އަލްފާޟިލާ މަރްޔަމް ފާއިޒާ
ގޮފި / ގދ. ގައްދޫ

ޢުމުރުން އެންމެ 15 އަހަރުގައި ކުނާވިޔުމުގެ މަސައްކަތް ފެށްޓެވި މަރްޔަމް ފާއިޒާއަކީ، މިއަދު އެ ރޮނގުން ވަރަށްކުރީ ސަފުގައި ހުންނެވި ބޭފުޅެކެވެ. ތުނޑުކުނާ ވިޔުމުގެ ޝައުޤުވެރިކަން މަރްޔަމް ފާއިޒާގެ ހިތްޕުޅުގައި އުފެދުނީ، ފާއިޒާގެ ލޮބުވެތި މަންމަ ކުނާވިޔުމުގެ މަސައްކަތް ކުރައްވަމުން ގެންދެވިއިރު، އެކަމުގައި ޢަމަލީގޮތުން އުޅުއްވަން ފެށްޓެވި ހިސާބުން ފެށިގެންނެވެ. އެ މަސައްކަތް މިއަދާ ހަމަޔަށް އޭނާ ތަރައްޤީ ކުރައްވާފައިވަނީ، ރަށުގައި ތިއްބެވި ދުވަސްވީ މީހުންގެ އިރުޝާދާއި، އަދި އެންމެ ކުރިއްސުރެ ކުނާވިޔުމުގެ މަސައްކަތް ފެށިގެން ކުރަމުން އައިގޮތާއި، އެ ފަރުމާތައް ދަސްކުރައްވައިގެންނެވެ.

ރާއްޖޭގައި ބޭއްވުނު އަތްތެރި މަސައްކަތާއި އަތުމަސައްކަތުގެ ޤައުމީ މައުރަޒުތަކުން ކުނަލާއި ކުނަލުގެ އުފެއްދުންތަކުގެ ބައިން، ފާއިޒާވަނީ ތަފާތު ކާމިޔާބީތައް ހާސިލުކުރައްވާފައެވެ.

މިވޭތުވެދިޔަ 34 އަހަރުދުވަހުގެ ތެރޭގައި، މި މަސައްކަތް އުވިގެންދިޔަ ނުދިނުމަށްޓަކައި އޭނާވަނީ ތަފާތު މަސައްކަތްތައް ކުރައްވާފައެވެ. އެގޮތުން، އޭނާއަށް އެނގިވަޑައިގެންފައިވާ މަޢުލޫމާތުތައް، ގިނަ ބަޔަކަށް އޮޅުންފިލުއްވައިދެއްވައި، ކުނާ ވިޔުމަށް އަލަށް ފަށައިގަންނަ ކުދިންނަށް އެ މަސައްކަތް ދަސްކޮށްދެއްވާފައިވެއެވެ. އަދި މަސައްކަތް ކުރުމުގައި ބޭނުންކުރެވިދާނެ އުކުޅުތަކާއި ފަސޭހަވާނެ ގޮތްތައް ދަސްކޮށްދެއްވާފައިވެއެވެ. މިގޮތުން މިކަމަށް މީހުން ތަމްރީނު ކުރެއްވުމުގެ މަސައްކަތް، ރަށުފެންވަރުގައި އޭނާ ވަރަށް އެކަށީގެންވާ ގޮތެއްގައި ކުރައްވަމުން ގެންދަވައެވެ. އަދި ގދ. ފިޔޯރީއަށް ޒިޔާރަތް ކުރައްވައި، ކުނާވިޔުމުގެ ބޭސިކް ކޯހަކާއި، ތާޒާކުރުމުގެ ކޯހެއް ހިންގަވައިދެއްވާފައިވެއެވެ. އަދި ފާއިޒާގެ އުފަން ރަށް، ގައްދޫގައިވެސް އެކިފަހަރުމަތިން ޒުވާނުންނަށް ކުނާވިޔަން ދަސްކޮށްދިނުމަށް އެކި ކޯސްތައް ހިންގަވާފައިވެއެވެ. އަދި އެގްރިކަލްޗަރ މިނިސްޓްރީން ހިންގެވި [ރަފްޓާ] ޕްރޮޖެކްޓްގެ ދަށުން 30 ބައިވެރިންނަށް އޭނާ ކިޔަވައިދެއްވާފައިވެއެވެ. ފާއިޒާއަކީ، މަޢުރަޒުތަކުގައި މީހުން ބައިވެރިކުރެއްވުމަށްވެސް ބާރުއަޅުއްވައި އެކަމަށް އެހީތެރިކަން ފޯރުއްވައިދެއްވަމުން ގެންދަވާ ބޭފުޅެއްވެސްމެއެވެ.

މަރްޔަމް ފާއިޒާއަށް ލިބިވަޑައިގަންނަވާ އެންމެބޮޑު އެއް އުފަލަކީ، އޭނާ މި މަސައްކަތް ދަސްކޮށްދެއްވި ކުދިން މިއަދު ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކޮށް، ރަނގަޅު އާމްދަނީއެއް ހޯދަމުން ގެންދާކަމެވެ.

ކުނާވިޔުމުގެ ތަފާތު ހަރަކާތްތައް އޭނާވަނީ ރާއްޖެއިން ބޭރުގައިވެސް ދައްކަވައިދެއްވާފައެވެ. މިގޮތުން، 2009 ވަނަ އަހަރު އިޓަލީއާއި ޖަރުމަނުގައި ބޭއްވުނު ޓޫރިޒަމް ފެއަރގައި ބައިވެރިވުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ދެއްވި ދަޢުވަތަކަށް، މި ދެ ޤައުމަށް އޭނާ ޒިޔާރަތް ކުރައްވައި ހުނަރުތައް ދައްކަވައިލައްވާފައިވެއެވެ. ފާއިޒާ ދެކެވަޑައިގަންނަވާގޮތުގައި މިއީ އޭނާއަށް ލިބިވަޑައިގެންނެވި، ވަރަށްބޮޑު ފަޚްރެކެވެ. އަދި ޤައުމަށްވެސް ލިބުނު ރީތި ނަމެކެވެ.

މަރްޔަމް ފާއިޒާއަކީ [ސަބާ މޯލްޑިވްސް]ގެ މެންބަރެކެވެ. ސަބާ މޯލްޑިވްސްގެ ފަރާތުން ފޮތި ވިޔަން ދަސްކޮށްދިނުމަށް އިންޑިއާގެ އަޙްމަދުއާބާދަށް ފޮނުވުމަށް ހޮވުނު 6 ބޭފުޅުންގެ ތެރޭގައި ފާއިޒާ ހިމެނިވަޑައިގެންފައިވެއެވެ. ފާއިޒާގެ މިހާރުގެ އުންމީދަކީ ސަބާގެ ސެންޓަރެއް ގައްދޫގައި ޤާއިމުކުރައްވައިގެން، ކުނާ ވިޔުމުގެ އިތުރުން ފޮތި ވިޔުމުގެ މަސައްކަތްވެސް ކުރިއަށް ގެންދެވުމެވެ.

މަރްޔަމް ފާއިޒާ ދެކެވަޑައިގަންނަވާ ގޮތުގައި ކުނާވިޔުމުގެ މަސައްކަތަކީ، ޤައުމުގެ ތަރައްޤީއަށް ދެގޮތަކުން މުހިންމު މަސައްކަތެކެވެ. އެއީ ކުނާވިޔުމަކީ ރާއްޖޭގައި ޘަޤާފީގޮތުން ދެއްކެން އޮތް އެންމެ ދުވަސްވީ އަތްތެރި މަސައްކަތް ކަމަށްވުމާއި، ރާއްޖޭގެ އިޤުތިޞާދުގެ ބޮޑު ބައެއް ފަތުރުވެރިންނަށް ބަރޯސާވެފައިވާއިރު، އެފަރާތްތަކަށް ސްވެނިއަރގެ ގޮތުގައި އެކި ވައްތަރުގެ ކުނާވިޔެ، އޭގެ ވިޔަފާރި ކުރިއަށް ގެންދިޔުމަކީވެސް ޤައުމުގެ ތަރައްޤީއަށް ކުރެވޭ މުހިންމު މަސައްކަތަކަށްވާތީއެވެ.

މަރްޔަމް ފާއިޒާއަކީ، ރަށުގެ އިޖުތިމާޢީ ހަރަކާތްތަކުގައިވެސް ވަރަށް މުހިންމު ދައުރެއް އަދާކުރައްވާ ބޭފުޅެކެވެ. މިގޮތުން، 2001 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާކަން ކުރައްވާފައިވެއެވެ. އަދި 2012 ވަނަ އަހަރުވެސް އެ ކޮމިޓީގެ ރައީސާކަން ކުރައްވާފައިވެއެވެ. މީގެއިތުރުން، ރަށުގެ ތަރައްޤީއަށް އަންހެނުން ކުރާ ހުރިހާ މަސައްކަތްތަކެއްގައި ފާއިޒާ ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.