އަލްފާޟިލް އަޙްމަދު ޢަބީރު އިސްމާޢީލް
ދަފްތަރު ނަންބަރު: 4753 (ގ.ޕާރނިސް)

ކުޅިވަރު ހިންގުމާއި، ފަންނީ ރޮނގުން ކުޅިވަރަށް ޚިދުމަތް ކުރުމުން މިއަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ އަޙްމަދު ޢަބީރު އިސްމާޢީލަކީ، ޚާއްޞަކޮށް ރާއްޖޭގެ ފުޓްބޯޅައަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އޭނާގެ އެންމެ ޚާއްޞަ ރޮނގަކީ، ފުޓްބޯޅަ ރެފްރީކަން ކުރެއްވުމާއި، ރެފްރީން ތަމްރީނު ކުރެއްވުމެވެ.

ކުޅިވަރުގެ މައިދާނަށް ޢަބީރު ނުކުމެވަޑައިގެންފައިވަނީ، މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާގެ ފުޓްބޯޅަ ޓީމުގެ ޑިފެންޑަރެއްގެ ގޮތުގައި 1986 ވަނަ އަހަރުގައެވެ. ފުޓްބޯޅަ ރެފްރީކަމުގެ 3 މަސްދުވަހުގެ ކޯހެއް ފުރިހަމަކުރެއްވުމަށްފަހު، ރެފްރީކަމަށް އޭނާ ނުކުމެވަޑައިގަތީ މީގެ 26 އަހަރު ކުރިން 1990 ވަނަ އަހަރުގައެވެ. އޭރުއްސުރެ ފެށިގެން ރާއްޖޭގައި މިހާތަނަށް ބޭއްވުނު ގިނަ ފުޓްބޯޅަ މުބާރާތްތަކެއްގައި ރެފްރީކަމާއި އެސިސްޓެންޓް ރެފްރީކަން ޢަބީރު ކުރައްވާފައިވާއިރު، ގިނަ މުބާރާތްތަކެއްގެ ފައިނަލް މެޗްތަކުގައިވެސް ރެފްރީކަމާއި، އެސިސްޓެންޓް ރެފްރީކަން ކުރައްވާފައިވެއެވެ. ޢަބީރު ރެފްރީކަން ކުރައްވާފައިވާ، ފާހަގަކޮށްލެވޭ މުބާރާތްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓަށް ކުޅޭ ޤައުމީ ފުޓްބޯޅަ މުބާރާތާއި، ޒޯން ފުޓްބޯޅަ މުބާރާތާއި، އަތޮޅު ފުޓްބޯޅަ މުބާރާތާއި، ޕްރެޒިޑެންޓްސް އިންވިޓޭޝަން ސޮކަރކަޕް މުބާރާތާއި، ފުޓްބޯލް އެސޯސިއޭޝަން ކަޕް މުބާރާތާއި، ކަޕް ވިނަރސް ކަޕް މުބާރާތާއި، ދިވެހި ލީގް ފުޓްބޯޅަ މުބާރާތް ހިމެނެއެވެ. މީގެއިތުރުން، ރާއްޖޭގެ އެކި ރަށްރަށުގައި އަމިއްލަ ފަރާތްތަކުން، އެފް.އޭ.އެމް.އާ ގުޅިގެން ހިންގާ މުބާރާތްތަކާއި، އެކުވެރިކަމުގެ ބައިނަލްއަޤްވާމީ މެޗްތަކުގައިވެސް ރެފްރީކަން ކުރައްވާފައިވެއެވެ.

