ސާޖެންޓް އަޙްމަދު ޒުނޭޖް
ރޯޒީވިލާ / ހދ. ނޭކުރެންދޫ

ސާޖެންޓް އަޙްމަދު ޒުނޭޖަކީ ރާއްޖޭގެ ފެތުންތެރިންނަށް އާ ނަމެއް ނޫނެވެ. 1992 ވަނަ އަހަރު އެމް.އެން.ޑީ.އެފް.ގެ ތެރެއިން ސްވިމިންގ އެސޯސިއޭޝަނަށް ފަތަން ދަސްކޮށްދޭ މީހުން ހޯދުމަށް ހުޅުވައިލި ފުރުޞަތުގައި އެކަމަށް ކުރިމަތިލައްވައި، އޭރުއްސުރެ ފެށިގެން މި ދާއިރާއަށް ނުކުމެވަޑައިގެންނެވި ބޭފުޅެކެވެ. މިވޭތުވެދިޔަ 26 އަހަރު ދުވަހުގެ ތެރޭގައި ޒުނޭޖް ވަނީ އެތައް ބަޔަކަށް ފަތަން ދަސްކޮށްދެއްވާފައެވެ. އަދި މި ދާއިރާއިން ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ތަފާތު ގިނަ ތަމްރީނުތައް ވަނީ ފުރިހަމަކުރައްވާފައެވެ. އެންމެފަހުން އޭނާ ފުރިހަމަކުރައްވާފައިވަނީ މިއަހަރުގެ ކުރީކޮޅު އިންޑިއާގެ ބެންގަލޯރުގައި އެމެރިކަން ސްވިމިންގ ކޯޗަސް އެސޯސިއޭޝަނުން ހިންގި ސްވިމިންގ ކޯސް [އަސްކާ ލެވެލް 1، 2، 3] އެވެ.

ރާއްޖޭގެ ސްވިމިންގ އެސޯސިއޭޝަނުން އިންތިޒާމު ކުރައްވައިގެން ފަތަން ދަސްކޮށްދެއްވުމަށް ހިންގެވި އެތައް ޕްރޮގްރާމްތަކެއްގައި ޒުނޭޖްވަނީ އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. 1999 ވަނަ އަހަރު އޭރުގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ފަށްޓަވައިދެއްވި [ކޮންމެ ކުއްޖަކީ ފަތަން ދަންނަ ކުއްޖެއް] މި ޕްރޮގްރާމްގެ އިންސްޓްރަކްޓަރެއްގެ ގޮތުގައިވެސް ޚިދުމަތް ކުރައްވައި، 300 އިންސްޓްރަކްޓަރުން ތަމްރީނުކޮށްދެއްވިއެވެ. މީގެއިތުރުން، 2000 ވަނަ އަހަރު ސަރުކާރުގެ ބައެއް ވަޒީރުންނަށާއި، އެބޭފުޅުންގެ ޢާއިލާތަކުގެ ބައެއް މެންބަރުންނަށް އެމް.އެން.ޑީ.އެފް. އިން ހިންގެވި ފަތަން ދަސްކޮށްދެއްވި ކްލާސްތަކުގައި އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. އަދި 1999 ވަނަ އަހަރު އައްޑުއަތޮޅުގައި ހިންގުނު މޫދު ކާނިވަލްގެ ސްވިމިންގ އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްދެއްވައި، އައްޑޫސިޓީގެ އެކި ރަށްރަށުގެ މީހުންނަށް ހިންގުނު ފަތަން ދަސްކޮށްދޭ ކްލާސްތަކުގަޔާއި، ބ. އަތޮޅުގެ އެކި ރަށްތަކުގައި ހިންގުނު ފަތަން ދަސްކޮށްދޭ ކްލާސްތަކުގައި އިންސްޓްރަކްޓަރެއްގެ ގޮތުން މަސައްކަތް ކުރައްވާފައިވެއެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން އޯޓިޒަމް ކުދިންނަށް ފަތަން ދަސްކޮށްދެއްވުމުގެ މަސައްކަތް އަމިއްލަގޮތުން މިހާރުވެސް އޭނާ ގެންދަވަނީ ކުރައްވަމުންނެވެ. އަދި ވިލިނގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންނަށް [އާކް] ޖަމުޢިއްޔާއާ ގުޅިގެން ފަތަން ދަސްކޮށްދިނުމަށް ހިންގުނު ޕްރޮގްރާމް ރާއްވަވައި، ހިންގުމުގައިވެސް އެހީތެރިކަން ފޯރުކޮށްދެއްވާފައިވެއެވެ. ރާއްޖޭގައި ފުރަތަމަފަހަރަށް އަމިއްލަ ފަރާތަކުން އިސްނަގައިގެން، އަންހެނުންނާއި ފިރިހެނުން އެއްރަށުން އަނެއް ރަށަށް ކަނޑުހުރަސްކޮށް ފެތުމަށް ހިންގި ޕްރޮގްރާމްގައި ބައިވެރިވި މީހުން ތަމްރީނު ކުރުމާއި، މުޅި އިވެންޓް ފަރުމާކުރައްވައި ރާއްވަވައި ހިންގެވީވެސް ޒުނޭޖެވެ. މާލޭގެ ވަރަށްގިނަ ސްކޫލްތަކަށްވެސް ޒުނޭޖްވަނީ ކޯޗުކަން ކޮށްދެއްވާފައެވެ. އަދި އެމް.އެން.ޑީ.އެފް.ގެ އެކިއެކި ޔުނިޓްތަކަށްވެސް އޭނާވަނީ މިރޮނގުން އެހީތެރިވެދެއްވާފައެވެ.

އަޙްމަދު ޒުނޭޖަކީ އެމް.އެން.ޑީ.އެފް.ގެ ސްވިމިންގ އިންސްޓްރަކްޓަރުން ތަމްރީނު ކުރުމަށްޓަކައި އެކުލަވައިލެވުނު ސިލަބަހާއި، ރެކްރޫޓް ޓްރޭނިންގގެ ސިލަބަސް އަލުން މުރާޖަޢާ ކުރުމުގެ މަސައްކަތުގައިވެސް އެހީތެރިވެދެއްވާފައިވާ ބޭފުޅެކެވެ. ޒުނޭޖްގެ ޚިދުމަތްތަކުގެ ތެރެއިން، ފަތަން ދަސްކުރާ ކުދިންނަށާއި މީހުންނަށް ޚާއްޞަ ކުރައްވައިގެން ތައްޔާރުކުރައްވާފައިވާ ފޮތަކީވެސް ފާހަގަކުރެވޭ ޚިދުމަތެކެވެ. [20 ގަޑިއިރުން އަމިއްލައަށް ފަތަން ދަސްކުރެވޭ ޒުނޭޖްގެ ފަތާފޮތް] މިނަމުގައި އޭނާ ލިޔުއްވައި ތައްޔާރުކުރެއްވި ފޮތް މިނިސްޓްރީ އޮފް އެޑިޔުކޭޝަން މެދުވެރިކުރައްވައި ރާއްޖޭގެ ކޮންމެ ސްކޫލަކަށް ވަނީ ހަދިޔާކުރައްވާފައެވެ. މިހާރުވެސް ޒުނޭޖް ގެންދަވަނީ، 3 ފޮތެއްގެ މަސައްކަތާއި، ކަސްރަތު ވީޑިއޯ ސީޑީއެއް ނެރުއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ.

އަޙްމަދު ޒުނޭޖަށް މިއަދު ލިބިވަޑައިގަންނަވާ އުފަލަކީ، އޭނާގެ އިންސްޓްރަކްޓަރު ކަމުގެ ދަށުން ގިނަ އަދަދެއްގެ ފެތުންތެރިން ތަމްރީނު ކުރައްވައި، އެކަމުގެ ޝައުޤުވެރިކަން އެތައް ބައެއްގެ ހިތްތަކުގައި އުފައްދަވާފައިވާކަމެވެ. ކުދިންނަށް ފަތަންދަސްކޮށްދިނުމަށް މައިންބަފައިންނާއި ބެލެނިވެރިން މިކަމަށް ދެއްވާ އަހަންމިއްޔަތު ޒުނޭޖް ޚާއްޞަގޮތެއްގައި ފާހަގަކުރައްވައެވެ.