ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި، މީހުން ތަމްރީނު ކުރުމުގެ ރޮނގުން މިއަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅަކީ، ރާއްޖޭގެ ޓޭބަލްޓެނިސްގެ ތާރީޚުގައި ފާހަގަކޮށްލެވޭފަދަ ގިނަގުނަ ކާމިޔާބުތަކެއް ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. މުޢީނާ މުޙަންމަދު ޓޭބަލްޓެނިސް ކުޅުއްވަން ފެށްޓެވީ ޢުމުރުން އެންމެ 7 އަހަރުގައެވެ. ގޭގައި ޢާއިލާގެ މެންބަރުންނާއެކު ކުޅުއްވަން ފަށްޓަވައި، އޭނާގެ ހިތްޕުޅުގައި މި ކުޅިވަރަށް ޚާއްޞަ ޝައުޤުވެރިކަމެއް އުފެދުނެވެ.
ސްކޫލް ދައުރުގައި ޓޭބަލްޓެނިސް މުބާރާތްތަކުގައި ބައިވެރިވެވަޑައިގަންނަވަން ފެށްޓެވިއެވެ. މިގޮތުން، މުޢީނާ އެންމެ ފުރަތަމަ ބައިވެރިވެވަޑައިގަތީ އިސްކަންދަރު ސްކޫލްގެ އިންޓަރހައުސް ޓޭބަލްޓެނިސް މުބާރާތުގައެވެ. އޭގެފަހުން އަމީނިއްޔާ ސްކޫލަށް ބަދަލުވެވަޑައިގެން، 1997 ވަނަ އަހަރު ސްކޫލްތަކުގެ މެދުގައި ބޭއްވުނު ޓޭބަލްޓެނިސް މުބާރާތުން އަމީނިއްޔާ ސްކޫލަށް ޗެމްޕިއަންކަން ހޯއްދަވައިދެއްވުމުގައި މުހިންމު ދައުރެއް މުޢީނާ އަދާކުރެއްވިއެވެ. އަދި އެ މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަމާއި ޑަބަލްސް ޗެމްޕިއަންކަން އޭނާ ހޯއްދެވިއެވެ.
ސްކޫލް މުބާރާތްތަކުގައި މުޢީނާ ހޯއްދެވި ކާމިޔާބީތަކާ ގުޅިގެން ރާއްޖޭގެ ޤައުމީ ޓޭބަލްޓެނިސް ޓީމުން އޭނާއަށް ފުރުޞަތު ލިބިވަޑައިގެން، 1997 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވުނު މުބާރާތުގައި ރާއްޖެ ތަމްސީލުކޮށްދެއްވާފައިވެއެވެ. އޭގެފަހުން 2010 ވަނަ އަހަރާއި، 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގަޔާއި، 2011 ވަނަ އަހަރާއި، 2015 ވަނަ އަހަރު ބޭއްވުނު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބައިވެރިވެވަޑައިގެންފައިވެއެވެ. މީގެއިތުރުން، ކޮމަންވެލްތް ގޭމްސްގަޔާއި ވަރލްޑް ޓޭބަލް ޓެނިސް ޗެމްޕިޢަން ޝިޕް މުބާރާތުގައި ގިނަ އަހަރުތަކެއްގައި ރާއްޖެ ތަމްސީލުކޮށްދެއްވިއެވެ.
މުޢީނާގެ ކުޅިވަރުގެ ޙަޔާތުގައި މިހާތަނަށް ލިބިވަޑައިގެންނެވި އެންމެބޮޑު އެއް ޝަރަފަކީ، ރާއްޖޭގެ ޤައުމީ އަންހެން ސިންގަލްސް ޗެމްޕިއަންކަން ވިދިވިދިގެން 13 ފަހަރު އަދި ޖުމްލަ 15 ފަހަރު ހޯއްދެވުމެވެ. މިއީ ރާއްޖޭގެ އެއްވެސް ކުޅުންތެރިޔަކަށް މިހާތަނަށް ހާސިލު ކުރެވިފައިނުވާ ކާމިޔާބީއެކެވެ. މީގެއިތުރުން މުޢީނާވަނީ ރާއްޖޭގެ ޓޭބަލްޓެނިސް ޑަބަލްސް ޗެމްޕިއަންކަން 11 ފަހަރު އަދި މިކްސްޑް ޑަބަލްސް ޗެމްޕިއަންކަން 12 ފަހަރު ހޯއްދަވާފައެވެ. 2010 ވަނަ އަހަރު ރާއްޖޭގެ މޯސްޓް ވެލިއުބަލް ޓީ.ޓީ ޕްލޭޔަރގެ އެވޯޑާއި، 2014 ވަނަ އަހަރު ސީނިއަރ ކެޓަގަރީން އެންމެމޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް މުޢީނާއަށް ލިބިވަޑައިގެންފައިވެއެވެ.
މުޢީނާއަކީ ބައިނަލްއަޤްވާމީ މައިދާނުގައިވެސް ރާއްޖެ ތަމްސީލުކޮށްދެއްވައި، ރާއްޖެއަށް ރީތިނަން ހޯއްދަވައިދެއްވާފައިވާ ބޭފުޅެކެވެ. މީގެތެރޭގައި، 2011 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން އަންހެން ސިންގަލްސް އިން ރިހި މެޑެލް ހާސިލުކުރެއްވުން ހިމެނެއެވެ. އަދި މިދިޔަ އަހަރު ރީ-ޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އަންހެން ޓީމް އިވެންޓުންނާއި، ޑަބަލްސް އިވެންޓުން މުޢީނާވަނީ ލޯ މެޑެލް ހާސިލު ކުރައްވާފައެވެ. ރާއްޖޭގެ ޓޭބަލްޓެނިހުގެ ރޭންކިންގގެ 1 ވަނަ މަގާމު ވިދިވިދިގެން 15 އަހަރު މުޢީނާ ދިފާޢު ކުރެއްވިއެވެ. އަދި ޤައުމީ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުން މިހާރު ކުޅުއްވާތާ 19 އަހަރު ވެއްޖެއެވެ. 2012 ވަނަ އަހަރުން ފެށިގެން އެކި މުބާރާތްތަކުން މުޢީނާއަށް ލިބިވަޑައިގަންނަވާ ފައިސާ، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށާއި މީހުންނަށް ކެއަރ ސޮސައިޓީ މެދުވެރިކޮށް، ޚައިރާތު ކުރައްވަމުން ގެންދަވައެވެ.
މުޢީނާއަކީ ޓޭބަލްޓެނިސް ކުޅުއްވުމުގެ އިތުރުން، ކޯޗިންގ ދާއިރާގައިވެސް ޙަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން 2000 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރުގެ ނިޔަލަށް މުޢީނާވަނީ ޓޭބަލްޓެނިސް އެސޯސިއޭޝަންގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް (ވައި.ޑީ.ޕީ) ގައި ކޯޗެއްގެ ގޮތުން ޚިދުމަތްކޮށްދެއްވާފައެވެ. އެދުވަސްވަރު އޭނާ ތަމްރީނު ކުރެއްވި ބައެއް ކުދިން މިހާރު ޤައުމީ ފެންވަރުގައި ވާދަކުރަމުން އަންނަކަން ފާހަގަކޮށްލަންޖެހެއެވެ. މީގެއިތުރުން، 2013 އިން 2014 އަށް ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލްގައިވެސް ޓޭބަލްޓެނިސް ކޯޗެއްގެ ގޮތުން ޚިދުމަތް ކޮށްދެއްވާފައި ވެއެވެ.
މުޢީނާ މިހާރު ގެންދަވަނީ ކަސްރަތުގެ ދާއިރާގައިވެސް ޙަރަކާތްތެރިވެވަޑައިގަންނަވަމުންނެވެ. ޒުވާނުންގެ ދާއިރާއިން ކުޅިވަރުގެ ރޮނގުން 2012 ވަނަ އަހަރު ޒުވާނުންގެ އިނާމު މުޢީނާއަށް ވަނީ ލިބިވަޑައިގެންފައެވެ. މުޢީނާގެ އުންމީދަކީ، ޓޭބަލްޓެނިސްގެ ރޮނގުން އަދިވެސް ކުރިއަށް ވަޑައިގަތުމެވެ. އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކުރެވޭ ރާއްޖޭގެ ގިނަ ކުޅުންތެރިންތަކެއް އުފެއްދެވުމެވެ.