ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާގައި ޙަފްޞީ ޢަބްދުﷲ މަސައްކަތް ފެށްޓެވީ، 2002 ވަނަ އަހަރު ސްކޫލް ދައުރު ނިންމެވުމަށްފަހު، 2003 ވަނަ އަހަރުގެ ޖޫންމަހުއެވެ. އޭނާ ނޫސްވެރިކަމުގެ ދާއިރާއަށް ވެންނެވީ، ދުވަހު ނޫސް އާފަތިހުގެ ކުޑައިގެ ދަށުންނެވެ. އާފަތިސް ނޫހާއި، އާފަތިސް މެނޭޖްމަންޓުން ނެރުއްވި ހަފްތާ މަޖައްލާ [ކުރިފަސް] އަށް ގިނަ ލިޔުންތަކެއް ލިޔުއްވިއެވެ. މިވޭތުވެދިޔަ 13 އަހަރުގެ މުއްދަތުގެ ތެރޭގައި، މީޑިއާގެ ހުރިހާ ވަސީލަތެއްގައި ވަނީ މަސައްކަތްކުރައްވާފައެވެ. މިއަދުވެސް ދައުލަތުގެ މީޑިއާގެ ކުޑައިގެ ދަށުގައިވާ ހުރިހާ މީޑިއަމްއެއްގައި ދަނީ މަސައްކަތްކުރައްވަމުންނެވެ. ލިޔުއްވުމުގެ އިތުރުން، ޕްރޮގްރާމު އުފެއްދެވުމާއި، ހުށަހެޅުއްވުމާއި، ޑައިރެކްޓް ކުރެއްވުމާއި، ކެމެރާ ކުރެއްވުމާއި، އެޑިޓް ކުރެއްވުމުގެ މަސައްކަތް މިހާރުވެސް ކުރައްވަމުން ގެންދަވައެވެ.
އާންމު ޚަބަރުލިޔާ ނޫސްވެރިއެއްގެ ގޮތުގައި ޙަފްޞީ މަސައްކަތް ފެށްޓެވި ނަމަވެސް، މިއަދު އޭނާގެ އެންމެ ޚާއްޞަ ދާއިރާއަކީ، ކުޅިވަރެވެ. އެހެންކަމުން، އެކި ކުޅިވަރުތަކަށް އިސްކަން ދެއްވައިގެން، އެކި ކުޅިވަރުތަކުގެ ޚަބަރާއި ރިޕޯޓުތައް އުފައްދަވައި ގެންދަވަނީ މަޢުލޫމާތު ފޯރުކޮށްދެއްވަމުންނެވެ. އަދި ހުށަހަޅުއްވައިދެއްވަމުންނެވެ.
ނޫސްވެރިކަމުގެ ދާއިރާއަށް މީހުން ބިނާކުރެއްވުމުގައާއި، އެކި ޕްރޮގްރާމުތައް ހިންގަވައިދެއްވުމަކީ، ޙަފްޞީ ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ. ޕަބްލިކް ސަރވިސް މީޑިއާގެ ނިއުސް ކާސްޓަރުން ތަމްރީނު ކުރުމުގެ ޕްރޮގުރާމުތަކުގައި ކުޅިވަރުގެ ޚަބަރުތައް ގެނެސްދޭނެގޮތުގެ މަޢުލޫމާތު ދެއްވާފައިވެއެވެ. މީގެއިތުރުން، އެކިއެކި ކުޅިވަރު އެވޯޑްތައް ދިނުމާއި، އެކި ފަރާތްތަކުން ބާއްވާ ޙަފްލާތައްވެސް ޙަފްޞީ ވަނީ ހުށަހަޅުއްވައިދެއްވާފައެވެ. އަދި ޕީ.އެސް.އެމް. އިން ގެނެސްދޭ ފުޓްބޯޅަ މެޗްތަކުގެ ކޮމެންޓްރީއާއި، އެނޫންވެސް އެހެން މެޗްތަކުގެ ކޮމެންޓްރީ ވަގުތުން ގެނެސްދެއްވާފައިވެއެވެ.
މިހާރު ޕީ.އެސް.އެމް.ގެ ކުޅިވަރު ޚަބަރުތަކާއި، ކުޅިވަރު ރިޕޯޓު ތައްޔާރުކުރާ ޓީމުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ސީދާ ޙަފްސީގެ ބެއްލެވުމުގެ ދަށުން ކުޅިވަރަށް ޚާއްޞަވެ މަސައްކަތް ކުރައްވަމުން ގެންދަވާ މުވައްޒަފުންނެވެ. މިދިޔަ އަހަރާއި މިއަހަރުގެ މިހާތަނަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ހިންގެވި ތަމްރީނު ޕްރޮގްރާމުތަކުގައި ބައިވެރިވެވަޑައިގެން، ސްކޫލްތަކުގެ ދަރިވަރުންނަށާއި، ބެލެނިވެރިންނަށާއި ޓީޗަރުންނަށް މީޑިއާގެ މުހިންމު މަޢުލޫމާތުތައް ޙިއްޞާ ކުރައްވައި، މި ދާއިރާއަށް ސްކޫލްތަކުގެ ދަރިވަރުން ނުކުތުމަށް ބާރުއަޅުއްވައި، އެކުދިންގެ ހިތްތަކުގައި އެކަމުގެ ޝައުޤުވެރިކަން އުފެއްދެވުމަށް ޙަފްޞީ ވަނީ މަސައްކަތް ކުރައްވާފައެވެ. އޭނާއަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރެކެވެ. މީގެއިތުރުން، އއ. ރަސްދޫ ޖަމުޢިއްޔަތުލް ޢުލޫމުން ހިންގި ނޫސްވެރިކަމުގެ އަސާސީ ތަމްރީނު ޕްރޮގްރާމުގައި ކިޔަވައިދެއްވައި، އެ ރަށުގެ ސްކޫލްތަކުގެ ދަރިވަރުން މި ދާއިރާއަށް ޝައުޤުވެރިކުރެއްވުމަށް މަސައްކަތްތަކެއް ކުރައްވާފައިވެއެވެ.
މިވޭތުވެދިޔަ ދިގު މުއްދަތުގައި ޙަފްޞީވަނީ، އަމިއްލަ ޕްރޮގްރާމުތައް އުފައްދަވައި، ޑައިރެކްޓް ކުރައްވާފައެވެ. އެގޮތުން ކުޑަކުދިންނަށް ކުޅިވަރު ދަސްކޮށްދެއްވުމަށް އުފައްދާ ޕްރޮގްރާމާއި، ކުޅިވަރުގެ ތާރީޚު ގެނެސްދިނުމަށް ކުރަމުންދާ މަސައްކަތްތަކާއި، ޒުވާން ކުޅުންތެރިން ޕްރޮމޯޓް ކުރުމަށް ކުރާ މަސައްކަތްތަކާއި، ކުޅިވަރުގެ ލެޖެންޑުންނަށް ޚާއްޞަކޮށްގެން، ގެނެސްދެއްވާ ޕްރޮގްރާމާއި، އަތޮޅުތެރޭގައި ހިނގަމުންދާ ކުޅިވަރުތައް ޕްރޮމޯޓް ކުރައްވައި، އެކި ރަށްރަށަށް ޚާއްޞަ ކުރައްވައިގެން ގެނެސްދެއްވާ ޕްރޮގުރާމުތައްވެސް ހިމެނެއެވެ. މިދިޔަ އަހަރުތަކުގެ ތެރޭގައި ނޫސްވެރިއެއްގެ ގޮތުން، ޚަބަރާއި މަޢުލޫމާތު ފެތުރުއްވުމަށް ރާއްޖޭގެ ހުރިހާ އަތޮޅަކަށްހެން ޙަފްޞީވަނީ ޒިޔާރަތް ކުރައްވާފައެވެ. އަދި ރާއްޖެއިން ބޭރުގައި ބޭއްވޭ އެކިއެކި ކުޅިވަރު މުބާރާތްތަކުގެ ޚަބަރުތަކާއި، ލައިވް ކަވަރޭޖް ގެނެސްދެއްވުމަށް ބޭރުގެ 12 އަށްވުރެ ގިނަ ޤައުމަށް އޭނާވަނީ ޒިޔާރަތް ކުރައްވާފައެވެ.
ޙަފްޞީއަށް ވަނީ 2015 ވަނަ އަހަރު ކުޅިވަރުގެ ދާއިރާއިން ޒުވާނުންގެ އިނާމު ލިބިވަޑައިގެންފައެވެ. އެއީ ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް އޭނާ ކުރެއްވި ޚިދުމަތުގެ އަގު ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ. އަދި ޙަފްޞީގެ ނޫސްވެރިކަމުގެ ކުރިއެރުން އޮތީ ކުޅިވަރަށްވުރެ މާ ފުޅާކޮށް ކަމަށްވާތީ، ނޫސްވެރިކަމުގައި އަދާކުރައްވާ ދައުރު މާބޮޑުކަމަށް އޭނާ ގަބޫލުކުރައްވައެވެ.
ޙަފްޞީވަނީ ކުޅިވަރުގެ ދާއިރާއިން މުހިންމު ދެ ފޮތެއްވެސް ނެރުއްވާފައެވެ. އެއް ފޮތަކީ ޕީ.އެސް.އެމް.އިން ނެރުއްވި [މާލްދީބް]ގެ ޚާއްޞަ ސަޕްލިމެންޓެވެ. މި ސަޕްލިމެންޓް ޚާއްޞަކޮށްފައިވަނީ މިދިޔަ އަހަރު ބޭއްވުނު މިނިވަން 50 ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށެވެ. އަނެއް ފޮތަކީ، ރާއްޖެއިން ވާދަކުރި އެންމެ ކާމިޔާބު ގޭމްސް [އިންޑިއަން އޯޝަން އައިލެންޑް ގޭމްސް] އަށް ޚާއްޞަކޮށްގެން ނެރުއްވި ފޮތެވެ.