ވަނަ އަހަރުގެ ފަހުކޮޅު ރާއްޖެ ވަޑައިގެންނެވި ހިސާބުންނެވެ. ފުރުއްވާފައިވާ ބައެއް މަޤާމުތަކުގެ ތެރޭގައި، މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާގެ ދިރާސާތުލް އިސްލާމުގެ މުދައްރިސް ކަމާއި، އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ މުދީރު ކަމުގެ މަގާމާއި، ޑިޕާޓްމަންޓް އޮފް ރިލިޖަސް އެފެއާޒްގެ ޑިރެކްޓަރ ކަމުގެ މަގާމާއި، އެޓަރނީ ޖެނެރަލްގެ ނާއިބު ކަމުގެ މަގާމާއި، މިނިސްޓަރ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒްގެ ނާއިބު ކަމުގެ މަގާމާއި، މިނިސްޓަރ އޮފް ޖަސްޓިސްގެ ނާއިބު ކަމުގެ މަގާމު ހިމެނެއެވެ. އަދި އެންމެ ފަހުން ހުންނެވީ، އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަގާމުގައެވެ.

އަދާކުރެއްވި ރަސްމީ ވަޒީފާތަކުގެ އިތުރުން، ކީރިތި ޤުރްއާން ދިވެހިބަހަށް ތަރުޖަމާކުރާ ކޮމިޓީގެ މެންބަރުކަމާއި، މިސްކިތްތަކާބެހޭ ޤައުމީ މަޖިލީހުގެ މެންބަރުކަމާއި، ޒަކާތާބެހޭ ކަންކަމުގައި ލަފާދޭ ކޮމިޓީގެ މެންބަރުކަން ކުރެއްވުމުގެ އިތުރުން، ދިވެހި ރައްޔިތުންނަށް ދީނީ ރޮނގުން އެކި މަޢުލޫމާތުތައް ފޯރުކޮށްދެއްވަމުން ގެންދެވިއެވެ. މީގެއިތުރުން، ރާބިޠަތުލް ޢާލަމިލް އިސްލާމީގެ ފަރާތުން ރާއްޖޭގައި ހުންނަވާ [ވާޢިޡު]ގެ ގޮތުގައި 2008 ވަނަ އަހަރުގެ ނިޔަލަށް ފާރޫޤު ހުންނެވިއެވެ. ރާބިޠަތުލް ޢާލަމިލް އިސްލާމީއިން ޓީ.ވީ މޯލްޑިވްސް މެދުވެރިކޮށް، ކޮންމެ ރަމަޟާން މަހަކު ގެނެސްދިން [ރޯދައާއި ސުވާލު] މި ޕްރޮގްރާމް އުފައްދަވައި ހުށަހެޅުއްވުމުގައި، މެދުނުކެނޑި 21 އަހަރު ވަންދެން މަސައްކަތްޕުޅު ކުރެއްވިއެވެ.

ދިވެހިންގެ ތެރޭގައި އިސްލާމްދީނުގެ ކަންކަން ކުރިއެރުވުމަށް އެމަނިކުފާނު ކުރެއްވި ބުރަ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ޚިދުމަތްތަކުގެ ތެރޭގައި، ތަފާތު ރޮނގުރޮނގުން ދީނީ ޢިލްމުގެ ފޮތްފޮތް ދިވެހިބަހަށް ތަރުޖަމާ ކުރައްވައި، ލިޔުއްވައި ޝާއިޢުކުރެއްވުން ހިމެނެއެވެ. މިގޮތުން ތަފާތު 20 ނަމެއްގައި ފޮތްތައް ތަރުޖަމާ ކުރައްވައި ޝާއިޢު ކުރައްވާފައި ވެއެވެ. އަދި އޭގެއިތުރަށް 19 ފޮތެއް ތަރުޖަމާ ކުރައްވައި ލިޔުއްވައި ފުރިހަމަކުރައްވާފައި ވެއެވެ. އޭގެތެރޭގައި ތަފާތު އުމުރުފުރާތަކަށް އަމާޒުކުރެވިފައިވާ ފޮތްތައްވެސް ހިމެނެއެވެ.

