ވިޔަފާރީގެ ދާއިރާއަށް ރަޙީމާ އާދަމް ނުކުންނެވީ، 1997 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ. ވިޔަފާރީގެ ތެރެއަށް ވެދެވަޑައިގެންނެވުނީ [މާގިރި ޓުއަރިސްޓް ލޮޖް ގެސްޓްހައުސް] ހިންގުމުގެ ތެރެއިންނެވެ. އެދުވަސްވަރަކީ ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންގެ އަދަދު ވަރަށްމަދު ދުވަސްވަރަކަށްވެފައި، ތަފާތު ގިނަ ގޮންޖެހުންތައް ކުރިމަތިވެވަޑައިގެންނެވި ކަމުގައިވީނަމަވެސް، ކާމިޔާބު ވިޔަފާރީގެ ގޮތުގައި އެ ވިޔަފާރި ކުރިއަށް ގެންދެވުމަށް ގިނަ މަސައްކަތްތަކެއް ރަޙީމާ ކުރެއްވިއެވެ. 2001 ވަނަ އަހަރު [އެބަލޯން ޓޫރިސްޓް އިން] މި ނަމުގައި ގެސްޓުހައުސްއެއް ހުޅުއްވައި، ވިޔަފާރި ތަރައްޤީ ކުރެއްވުމުގެ މަސައްކަތް ފެށްޓެވިއެވެ. އަދި 2004 ވަނަ އަހަރުން ފެށިގެން [ރެޕްލިކާ]ގެ ނަމުގައި ފޮޓޯކޮޕީ ނެގުމާއި، ޕްރިންޓް ކުރުމާއި އަދި ޑިޒައިން ކުރުމުގެ މަސައްކަތް ފަށްޓަވައި، މެދުނުކެނޑި 9 އަހަރު ދުވަސް ވަންދެން އެ މަސައްކަތް ހިންގެވިއެވެ.
އަމިއްލަ ވިޔަފާރި ކުރައްވަން ފެށްޓެވުމުން، އަންހެނުންނަށް ފައިސާގެގޮތުން މިނިވަންކަން ލިބުމުގެ މުހިންމުކަން ރަޙީމާއަށް އިޙުސާސް ކުރެއްވުނެވެ. 2002 ވަނަ އަހަރު މޯލްޑިވްސް ނޭޝަނަލް ޗެމްބަރ އޮފް ކޮމާރސް އެންޑް އިންޑަސްޓްރީޒްގެ ވިމެން އޮން އޮންޓަރޕްރިނިއަރޒް ކައުންސިލާ، އޭނާ ގުޅިވަޑައިގެންނެވިއެވެ. އަދި އެ ކައުންސިލްގެ ނައިބު ރައީސާއެއްގެ ހައިސިއްޔަތުން އަންހެނުން އިޤްތިޞާދީގޮތުން ބާރުވެރިކުރުވުމުގެ މަސައްކަތް، 2004 ވަނަ އަހަރު އޭނާ ފެށްޓެވިއެވެ. އެގޮތުން ހިންގުނު ތަފާތު ޕްރޮގްރާމްތަކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެން، މި ރޮނގުން އަންހެނުން ތަމްރީނު ކުރުމުގެ މަސައްކަތް، އަތޮޅުތެރޭގައިވެސް ފެށްޓެވިއެވެ. ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އަންހެނުންނަށް ޚާއްޞަ ކުރެވިގެން 2005 ވަނަ އަހަރު ބޭއްވުނު، އަންހެނުންގެ ޓްރޭޑް ފެއަރގައި ޢަމަލީގޮތުން މަސައްކަތް ކުރައްވައި، ކާމިޔާބު ފެއަރއަކަށް އެ ފެއަރ ހެއްދެވުމަށްޓަކައި އިސް ދައުރެއް ރަޙީމާ އަދާކުރެއްވިއެވެ.
2008 ވަނަ އަހަރު ޗެމްބަރ އޮފް ކޮމާރސް އިން ވަކިވެވަޑައިގެން، އަންހެނުންގެ ކުރިއެރުވުމަށް މަސައްކަތް ކޮށްދެއްވުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި އަދި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއެކު ހިލޭސާބަހަށް ރަޙީމާ މަސައްކަތް ކުރައްވަން ފެށްޓެވިއެވެ. ވިމެން އޮންޓެޕްރިނިއަރޝިޕް ޑިވެލޮޕްމަންޓްގެ ދާއިރާއިން ތަފާތު ތަމްރީނުތައް ހައްދަވައި، 2012 ވަނަ އަހަރު އިންޑިއާގެ ހައިދަރުއާބާދުން އިންޓަރނޭޝަނަލް ޓްރޭނިންގ އޮފް ޓްރެއިނަރ ފޮރ އޮންޓްރޮޕްރިނިއަރޝިޕް ޑިވެލޮޕްމަންޓްގެ ސެޓްފިކެޓް ހާސިލު ކުރެއްވިއެވެ. އަދި 2011 އިން 2013 އަށް އެސް.އެމް.އީ ކައުންސިލްގެ ނަމުގައި ޔޫތު މިނިސްޓްރީން ހިންގަވަމުން ގެންދެވި ކައުންސިލްގެ ސްޓިއަރިންގ ކޮމިޓީގެ މެންބަރު ކަމުގައި އޭނާ ހުންނެވިއެވެ.
2010 ވަނަ އަހަރުން ފެށިގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ބިޒްނަސް ކައުންސިލްގައި، އަންހެން ވިޔަފާރިވެރިން ކުރިއެރުވުމަށް މަސައްކަތް ކުރައްވާ ފަރާތެއްގެ ގޮތުގައި ރަޙީމާ ގެންދަވަނީ ތަމްސީލު ކުރައްވަމުންނެވެ. އަންހެނުން ބާރުވެރިކުރުވުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން 2012 ވަނަ އަހަރުން ފެށިގެން ވާރލްޑް ބޭންކުގެ ސައުތު އޭޝިއާ އަންހެނުންގެ ނެޓްވާރކް (ބީސް)ގެ މެންބަރަކަށްވުމުގެ ފުރްޞަތު ލިބިވަޑައިގެންނެވިއެވެ. [އެސޯސިއޭޝަން އޮފް ލޭޑީ އޮންޓެޕްރިނިއަރސް]ގެ ނަމުގައި އަމިއްލަ ޖަމުޢިއްޔާއެއް، 2012 ވަނަ އަހަރު އުފައްދަވައި، ރާއްޖޭގެ އަތޮޅުތަކުގައި މަސައްކަތް ކުރައްވާ އަންހެނުންނަށް އެ ޖަމުޢިއްޔާގެ ފަރާތުން ތަފާތު ޕްރޮގްރާމްތައް މެދުނުކެނޑި ގެންދަވަނީ ހިންގަވަމުންނެވެ. އަންހެނުންނަށް ހިންގަވައިދެއްވާ ޕްރޮގްރާމްތަކުގެ ތެރޭގައި ބިޒްނަސް މެނޭޖްމަންޓް، މާކެޓިންގ، އެގްރިކަލްޗަރ، އަދި މޮޑަން ޓެކްނޮލޮޖީ ހިމެނެއެވެ. އަދި ރާއްޖެއިން ބޭރުގައި ވިޔަފާރީގެ ދާއިރާއިން ކިޔެވުމުގެ ފުރުޞަތު އޭނާ ގެންދަވަނީ އެކިފަރާތްތަކަށް ހޯއްދަވައިދެއްވަމުންނެވެ.
ބައިނަލްއަޤްވާމީ ފެންވަރުގައި އަންހެނުން ބާރުވެރިކުރުވުމަށް އިނގިރޭސިވިލާތުގެ [ޝެރީ ބްލެއަ ފައުންޑޭޝަން ފޮރ ވިމެން]ގެ މެންޓޯއެއްގެ ހައިސިއްޔަތުން ބޭރު ޤައުމުތަކުގެ އަންހެނުން މެންޓަރ ކުރެއްވުމުގެ މަސައްކަތް ރަޙީމާ ގެންދަވަނީ ކުރައްވަމުންނެވެ. ރަޙީމާއަށް ވަނީ ސްރީލަންކާގެ ވިމެން ޗެމްބަރގެ ފަރާތުން ދެވޭ [އެވޯޑް ފޮރ އެކްސަލަންސް އިން އޮންޓެޕްރިނިއަރޝިޕް އިން ސާކް ރީޖަން] 2006 ވަނަ އަހަރު ލިބިވަޑައިގެންފައެވެ. މިހާރު ރަޙީމާއަކީ 2015 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި [ކައުންސިލް ފޮރ އިކޮނޮމިކް އެމްޕަވަރމަންޓް އޮފް ވިމެން]ގެ މެންބަރެއްވެސްމެއެވެ. އެ ކައުންސިލަށް އޭނާ ހޮވިވަޑައިގެންފައިވަނީ، އަންހެނުން އިޤްތިޞާދީ ގޮތުން ކުރިއެރުވުމަށް މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާތަކުގެ ތެރެއިންނެވެ.