ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާ
ހދ.ހަނިމާދޫ

އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން ޖަމާޢަތަށް ފައިދާހުރި މަސައްކަތް ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހާސިލުކުރާ ހދ. ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއަކީ، މިވޭތުވެދިޔަ 23 އަހަރުދުވަހުގެ ތެރޭގައި، ހަނިމާދޫގެ ތަރައްޤީއަށާއި ކުރިއެރުމަށާއި، އަދި ރަށުގެ އިޖުތިމާޢީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ވަރަށްގިނަ މަސައްކަތްތަކެއް ކޮށްފައިވާ އަދި މިހާރުވެސް ކުރަމުންދާ ޖަމުޢިއްޔާއެކެވެ. ކޮންމެ އަހަރަކު ރަށު ފެންވަރުގައި ޤުރްއާން މުބާރާތެއް ބާއްވަމުން ގެންދާތާ މިހާރު 13 އަހަރުވެއްޖެއެވެ. ހަމައެއާއެކު، ތުއްތުކުދިންނަށް ތަޢުލީމު އުނގަންނައިދިނުމުގެ މަޤްޞަދުގައި ރަށުގައި ހިންގާ ޕްރީސްކޫލްގެ މަސައްކަތްތައް ފާހަގަކޮށްލަންޖެހެއެވެ.

ޖަމުޢިއްޔާ އުފެދިގެން އައި ދުވަސްވަރަކީ، ހަނިމާދޫގައި ޢީދު ފާހަގަކުރުމުގައި ވަރަށް ފޯރިގަދަ ދުވަސްވަރަކަށްވުމާއެކު، އެ ޖަމުޢިއްޔާއިންވެސް ޢީދު ފާހަގަކުރުމުގައި އެ ދުވަސްވަރު ރައްޔިތުންނާ ގުޅިގެން ވަރަށްގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އޭގެފަހުން އައި، ބައެއް އަހަރުތަކުގައި، އެ ޖަމުޢިއްޔާއިން އިސްނަގައިގެން ޢީދާ ގުޅިގެން ރާއްޖޭގެ މަޝްހޫރު މިޔުޒިކް ބޭންޑުތައް ހަނިމާދުއަށް ގެންގޮސްގެން ޢީދު ކުޅިވަރުތައް ހިންގާފައިވެއެވެ. އެކަމުގެ ސަބަބުން ހަނިމާދޫ ރައްޔިތުންގެ މެދުގައި އިޖުތިމާޢީ ރޫޙާއި އެކުވެރިކަމުގެ ރޫޙު އާލާވެގެންދިޔައެވެ.

1993 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 1 ވަނަ ދުވަހު ޖަމުޢިއްޔާ އުފެދުނު ފަހުން ކޮންމެ އަހަރަކުވެސް ތަފާތު އެތައް ހަރަކާތްތަކެއް ޖަމުޢިއްޔާގެ ފަރާތުން ރަށުގައި ހިންގާފައިވެއެވެ. އެގޮތުން، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގި ޕްރޮގުރާމްތައް ހިމެނެއެވެ. ފާހަގަކޮށްލެވޭ އެހެން ބައެއް މަސައްކަތްތަކުގެ ތެރޭގައި، ހަނިމާދޫ ރަށުއޮފީހުގެ ބައެއް މަރާމާތުތައް ކޮށްދިނުމާއި، ހަނިމާދޫ ސްކޫލުގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމް ހިންގުމާއި، ރަށުގައި އޮޑިދޯނިފަހަރު ގެންގުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އޮޑިހަރުގެތައް މަރާމާތުކޮށްދިނުމާއި، އޮޑިހަރުގެ އަޅައިދިނުން ހިމެނެއެވެ. މީގެއިތުރުން، ހަނިމާދޫ ހުކުރު މިސްކިތުގެ މަރާމާތާއި، އާބާތުރަ ފިލުވައިދިނުމާއި، ސައުންޑް ސިސްޓަމެއް ބަހައްޓައިދިނުން ހިމެނެއެވެ. އަދި ހަނިމާދޫ ސްކޫލަށް ރާއްޖެއިން ބޭރުން ގެންނަ ޓީޗަރުން ބޭތިއްބުމަށް އެޅި އެކޮމޮޑޭޝަން ބްލޮކް އެޅުމުގެ މަސައްކަތުގައި ޢަމަލީގޮތުން އެހީތެރިވެދީފައިވެއެވެ.

