އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދުމަތް ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން މިއަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ އައްޝައިޚު އިބްރާހީމް އަޙްމަދަކީ، އެކުވެރި ޢަރަބި ޢިމާރާތުގެ ޖާމިޢަތުލް ޢިމާރާތުލް ޢަރަބިއްޔާ އަލްމުއްތަޙިދާއިން، އިސްލާމީ ތާރީޚާއި އާސާރުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލު ކުރައްވާފައިވާ އަދި މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން އިސްލާމީ ފިޤުހާއި، އުޞޫލުލް ފިޤުހުން މާސްޓަރޒް ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.
މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާގައި ތަޢުލީމު ހާސިލު ކުރައްވަމުން ގެންދެވިއިރުގަޔާއި، ކިޔަވައި ވިދާޅުވެ، ސާނަވީ ތަޢުލީމާއި މަތީ ސާނަވީ ތަޢުލީމު ނިންމެވުމަށްފަހު، އޭނާގެ ޚިދުމަތް މި ރޮނގުން މުޅި ދިވެހި މުޖުތަމަޢަށް ދެއްވަން ވަނީ ފަށްޓަވާފައެވެ. މަޢުހަދުގެ ޤުރްއާން މުދައްރިސެއްގެ ގޮތުން އަދި ފަހުން މަޢުހަދުގެ ތަރުބިޔާ އިސްލާމިއްޔާ މުދައްރިސެއްގެ ގޮތުގަޔާއި އަދި މި ދެ މާއްދާގެ ސްޕަވައިޒަރެއްގެ ގޮތުގަޔާއި، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ އިސްލާމިކް ސްޓަޑީޒްގެ އެގްޒޭމިނަރެއްގެ މަގާމުގަޔާއި ސީނިއަރ އެގްޒޭމިނަރުގެ މަގާމުގައި އުޅުއްވިއެވެ. ޖީ.ސީ.އީ އޯ ލެވެލް ފެންވަރަށް ކިޔަވައިދޭ މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގެ ސްކޫލްތަކަށް ވަޑައިގެން، އެ ސްކޫލްތަކުގެ ދަރިވަރުންނަށް އިސްލާމިކް ސްޓަޑީޒްގެ ދާއިރާއިން މަޢުލޫމާތު ދެއްވަމުންވެސް ގެންދަވާފައިވެއެވެ.
އިބްރާހީމް އަޙްމަދަކީ، ކީރިތި ޤުރްއާން ކިޔަވައިދެއްވާ މުދައްރިސުންނަށް، ޒަމާނީ ހުނަރުތައް ބޭނުންކުރައްވައިގެން ތާޒާކުރެއްވުމުގެ އެކި ކޯސްތަކާއި، ކްލާސްތަކާއި، ވާރކްޝޮޕްތައް ހިންގަވަމުން ގެންދަވާ ބޭފުޅެއްވެސްމެއެވެ. އަދި އިސްލާމް މުދައްރިސުން ތަމްރީނު ކުރެއްވުމުގެ މަސައްކަތްވެސް ކުރައްވައި، ސަރުކާރުގެ ބައެއް ސްކޫލްތަކަށާއި، މާލޭގެ އެހެން ބައެއް ސްކޫލްތަކަށް ވަޑައިގެން، އިސްލާމް މާއްދާ ކިޔަވައިދެއްވާފައިވެއެވެ. އިބްރާހީމް އަޙްމަދަކީ، ހުކުރުނަމާދާއި ޢީދު ނަމާދު އިމާމުވެ ކުރައްވާ ބޭފުޅެކެވެ. އަދި ނުބައްލަވާ ޚުޠުބާ ވިދާޅުވުމުގެ ހުއްދަވެސް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
ދިވެހިރާއްޖޭގެ އަޑުން ފޮނުއްވި [ފަޖުރުތަރި] މި ސިލްސިލާގެ 365 ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން، އެކިއެކި ޢިލްމީ މަޢުލޫމާތުތައް ދެއްވާފައިވެއެވެ. އަދި ކީރިތި ޤުރްއާން ކިޔަވައިދެއްވުމަށް ދިވެހިރާއްޖޭގެ އަޑުން ފޮނުއްވި 365 ޕްރޮގްރާމްގެ ސިލްސިލާއެއްގައި ބައިވެރިވެވަޑައިގަންނަވާފައިވެއެވެ. އަދި [ފަސޭހަ ޢަރަބި]ގެ ނަމުގައި 365 ޕްރޮގްރާމްގެ މައްޗަށް އެކުލެވޭ ސިލްސިލާއެއްގައިވެސް އިބްރާހީމް އަޙްމަދު ބައިވެރިވެވަޑައިގެންފައިވެއެވެ. މީގެއިތުރުން، ދިވެހިރާއްޖޭގެ އަޑުން ފޮނުއްވި [ބިންގާ] ޕްރޮގްރާމާއި، [ރޯދައިގެ އަލި] އަދި [އިސްލާމްދީނުގައި ހަނގުރާމަ] މިނަމުގައި ދީނުގެ އަޑުން ފޮނުއްވި 52 ޕްރޮގްރާމުގަޔާއި، [ތާރީޚުގެ ތެރެއިން] މި ނަމުގައި ފޮނުއްވި ތަފާތު ދީންތަކާއި މަޛުހަބުތަކާބެހޭ މަޢުލޫމާތު ދިނުމުގެ 52 ޕްރޮގްރާމެއް އޭނާވަނީ ހުށަހަޅުއްވައިދެއްވާފައެވެ. އަދި ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ނަމާދުކުރާނެގޮތް ދަސްކޮށްދެއްވުމަށް ދިވެހިރާއްޖޭގެ އަޑުން ހިންގެވި ސިލްސިލާ ޕްރޮގްރާމް، ހިލޭ ސާބަހަށް ހުށަހަޅުއްވައިދެއްވާފައިވެއެވެ. ހަމައެހެންމެ، [ޤުރްއާން ސައިންސް]ގެ ނަމުގައި 52 ޕްރޮގްރާމްގެ ސިލްސިލާއެއް ހުށަހަޅުއްވައިދެއްވިއެވެ. ރާއްޖޭގެ ކަރިކިއުލަމްގައި ހިމެނޭ ޤުރްއާން މުޤައްރަރު، (ގްރޭޑް 1 ން 12 އަށް) އެކުލަވައިލެއްވުމާއި، އެ މުޤައްރަރުގެ ފަންނީ ޕެނަލްގައި މަސައްކަތް ކުރައްވާފައިވެއެވެ. އަދި ގްރޭޑް 1 ން ގްރޭޑް 12 އަށް ހިމެނޭ އިސްލާމް މުޤައްރަރުގެ ފަންނީ ޕެނަލްގައިވެސް މަސައްކަތް ކުރައްވާފައިވެއެވެ.
އައްޝައިޚް އިބްރާހީމް އަޙްމަދަކީ، އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް އެކި ފޮތްތައް ލިޔުއްވާފައިވާ ބޭފުޅެކެވެ. އެ ފޮތްތަކުގެ ތެރޭގައި، [سيرةالرّســول صـلّى الله علـيـه وسـلّم] އާއި، [ރަށްވެހިކަމާއި ގޮންޖެހުން] މިފޮތާއި، [މައްކާގެ މުޤައްދަސް ތަންތަން] މި ފޮތާއި، ޤައުމީ ޔުނިވަރސިޓީގައި ކިޔަވައިދޭ [ރަސޫލާއާއި ޚަލީފާއިންގެ ސީރަތު] މިފޮތާއި، [އިސްލާމިކް ހިސްޓްރީ 1] މި ފޮތާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ކިޔަވައިދިނުމުގައި ބޭނުންކުރަމުންގެންދާ [ޞަލީބީ ހަނގުރާމަ] މިފޮތާއި، ވިލާ ކޮލެޖްގައި ކިޔަވައިދިނުމުގައި ބޭނުންކުރަމުންދާ [އިސްލާމީ ޝަރީޢާގެ ތާރީޚާއި މަސްދަރުތައް] މި ފޮތް ހިމެނެއެވެ. މީގެއިތުރުން، ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކުގެ އަލީގައި، ފުރާވަރު ކުދިންނަށް އަމާޒުކޮށްގެން [ޢިބުރަތުގެ ސިލޭހަ] ނަމުގައި އިސްލާމީ ތާރީޚީ ތެދު ވާހަކަތަކެއް ކުރުކޮށް ލިޔުއްވާފައިވެއެވެ.
އައްޝައިޚު އިބްރާހީމް އަޙްމަދަކީ، ސަރުކާރުގެ އެކި ދާއިރާތަކުން ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ރާއްޖޭގެ އަތޮޅުތަކުގައި ހިންގަވަމުން ގެންދަވާ އެކި ޕްރޮގްރާމްތަކުގައިވެސް މަޢުލޫމާތު ދެއްވަމުން ގެންދަވާ ބޭފުޅެކެވެ. އިބްރާހީމް އަޙްމަދުގެ ޚިދުމަތްތަކުގެ ތެރެއިން އެންމެބޮޑަށް ފާހަގަކުރެވެނީ ރާއްޖޭގައި އުފެދިފައިވާ ދީނީ ޚިޔާލުތަފާތުވުންތައް ކުޑަކުރައްވައި، ދީނުގައި ކަންކަން އޮތްގޮތް ވަރަށް ސާފުކޮށް ވިދާޅުވެދެއްވުމަށް އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކެވެ.