ޕަރފޯމިންގ އާޓްސްގެ ދާއިރާއިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ މަރްޔަމް އުނޫޘާއަކީ، މިއަދު ރާއްޖޭގައި ތިއްބެވި ޒުވާން ލަވަކިޔުންތެރިންގެ އެންމެ ކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެތައް ބައެއްގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ އުނޫޘާގެ ހިތްގައިމު އަޑާއި، ލަވަ ވިދާޅުވުމުގެ ހުނަރާއެކު، ދިވެހި އެތައް ބައެއްގެ، ޚާއްޞަކޮށް ޒުވާނުންގެ ހިތްތައް އޭނާވަނީ އަތުލައްވާފައެވެ.
އުނޫޘާ އަޅުގަނޑުމެންގެ ތެރެއަށް ތަޢާރުފުވެގެންދިޔައީ ޓެލެވިޜަން މޯލްޑިވްސުން ސްކޫލްތަކުގެ މެދުގައި ބާއްވަވަމުން ގެންދެވި ލަވަ މުބާރާތުންނެވެ. 1999 ވަނަ އަހަރު އެ މުބާރާތުގެ 16 އަހަރުން ދަށުގެ ޢުމުރުފުރައިން 2 ވަނަ ހޯއްދެވިއެވެ. އެއީ އުނޫޘާގެ ކާމިޔާބީތަކުގެ ފެށުމެވެ. އޭގެފަހުން 2001 ވަނަ އަހަރާއި، 2002 ވަނަ އަހަރާއި، 2003 ވަނަ އަހަރު އޭނާ ބައިވެރިވެވަޑައިގެންނެވި ޢުމުރުފުރައިން 1 ވަނަ ހޯއްދެވިއެވެ. އަދި އެ 3 އަހަރު މުޅި މުބާރާތުގެ ސީނިއަރ ގްރޫޕުން 1 ވަނަ ހޯއްދެވިއެވެ. އަދި މުބާރާތުގެ އެންމެމޮޅު އަންހެން ލަވަކިޔުންތެރިޔާގެ މަޤާމާއި، މުބާރާތުގެ އެންމެމޮޅު ލަވަކިޔުންތެރިޔާގެ މަޤާމުވެސް އޭނާ ހާސިލު ކުރެއްވިއެވެ.
2007 ވަނަ އަހަރުން ފެށިގެން ޤައުމީ ފެންވަރުގެ އެތައް އެވޯޑެއް އުނޫޘާއަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި އެނޫން އެހެން ފަރާތްތަކުން ބޭއްވި މުބާރާތްތަކުންވެސް އެންމެމޮޅު އަންހެން ލަވަކިޔުންތެރިޔާގެ މަޤާމު އުނޫޘާ ހާސިލުކުރެއްވިއެވެ.
އުނޫޘާއަކީ ރާއްޖޭގެ ލަވަކިޔުންތެރިން އުފެއްދެވުމަށްވެސް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ސްކޫލްތަކުގެ މެދުގައި ބޭއްވޭ ލަވަ މުބާރާތްތަކަށް އެތައް ކުދިންނެއް އޭނާ ތަމްރީނުކޮށްދެއްވާފައި ވެއެވެ. އުނޫޘާ ތަމްރީނުކޮށްދެއްވާ ގިނަ ކުދިން، އެކި މުބާރާތްތަކުން ރަނގަޅު ވަނަތައް ހާސިލުކުރަމުން ގެންގޮސްފައިވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.
އުނޫޘާއަކީ ރާއްޖޭގެ ކުދިބޮޑު އެންމެންގެ ލޯބި ހާސިލު ކުރައްވާފައިވާ ފަންނާނެކެވެ. މިގޮތުން، ކުޑަކުދިންނަށް ޚާއްޞަކޮށްގެން ޓީ.ވީ.އެމް. އިން ގެނެސްދީފައިވާ [ލެޓްސް ސިންގް ވިތު ކިޑީ] ޝޯތަކަކީ ގިނަ ކުޑަކުދިންގެ ލޯބި އުނޫޘާއަށް ލިބިވަޑައިގެންނެވި ޝޯތަކެކެވެ.
ރާއްޖޭގައި ބޭއްވޭ އެކި މުބާރާތްތަކުގެ ފަނޑިޔާރުކަންވެސް އުނޫޘާ ކުރައްވާފައިވެއެވެ. އެންމެފަހުން އުނޫޘާ އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، ރާއްޖޭގެ އެތައް ބައެއްގެ މަޤްބޫލުކަން ހޯދި [މޯލްޑިވިއަން އައިޑޮލް ޝޯ]ގެ ޖަޖުންގެ ޕެނަލުންނެވެ. ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބޭއްވުނު މިފަދަ މުބާރާތެއްގެ ޖަޖުކަން ކުރެއްވުމުގެ ފުރްޞަތު ލިބިވަޑައިގެންނެވިކަން އެއީ، އުނޫޘާގެ ޙަޔާތުގައި މިހާތަނަށް ލިބިވަޑައިގެންނެވި އެންމެބޮޑު އެއް ޝަރަފު ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.
މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގަޔާއި، އަދި ރާއްޖޭގެ އެކި ރިޒޯޓްތަކުގައި އުނޫޘާ އެކި ޝޯތައް ހުށަހަޅުއްވައިދެއްވާފައިވެއެވެ. އުނޫޘާގެ ލަވަތަކަށް ޢާންމުންގެ ތަރުޙީބު ލިބެމުންދާ މިންވަރު، މި ޝޯތަކަށް އެކަނި ބަލައިލިޔަސް އެނގިގެންދެއެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައިވެސް އުނޫޘާއަކީ މަޤްބޫލު ލަވަކިޔުންތެރިއެކެވެ. އޭނާވަނީ ރާއްޖެއިން ބޭރުގައިވެސް އެކި ޝޯތައް ބާއްވަވާފައެވެ. ދިވެހިރާއްޖެ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ޕްރޮމޯޓް ކުރުމުގެ ގޮތުން އުނޫޘާ ވިދާޅުވެފައިވާ [ދަ މޯލްޑިވްސް ސޯންގް] [ސަނީ ސައިޑް އޮފް ލައިފް] އަދި [ދަ މޯލްޑިވްސް] ފަދަ ލަވަތައް ފާހަގަކޮށްލެވެއެވެ.
ބައިނަލްއަޤްވާމީ ކާމިޔާބީތަކަށް ބަލައިލާއިރު، ބޮލީވުޑް ފިލްމަކަށް ލަވައެއް ވިދާޅުވުމުގެ ޝަރަފު އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި ރާއްޖޭގެ ބޭފުޅަކީ އުނޫޘާއެވެ. އަދި އެންމެ ފުރަތަމަ ދިވެހި އަންހެން ލަވަކިޔުންތެރިއެއްގެ އަމިއްލަ ޝޯތަކެއް ރާއްޖެއިން ބޭރުގައި ހުށަހަޅުއްވައިދެއްވީވެސް އުނޫޘާއެވެ. ވަރަށްގިނަ ބައެއްގެ މަޤްބޫލުކަން ލިބުނު މި ދެޝޯއަކީ [އުނޫޘާ ލައިވް އިން ކޮލަމްބޯ] އަދި [އުނޫޘާ ލައިވް އިން ކެރެލާ] އެވެ. މީގެއިތުރުން، 2015 ވަނަ އަހަރު ތުރުކީގެ އިސްތަންބޫލްގައި ބޭއްވުނު [އޭ.ބީ.ޔޫ ޓީ.ވީ ސޯންގް ފެސްޓިވަލް] ގައި އުނޫޘާ ވަނީ ރާއްޖެ ތަމްސީލުކޮށްދެއްވާފައެވެ. އަދި [ސައުންޑްސް އޮފް މޯލްޑިވްސް]ގެ ބްރޭންޑްގެ ދަށުން އުނޫޘާ ވަނީ ދުބާއީ، މެލޭޝިޔާ އަދި ކޮލަމްބޯގައި ޝޯތައް ދެއްވާފައެވެ.
މިއަދު އުނޫޘާއަކީ ސޯޝަލް މީޑިއާގައި ދިވެހިންގެ އެންމެގިނަ ބަޔަކު ބަލައިގެންފައިވާ އެއް ޝަޚްޞިއްޔަތުކަން ފާހަގަކޮށްލަންޖެހެއެވެ. އުނޫޘާގެ އުންމީދަކީ، މި ރޮނގުން ކުރިއަށް ވަޑައިގެން، ރާއްޖެއަށް ބައިނަލްއަޤްވާމީ ފެންވަރުގެ ރަން ވަނަތަކެއް ހާސިލުކޮށްދެއްވުމެވެ. އަދި އަމިއްލަ ދިވެހި އުފެއްދުންތަކެއް ކުރިއަށް އޮތް ތާނގައިވެސް ހުށަހަޅުއްވައިދެއްވުމެވެ.