ރާއްޖޭގައި ޤައުމީގޮތުން ފާހަގަކުރެވޭ ޚާއްޞަ ދުވަސްތަކާ ގުޅިގެން ޖަމުޢިއްޔާއިން އިސްނަގައިގެން މުޅި ރަށަށް ހުޅުވާލައިގެން އެކި ކަންކަން ކުރަމުން ގެންދެއެވެ. މިގޮތުން ކުޅިވަރު މުބާރާތްތައް ބޭއްވުމާއި، ގިޑިގެތައް ހެދުމާއި، ކުޅިވަރާއި މިޔުޒިކް ޝޯތައް ބޭއްވުން ފަދަ ކަންކަން ހިންގަމުން ގެންދެއެވެ. މީގެއިތުރުން، ރަށުގެ އަންހެން ބޭފުޅުންނަށް އަމާޒުކޮށްގެން އެކި ކަންކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުތަކާއި، ގޭގައި ތިއްބަވައިގެން އާމްދަނީ ލިބޭފަދަ މަސައްކަތްތައް ދަސްކޮށްދިނުމަށް އެކިއެކި ޕްރޮގުރާމްތައްވެސް ގެންދަނީ ހިންގަމުންނެވެ.

2001 ވަނަ އަހަރު މަތި އުތުރު ޕްރޮވިންސްތަކަށް ހުޅުވާލައިގެން ހަނިމާދޫގައި ބޭއްވުނު [ހުބަސާން] މަސައްކަތްތެރިންގެ މަސައްކަތް ދައްކައިދޭ މަޢުރަޒަށް ތައްޔާރުކުރުމުގައި ޖަމްޢިއްޔާގެ މެންބަރުން ހަރަކާތްތެރިވެފައިވެއެވެ. މިގޮތުން، ޖަމުޢިއްޔާގެ މެންބަރުން މި މަޢުރަޒަށް، ދަނޑިއާއި ފަން ބޭނުންކޮށްގެން 38 ސްޓޯލް ތައްޔާރުކޮށްދީފައިވެއެވެ. ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް)ގެ ހިލޭ އެހީގެ ޕްރޮގްރާމްގެ ދަށުން ހަނިމާދޫގައި އިޢާދަކުރަނިވި ހަކަތައިން ދިއްލޭ މަގުބައްތިއާއި، ލެޑްލައިޓް ހަރުކުރުމަށް ޔޫ.އެން.ޑީ.ޕީ އިން އިޢުލާނު ކުރުމުން، އެ މަޝްރޫޢަށް ޕްރޮޕޯސަލް ހުށަހަޅައި، އެ މަޝްރޫޢު ކާމިޔާބުކޮށްފައިވެއެވެ. އެ މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 42 ބައްތި އިޢާދަކުރަނިވި ހަކަތައަށް ބަދަލުކޮށް، 126 ލެޑްލައިޓް ހަރުކުރެވުނެވެ. މިއީ 2012 އޮގަސްޓުން 2014 އޮގަސްޓުގެ ނިޔަލަށް ޖަމުޢިއްޔާއިން ހިންގި މަޝްރޫޢެކެވެ. އެއަށްފަހު، އެ ޖަމުޢިއްޔާގެ ފަރާތުން މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް ހަނިމާދޫގެ ހުރިހާ މަގުބައްތިތަކެއް ހިލޭސާބަހަށް ބަލަހައްޓައިދީފައިވެއެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާގެ އެންމެބޮޑު އަމާޒަކީ، ކަންކަމަށް ސަލާންޖެހުމުގެ އުޞޫލު ހުއްޓުވައި، ޖަމުޢިއްޔާގެ މެންބަރުން ގުޅިގެން މަސައްކަތްކޮށް، އާމްދަނީ ހޯދޭނެ ގޮތްތައް ރާވައިގެން ޖަމުޢިއްޔާ ހިންގުމެވެ. އެ މަޤްޞަދު މިހާރު ވަރަށް ރަނގަޅަށް ހާސިލުވަމުންދާކަން އެ ޖަމުޢިއްޔާއިން ޚާއްޞަގޮތެއްގައި ފާހަގަކުރެއެވެ. ޖަމުޢިއްޔާގެ މިހާރުގެ ރައީސަކީ ހަނިމާދޫ ދީފްރަމްގޭ އާދަމް އިބްރާހީމެވެ.