އަލްފާޟިލް މުޙައްމަދު ޒިލާލް
މ. ޖަޒީމާ

މުޙަންމަދު ޒިލާލްގެ ނަމަކީ ރާއްޖޭގެ ބާސްކެޓް ބޯޅައިގެ ތާރީޚުގައި ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރެވިގެންދާ ނަމެކެވެ. ގިނަ ބަޔަކު ދެކޭގޮތުގައި، ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ހުނަރުވެރި ބާސްކެޓްބޯލް ކުޅުންތެރިޔަކީ ޒިލާލެވެ.

ބާސްކެޓް ބޯޅައަށް އޭނާގެ ހިތްޕުޅުގައި ޝައުޤުވެރިކަން އުފެދުނީ، މަޖީދިއްޔާ ސްކޫލްގައި ތަޢުލީމު ހާސިލު ކުރައްވަން އުޅުއްވިއިރުއެވެ. އޭރު އިންޓަރސްކޫލް އަދި އިންޓަރހައުސް މުބާރާތްތަކުން އެންމެމަތީ ވަނަތައް ހޯއްދެވިއެވެ. ޤައުމީ ފެންވަރުގައި އޭނާ ކުޅުއްވަން ފެށްޓެވީ، ޔުނި ޓުއަރސްއަށް 2002 ވަނަ އަހަރުގައެވެ. 2003 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާ ހަމަޔަށް ވިކްޓްރީ ސްޕޯޓްސް ކްލަބަށް ކުޅުއްވައި، ގިނަގުނަ ކާމިޔާބީތަކެއް ހޯއްދަވައިދެއްވުމަށްފަހު، ޒިލާލް ދެން ބަދަލުވެވަޑައިގަތީ، ޓީ-ރެކްސް ބާސްކެޓް ބޯލް ކްލަބަށެވެ. 2009 ވަނަ އަހަރާއި، 2010 ވަނަ އަހަރު އެ ކްލަބަށް ޤައުމީ ބާސްކެޓް ތަށި ހޯއްދަވައިދެއްވިއެވެ. އޭގެފަހުން 2011 ވަނަ އަހަރު ރެޑްލައިން ކްލަބަށް ބަދަލުވެވަޑައިގެން، 2011 ވަނަ އަހަރާއި، 2013 ވަނަ އަހަރު އެ ކްލަބަށް ޤައުމީ ބާސްކެޓް ތަށި ހޯއްދަވައިދެއްވިއެވެ.

ޒިލާލަކީ، ރާއްޖޭގެ ބާސްކެޓްގެ ތާރީޚުގައި އާދަޔާޚިލާފު ރެކޯޑެއް ހޯދާފައިވާ 3 ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއްވެސްމެއެވެ. ބާސްކެޓް ބޯޅަ ކުޅުއްވަން ފެށްޓެވީއްސުރެ މިއަދާ ހަމަޔަށް މޯލްޑިވްސް ބާސްކެޓްބޯލް ޗެމްޕިއަންޝިޕް މުބާރާތް ކާމިޔާބުކުރި ކޮންމެ ޓީމެއްގައި ޒިލާލް ވަނީ ހިމެނިވަޑައިގެންފައެވެ. މިހާތަނަށް ޖުމުލަ 11 ފަހަރު މި ތަށި އޭނާ ކާމިޔާބު ކުރައްވާފައިވެއެވެ. މީގެއިތުރުން، 2004 ވަނަ އަހަރު އެމް.ބީ.އޭ އިންވިޓޭޝަނަލް ޗެމްޕިއަންޝިޕްގެ އެންމެމޮޅު ކުޅުންތެރިޔާގެ މަޤާމު އަދި 2005 ވަނަ އަހަރާއި، 2011 ވަނަ އަހަރުގެ ޤައުމީ ބާސްކެޓްބޯޅަ މުބާރާތުގެ އެންމެމޮޅު ކުޅުންތެރިޔާގެ މަޤާމު ހޯއްދަވާފައިވެއެވެ. މީގެއިތުރުން، އެމް.ބީ.އޭ ޗެމްޕިއަންޝިޕްގެ ގަދަ 5 ކުޅުންތެރިންގެ ތެރޭގައި 2004، 2008، 2009، 2010، 2011 އަދި 2012 ވަނަ އަހަރު ހިމެނިވަޑައިގެންފައިވެއެވެ. 2012 ވަނަ އަހަރާއި، 2015 ވަނަ އަހަރުގެ ޤައުމީ ބާސްކެޓް ބޯޅަ މުބާރާތުގެ އެންމެގިނަ ޕޮއިންޓް ހޯދި ކުޅުންތެރިޔާގެ މަޤާމާއި، 2012 ވަނަ އަހަރުގެ އެމް.ބީ.އޭ ޗެމްޕިއަންޝިޕް މުބާރާތުގެ އެންމެމޮޅު ކުޅުންތެރިޔާގެ ޝަރަފުވެސް ލިބިވަޑައިގަތީ ޒިލާލަށެވެ. 2004 ވަނަ އަހަރު ޒިލާލް ވަނީ ބާސްކެޓްބޯޅައިގައި ރާއްޖޭގެ ރެކޯޑެއްވެސް ޤާއިމުކުރައްވާފައެވެ. މިގޮތުން، އެއް މެޗެއްގައި އޭނާވަނީ ޓީމަށް 67 ޕޮއިންޓް ހޯއްދަވައިދެއްވާފައެވެ. ހަވީރު ނޫހުން ދެއްވަމުން ގެންދެވި އަހަރުގެ އެންމެމޮޅު ބާސްކެޓް ބޯޅަ ކުޅުންތެރިޔާގެ މަޤާމު، 2008، 2011 އަދި 2012 ވަނަ އަހަރު ޒިލާލް ވަނީ ހޯއްދަވާފައެވެ.

ރާއްޖެއިން ބޭރުގައި ކުޅުއްވި މެޗްތަކުން ޒިލާލް ހޯއްދަވާފައވާ ކާމިޔާބީތަކުގެ ތެރެއިން ބާސްކެޓް ބޯޅައިން ރާއްޖެއަށް މެޑެލް ލިބުނު ދެފަހަރުވެސް ޓީމުގެ ކެޕްޓަންކަން ކުރައްވާފައިވަނީ ޒިލާލެވެ. އެއީ 2011 ވަނަ އަހަރުގެ ބީޗް ގޭމްސްއިން ލޯ މެޑެލް ހާސިލުކުރި މުބާރާތާއި، 2016 ވަނަ އަހަރުގެ ސާބާ ޒޯންގެ ފީބާ އޭޝިއާ ޗެލެންޖްގެ ކޮލިފިކޭޝަންގައި ރިހި މެޑެލް ހާސިލުކުރި މުބާރާތެވެ. މީގެއިތުރުން 2013 ވަނަ އަހަރު ބަންގްލަދޭޝްގެ ޑާކާގައި ބޭއްވުނު ސާބާ ޗެމްޕިއަންޝިޕުން މުޅި މުބާރާތުގެ އެންމެމޮޅު ކުޅުންތެރިޔާގެ މަގާމުވެސް އޭނާ ހޯއްދެވިއެވެ.

ޒިލާލަކީ ބާސްކެޓް ކުޅުއްވުމުގެ އިތުރުން، ތަފާތު ލެވެލްތަކުގެ ކޯޗިންގ ކޯސް ފުރިހަމަކުރައްވައި، މޯލްޑިވްސް އިމިގްރޭޝަންގެ ފިރިހެން ޓީމަށް ކުޅުއްވައި ޗެމްޕިއަންކަން ހޯއްދަވައިދެއްވާފައިވާ، އަދި އެ އޮފީހުގެ އަންހެން ޓީމަށްވެސް ކޯޗްކޮށްދެއްވައި، މަތީ ކާމިޔާބީތައް ހޯއްދަވައިދެއްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން، ވަރަށްގިނަ ސްކޫލްތަކަށާއި، ކްލަބްތަކަށް ކޯޗް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ ކޯޗްކޮށްދެއްވާފައިވާ ސްކޫލްތައް އެކިއެކި މުބާރާތްތަކުން ވަނީ މަތީ ކާމިޔާބީ ހޯދާފައެވެ.

ޒިލާލް މިހާރު ހުންނެވީ މޯލްޑިވްސް އިމިގްރޭޝަންގެ ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރުގެ މަޤާމުގައެވެ. އެ މަޤާމުގައި ހުންނަވައިގެން، އޮފީހުގެ މަސައްކަތްތަކަށް ދަތިނުވާނެ ގޮތަށް ކުޅިވަރުގެ ގަޑިތައް ރާއްވަވައިގެން، މި ރޮނގުން ކުޅިވަރަށް ޚިދުމަތް ކުރައްވަމުން ގެންދަވާކަން އެއީ، މިއަދުގެ ޒުވާނުންނަށް އޭނާ ދައްކަވާ ވަރަށްރީތި މިސާލެކެވެ.