ވިޜުއަލް އާޓްސްގެ ދާއިރާއިން، ލިޔުމާއި ކުރެހުމާއި ފަރުމާ ކުރުމުގެ ރޮނގުން ކާނަލް ޢަބްދުލްމަތީން އަޙްމަދަކީ، ވަރަށް ފާހަގަކުރެވޭ ބޭފުޅެކެވެ. ކުރެހުމުގެ ދާއިރާއަށް ވެދެވަޑައިގެންފައިވަނީ، އީ.ޕީ.އެސް ސްކޫލްގައި ތަޢުލީމު ހާސިލު ކުރެއްވި ދުވަސްވަރުއެވެ. ފައިން އާޓްސްއަކީ، ސްކޫލްގައި ކިޔަވައިދޭ މާއްދާއަކަށް ނުވާތީ، އެ މަސައްކަތް އަމިއްލަފުޅަށް ދަސްކުރައްވަން ފެށްޓެވިއެވެ. މިގޮތުން އެކިއެކި މެގަޒިންތަކުގައި ހުންނަ ކުރެހުންތަކާއި، އެކި މީހުން ކުރަހާފައި ހުންނަ ކުރެހުންތައް ބައްލަވައި، ކުރެހުމުގެ މަސައްކަތް އަމިއްލައަށް ކުރައްވަމުން ގެންދެވިއެވެ. އެގޮތުން ކުރެއްވި މަސައްކަތުން، ސްކޫލުން ބޭއްވި ކުރެހުމުގެ މުބާރާތުންވެސް މަތީ ކާމިޔާބީ ހާސިލުކުރައްވާފައި ވެއެވެ.
ކުރެހުމުގެ ފަންނަކީ އެންމެ ބޮޑަށް ކުރިއަށް ވަޑައިގަންނަވަން ބޭނުންފުޅުވި ފަންނު ކަމުގައިވިޔަސް، އެދުވަސްވަރަށް ބަލާއިރު އެއީ ރަނގަޅު އާމްދަނީއެއް ލިބޭ ކަމެއް ކަމަށް ފެނިވަޑައިނުގަންނަވާތީ، އާމްދަނީ ހޯއްދެވުމުގެ މަޤްޞަދުގައި ސަރުކާރުގެ ވަޒީފާ ޚިޔާރު ކުރެއްވީއެވެ. އެހެންނަމަވެސް، ސަރުކާރުގެ ވަޒީފާގައި ހުންނަވައިގެންވެސް ލިބިވަޑައިގަންނަވާ ހުސްވަގުތު ހޮބީއެއްގެ ގޮތުން، ކުރެހުމާއި ފަރުމާ ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދެވިއެވެ. އެގޮތުން، 1987 ވަނަ އަހަރާއި، 1988 ވަނަ އަހަރު ބޭއްވި، ދިވެހިރާއްޖޭގެ އަތުމަސައްކަތާއި އަތްތެރި މަސައްކަތުގެ މަޢުރަޒުން، ގަލަން ކުރެހުމުން ކާނަލް ޢަބްދުލްމަތީން 2 ވަނަ ހޯއްދަވާފައިވެއެވެ.
1987 ވަނަ އަހަރު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވި ހިސާބުން ފެށިގެން ސިފައިންގެ އެކިކަންކަމާ ގުޅޭ ތަކެތި ފަރުމާ ކުރެއްވުމުގެ ފުރުޞަތު ކާނަލް ޢަބްދުލްމަތީނަށް ފަހިވެގެންދިޔައެވެ. ޔުނިފޯމްތަކާ ގުޅޭ އެކިއެކި ކުރެހުންތައް ފަރުމާ ކުރައްވައި، އެކި ޔުނިފޯމާއެކު ބޭނުންކުރާ މެޑެލްތަކާއި ކުލަތައް ފަރުމާކޮށްދެއްވުމުގެ މަސައްކަތުގައި އުޅުއްވުމުގެ ފުރުޞަތު ޢަބްދުލްމަތީނަށް ލިބިވަޑައިގެންނެވިއެވެ. ކޮމްޕިއުޓަރ ބޭނުންކޮށްގެން ފަރުމާކުރުމުގެ މަސައްކަތް އޭރު ކުރެވެން ނުހުންނާތީ، ހުރިހާ މަސައްކަތެއް އޭރު ކުރެއްވީ އަތުން ކުރައްސަވައިގެންނެވެ. އެމް.އެން.ޑީ.އެފް.ގެ މިހާރުގެ ބެޖަކީވެސް، އެގޮތުން ކާނަލް ޢަބްދުލްމަތީން ފަރުމާކޮށްދެއްވި ބެޖެކެވެ.