ބައިނަލްއަޤްވާމީ ފުޓްބޯޅަ ރެފްރީއެއްގެ ގޮތުގައި ޢަބީރު ހަމަޖެހުނީ 1995 ވަނަ އަހަރުއެވެ. ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ރާއްޖެއިން ބޭރުގައި އެސިސްޓެންޓް ރެފްރީކަން ކުރައްވަމުން ގެންދެވި ކަމަށްވިޔަސް، ރާއްޖޭގައި ކުޅޭ މުބާރާތްތަކުގައި ގިނައިން ކުރައްވަންޖެހެނީ ރެފްރީކަމެވެ. މެދުކެނޑުމެއްނެތި 19 އަހަރު ދުވަހު ރެފްރީކަން ކުރައްވައި، އަދި 14 އަހަރު ދުވަހު ބައިނަލްއަޤްވާމީ މެޗްތަކުގައި ރާއްޖެ ތަމްސީލު ކުރައްވާފައިވެއެވެ. ޢަބީރު ރެފްރީކަން ކުރައްވާފައިވާ، ބައިނަލްއަޤްވާމީ މުބާރާތްތަކުގެ ތެރޭގައި، [ފީފާ ޔޫތު ވާރލްޑްކަޕް ކޮލިފިކޭޝަން]، [އޭ.އެފް.ސީ ކަޕް ވިނަރސް ކަޕް]، [އޭ.އެފް.ސީ އަންޑަރ ޓުވެންޓީ ފުޓްބޯލް ޓޯނަމެންޓް]، [އޭ.އެފް.ސީ އަންޑަރ ސެވަންޓީން ފުޓްބޯލް ޓޯނަމެންޓް]، [އޭޝިއަންކަޕް ކޮލިފިކޭޝަން]، [އޭޝިއަން ގޭމްސް]، [ޓައިގަރކަޕް]، [އެލް.ޖީ ކަޕް]، [މިލީނިއަމް ކަޕް] އަދި [ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް] ހިމެނެއެވެ. ޢަބީރު ރެފްރީކަން ކުރެއްވުން ހުއްޓަވައިލެއްވީ 2008 ވަނަ އަހަރުގެ ފަހުންނެވެ.

ފުޓްބޯޅަ މުބާރާތްތަކުގައި ރެފްރީކަން ކުރެއްވުމުގައި ކެކުޅުމާއި ހިތްދަތިކަމާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަމުގައިވިޔަސް އަދި ނުހަނު އުނދަގޫ މާޙައުލުތަކުގައިވެސް ޢަބީރު މަސައްކަތް ކުރައްވާފައިވަނީ ވަރަށް ކެތްތެރިކަމާ އެކުގައެވެ.

މިހާރު ޢަބީރުގެ އެންމެ މުހިންމު މަސައްކަތަކީ، ރާއްޖޭގައި ފުޓްބޯޅަ ރެފްރީން އުފައްދަވައި ތަމްރީނު ކުރެއްވުމެވެ. ފުޓްބޯޅަ މެޗްތަކުގައި ރެފްރީކަން ކުރާނެ މީހުން މަދުވުމުގެ ސަބަބުން އަމިއްލަފުޅަށް އިސްނަންގަވައިގެން، ރެފްރީން ތަމްރީނު ކުރުމުގެ މަސައްކަތް ފެށްޓެވިއެވެ. މިއަދާ ހަމަޔަށް 400 އަށްވުރެ ގިނަ ރެފްރީން، މާލޭގަޔާއި ރާއްޖޭގެ އެކި އަތޮޅުތަކުގައި ތަމްރީނު ކުރައްވާފައިވެއެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުން ރެފްރީކަމުގެ ތަފާތު ތަމްރީނު ކޯސްތައް އޭނާ މިހާރުވަނީ ފުރިހަމަކުރައްވާފައެވެ. ދުނިޔެ ގަބޫލުކުރާ ފެންވަރުގެ މޮޅު ރެފްރީން އުފެއްދެވުމުގެ މަޤްޞަދުގައި، ޢަބީރު އިސް ދައުރެއް އަދާކުރައްވައިގެން [މޯލްޑިވްސް ފުޓްބޯލް ރެފްރީޒް އެސޯސިއޭޝަން]ގެ ނަމުގައި އެސޯސިއޭޝަނެއްވެސް ރަޖިސްޓަރީ ކުރައްވައި ހިންގަވަމުން ގެންދަވައެވެ. އެ އެސޯސިއޭޝަންގެ ފުރަތަމަ ޖެނެރަލް ސެކްރެޓަރީއެއްގެ ގޮތުން އެސޯސިއޭޝަން ހިންގެވުމުގައި މުހިންމު ދައުރެއް އޭނާ އަދާކުރައްވާފައިވެއެވެ.

ޢަބީރަކީ، ރާއްޖޭގެ ކުޅިވަރަށް ގިނަގުނަ ޚިދުމަތްތަކެއް ހިލޭސާބަހަށްވެސް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން ފުޓްބޯޅައިގެ އިތުރުން، އެތްލެޓިކްސް އެސޯސިއޭޝަންގެ ބައެއް މުބާރާތްތަކުގެ އަމްޕަޔަރުކަން ކުރެއްވުމާއި، ބައިބަލާ އަދި ވާދެމުންފަދަ މުބާރާތްތަކުގެ އަމްޕަޔަރުކަން ކުރައްވަމުން ގެންދަވައެވެ. އަދި ބައެއް ކުޅިވަރު މުބާރާތްތަކުގައި ޑިސިޕްލިން ކޮމިޓީގައިވެސް ޚިދުމަތް ކުރައްވަމުން ގެންދަވައެވެ.