ޝައިޚު ފާރޫޤު ތަރުޖަމާ ކުރައްވާފައިވާ ފޮތްތަކުގެ ތެރޭގައި، މިހާރުވެސް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ [ފިޤުހުއްސުންނާ] ހިމެނެއެވެ. [ފިޤުހުއްސުންނާ] ގެ 4 ފޮތް މިހާތަނަށް ތަރުޖަމާ ކުރައްވައި ޝާއިޢު ކުރައްވާފައި ވެއެވެ. އަދި ޙަދީޘް ފޮތެއްކަމަށްވާ [ރިޔާޟުއްޞާލިޙީން] ގެ ބައިތައްވަނީ، ދިވެހިބަހަށް ތަރުޖަމާ ކުރައްވައި ޝާއިޢު ކުރައްވާފައެވެ. [ފިޤުހުއްސުންނާ] އާއި، [ރިޔާޟުއްޞާލިޙީން]ގެ ތަރުޖަމާތަކަކީ، އޭގައިވާ ކަންކަން ދިރާސާކުރައްވައިގެން ވަރަށް ތަފްސީލުކޮށް ދިވެހިބަހަށް ތަރުޖަމާކޮށްދެއްވާފައިވާ ވަރަށް ފައިދާކުރަނިވި މަސައްކަތްޕުޅުތަކެކެވެ.

ޝައިޚް ފާރޫޤުގެ ތަރުޖަމާތަކުގެ ތެރެއިން، ޒަކާތުގެ އެކިއެކި މައުޟޫޢުތަކުގެ މައްޗަށް ތަރުޖަމާ ކުރައްވާފައިވާ ފޮތްބައި ފާހަގަކޮށްލަންޖެހެއެވެ. މީގެ އިތުރުން [މައިންބަފައިންނަށް ކިޔަމަންވުން] މި މައުޟޫޢުގެ ދަށުން ތަރުޖަމާ ކުރައްވާފައިވާ ފޮތާއި، [ބޮޑެތި ފާފަތަކުން ރައްކާތެރިވުން] [ޢުލޫމުލްޙަދީޘް] ކުޑަކުދިންނަށް ޚާއްޞަކުރައްވައިގެން ލިޔުއްވި [ކީރިތި ޤުރްއާނުގެ ވާހަކަތައް] ފާހަގަކުރެވެއެވެ. އަދި [މައްޔިތާގެ ހަދިޔާ] [ސުވަރުގެ ލިބިގަތުމަށް އަވަސްވާނީ ކާކު ހެއްޔެވެ؟] މިފަދަ މައުޟޫޢުތަކުގެ ފޮތްތައްވެސް ތަރުޖަމާ ކުރައްވާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ހިޖުރައިން 1403 ވަނަ އަހަރުން ފެށިގެން 1428 ވަނަ އަހަރުގެ ރަމަޟާން މަހުގެ ނިޔަލަށް، މެދުކެނޑުމެއްނެތި 25 އަހަރު، ކޮންމެ އަހަރަކު ރަމަޟާން މަސް އިޙްޔާ ކުރުމުގެ ޕްރޮގްރާމުތަކުގައި ބައިވެރިވެވަޑައިގެން، ޢަރަބި އިސްލާމީ ޤައުމުތަކުގެ ޢިލްމުވެރިން ޢަރަބިބަހުން ދެއްކެވި ވާހަކަފުޅުތައް ވަގުތުން ތަރުޖަމާ ކުރެއްވުމަކީ، ފާރޫޤުގެ ޚާއްޞަ ފަންނެއް ފެނިގެންދިޔަ އަގުހުރި މަސައްކަތްޕުޅެކެވެ.

ރާއްޖޭގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކުގެ ތެރެއިން، ރާއްޖޭގެ އެކި ރަށްރަށަށް އެއްފަހަރަށްވުރެ ގިނަފަހަރު ޒިޔާރަތް ކުރައްވައި، ދީނީ ތަޤްރީރުތައް ދެއްވައި، ރައްޔިތުން ހޭލުންތެރިކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކޮށްލެވެއެވެ. އަދި ސަރުކާރުގެ އެކި މުއައްސަސާތަކުން ބާއްވަވާ ދީނީ ވަޢުޡުތަކުގައި ބައިވެރިވެވަޑައިގެން ތަފާތު މައުޟޫޢުތަކަށް ޢިލްމީ ތަޤްރީރުތައް ޝައިޚް ފާރޫޤް ކުރައްވާފައި ވެއެވެ. ޚާއްޞަކޮށް އެމް.އެން.ޑީ.އެފް. އިން ހިންގަވާ ދީނީ ނަސޭހަތް ދެއްވުމުގެ ޕްރޮގްރާމުތަކުގަޔާއި، ޓްރާންސްޕޯޓް މިނިސްޓްރީން ހިންގެވި ސީމަނުން ތަމްރީނު ކުރެއްވުމުގެ ޕްރޮގްރާމުތަކުގައިވެސް ޝައިޚް ފާރޫޤް އަދާކުރައްވާފައިވާ ދައުރު ހަނދާންކޮށްލަންޖެހެއެވެ.

ޝައިޚް ފާރޫޤަކީ، ދިވެހިރާއްޖޭގެ އަޑާއި، ޓީ.ވީ. މޯލްޑިވްސް މެދުވެރިކުރައްވައި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް، ދީނުގެ ޙުކުމްތަކާއި ކަންކަން އޮޅުންފިލުއްވައިދެއްވާ ހޭލުންތެރިކުރުވުމުގެ ތަފާތު ޕްރޮގްރާމުތަކުގައި އިރުޝާދު ދެއްވާފައިވާ ބޭފުޅެއްވެސް މެއެވެ. މަޖީދިއްޔާ ސްކޫލުގައި އިސްލާމް މާއްދާ ކިޔަވައިދެއްވި މުދައްރިސެއްގެގޮތުން މަސައްކަތްޕުޅު ކުރެއްވިއިރު ދަރިވަރުން ކިޔަވަން ބޭނުންކުރާނެ [އިސްލާމިކް ސްޓަޑީޒް ގްރޭޑް 9]ގެ ފޮތް ހެއްދެވީ ފާރޫޤެވެ. ހަމަ އެހެންމެ، ބައެއް ނޫސް މަޖައްލާތަކަށާއި، [އަލްމިންބަރު] މަޖައްލާއަށާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވަމުން ގެންދެވި [ދީނުގެ މަގު] އަށް ދިނީ މަޒުމޫނުތައް ލިޔުއްވަމުން ގެންދެވިއެވެ. އަމިއްލަ ވައިބަރ ގްރޫޕެއްގައި 2015 ވަނަ އަހަރުން ފެށިގެން ލިޔުއްވަން ފެށްޓެވި ފެށްޓެވުމެއް ވަކި ހިސާބަކުން ތަރައްޤީވެ، ލިޔުންތެރިންގެ ގުޅުމުގެ ވެބްސައިޓަށް މިހާރުވެސް ލިޔުންތައް ފޮނުއްވަމުން ގެންދަވައެވެ.

ޝައިޚް ފާރޫޤް މިހާރު ރާއްޖެއިން ބޭރުގައި ދިރިއުޅުއްވަމުން ގެންދެވިކަމުގައިވިޔަސް، އިސްލާމިކް މިނިސްޓްރީއާ ގުޅިވަޑައިގެން މިހާރުވެސް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާކަމީ، އަދި އޮންލައިންކޮށް ލިޔުންތައް ލިޔުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމީ، ދީނީ ޢިލްމު ފެތުރުއްވުމަށްޓަކައި ފާރޫޤުގެ ހިތްޕުޅުގައި އުފެދިފައިވާ ލޯބީގެ ވަރުގަދަ ރަމްޒެކެވެ.