މި މަސައްކަތުގެ ތެރެއިން ލިބިވަޑައިގެންނެވި ތަޖުރިބާއާއެކު، ދިވެހިރާއްޖޭގެ ޢިއްޒަތުގެ ޤާނޫނުގައިވާ ޢިއްޒަތްތައް ފަރުމާކުރެއްވުމުގެ ފުރުޞަތު، 1995 ވަނަ އަހަރު ކާނަލް ޢަބްދުލްމަތީނަށް ލިބިވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެދިވަޑައިގަތުމަކަށް ކުރެއްވި މި މަސައްކަތުގައި ގިނަ ތަޖުރިބާތަކެއް އޭނާއަށް ލިބިވަޑައިގެންނެވިއެވެ. މިބާވަތުގެ މަސައްކަތްކުރާ މެލޭޝިޔާގެ ކުންފުންޏަކާ އެކީގައި މި މަސައްކަތް ކުރައްވައި، އިތުރު ތަޖުރިބާތަކެއް ހާސިލު ކުރެއްވިއެވެ. އޭރު ކާނަލް ޢަބްދުލްމަތީން ފަރުމާކުރެއްވި ޢިއްޒަތްތަކުގެ ތެރޭގައި، ނިޝާން ޣާޒީގެ ޢިއްޒަތާއި، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތާއި، ނިޝާން ދަރުމަވަންތަ މަހާރަދުންގެ ޢިއްޒަތާއި، ނިޝާން ޝަހީދު ޢަލީގެ ޢިއްޒަތާއި، ނިޝާން އިސްކަންދަރުގެ ޢިއްޒަތާއި، ނިޝާން ޢަސްކަރީގެ ޢިއްޒަތް ހިމެނެއެވެ. ދިވެހިރާއްޖޭގެ ޢިއްޒަތުގެ ޢިއްޒަތްތައް ފަރުމާކުރެއްވުމަކީ ވަރަށް އުނދަގޫ މަސައްކަތްތަކަކަށްވީނަމަވެސް، މި މަސައްކަތްތަކުން ކާނަލް ޢަބްދުލްމަތީނުގެ ކުރެހުމާއި ފަންނުވެރިކަން ވަރަށް ބޮޑަށް ފެނިގެންދިޔައެވެ. އޭގެފަހުން އެ ޤާނޫނުގެ ދަށުން 2011 ވަނަ އަހަރު އަލަށް ދެއްވަން ފެށްޓެވި ދިވެހި ދައުލަތުގެ ޢިއްޒަތުގެ ދަށުން ކަނޑައެޅުއްވި ޢިއްޒަތްތައްވެސް ފަރުމާކުރެއްވީ ކާނަލް ޢަބްދުލްމަތީނެވެ. އެ ޢިއްޒަތްތަކުގެ ތެރޭގައި، ނިޝާން އާގަނޑުވަރުގެ ޝަރަފުގެ ޢިއްޒަތާއި، ނިޝާން ރެހެންދީގެ ޝަރަފުގެ ޢިއްޒަތާއި، ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތާއި، ނިޝާން ބޮޑުރަސްގެފާނުގެ ޝަރަފުގެ ޢިއްޒަތާއި، ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތާއި، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް ހިމެނެއެވެ.
ކީރިތި ޤުރްއާން ހިތުދަސްކުރައްވާ ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި، ސާނަވީ އިމްތިޙާނުންނާއި، މަތީ ސާނަވީ އިމްތިޙާނުން މުޅި ދުނިޔެއިން 1 ވަނައަށް އަންނަ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލްވެސް ފަރުމާކުރެއްވީ، ކާނަލް ޢަބްދުލްމަތީން އަޙްމަދެވެ. [މިނިވަން 50ގެ ޝަރަފުގެ އައްޑަނަ] ފަރުމާކުރެއްވީވެސް ކާނަލް ޢަބްދުލްމަތީން އަޙްމަދެވެ. މިހުރިހާ މަސައްކަތެއްވެސް އޭނާ ކޮށްދެއްވާފައިވަނީ ހިލޭ ސާބަހަށެވެ.
ކާނަލް ޢަބްދުލްމަތީން އަޙްމަދަށް ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާއިރު، މި ރޮނގުން އޭނާ ކުރިއަށް ވަޑައިގަތުމުގައި، ބްރިގޭޑިއަރ (ރިޓަޔަރޑް) އަޙްމަދު ނަޢީމް މުޙަންމަދުގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި އިރުޝާދާއި އެހީތެރިކަން ޚާއްޞަގޮތެއްގައި ފާހަގަކުރައްވައެވެ.
ކާނަލް ޢަބްދުލްމަތީން އަޙްމަދު އެމް.އެން.ޑީ.އެފް.ގައި އަދާކުރައްވާ ވަޒީފާގެ އިތުރުން، މިހާރުވެސް އޭނާ ގެންދަވަނީ އެކިއެކި ޝަރަފުގެ ނިޝާންތަކާއި، މެޑެލްތަކާއި، ކުލަތައް ފަރުމާކުރެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ.