އަލްޙާފިޡާ ޞަފިއްޔާ އަޙްމަދު
އަމާޒު / ފ. ނިލަންދޫ

ކީރިތި ޤުރްއާން ކިޔެވުމާއި ޤުރްއާން އުނގަންނައިދިނުމުގެ ދާއިރާއިން މިއަހަރު ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގަންނަވާ އަލްޙާފިޡާ ޞަފިއްޔާ އަޙްމަދަކީ، ކީރިތި ޤުރްއާން ކިޔަވައި ވިދާޅުވުމަށާއި، ކުދިންނަށް އުނގަންނައިދެއްވުމަށް ކުޑައިރުއްސުރެ އޭނާގެ ހިތްޕުޅުގައި ވަރަށްބޮޑު ޝައުޤުވެރިކަމެއް އުފެދިފައިވާ ބޭފުޅެކެވެ. އުފަން ރަށް ފ. ނިލަންދޫގައި، އޭނާގެ ލޮބުވެތި މަންމަގެ އެހީތެރިކަމާއެކު، ޤުރްއާން ތަޖުވީދުގެ މަގަށް ކިޔަވައި ވިދާޅުވާން ފެށްޓެވިއެވެ.

[ދާރުލް ޤިރާޢާ ޤުރްއާން ކްލާސް]ގެ ނަމުގައި 1997 ވަނަ އަހަރު ނިލަންދޫގައި އަމިއްލަ ފަރާތަކުން ރަޖިސްޓަރީ ކުރެއްވި ކްލާހެއްގައި ޞަފިއްޔާ ކިޔަވައިދެއްވަން ފެށްޓެވިއެވެ. އަދި ފަހުން "އަސިސަ ޤުރްއާން ކްލާސް"ގެ ނަމުގައި 23 ޑިސެންބަރު 1999 ގައި ޞަފިއްޔާ ކްލާހެއް ރަޖިސްޓަރީ ކުރައްވައިގެން، 2003 ވަނަ އަހަރުގެ ނިޔަލަށް ނިލަންދޫގެ ދަރިންނަށް ކީރިތި ޤުރްއާން އުނގަންނަވައިދެއްވުމުގެ ބުރަ މަސައްކަތް ވަނީ ކުރައްވާފައެވެ. އޭގެފަހުން 2004 ވަނަ އަހަރު މާލެ ވަޑައިގެން، ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ޙިފްޡު ކްލާހުގައި ބައިވެރިވެވަޑައިގެން، 2007 ވަނަ އަހަރު 1 ވަނަ ދަރަޖައިގައި ޙާފިޡު ކަމުގެ ސަނަދު ހާސިލު ކުރެއްވުން ވެގެންދިޔައީ، ޞަފިއްޔާއަށް ލިބިވަޑައިގެންނެވި އެންމެބޮޑު އެއް އުފާ ކަމުގައެވެ.

ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ހިންގެވި ޤާރީ ކޯސް 2006 ވަނަ އަހަރު ފުރިހަމަކުރައްވައި، އެ ކޯހުން ފަޚުރުވެރި 1 ވަނަ ހޯއްދަވާފައިވެއެވެ. ހަމައެހެންމެ، ކުއްލިއްޔާއިން 2007 ވަނަ އަހަރުން 2008 ވަނަ އަހަރުގެ ނިޔަލަށް ހިންގި ޤުރްއާން މުދައްރިސް ކަމުގެ ޑިޕްލޯމާ ކޯސް ފުރިހަމަކުރައްވައި، 1 ވަނަ ދަރަޖައިގެ ސެޓްފިކެޓް ހާސިލުކުރެއްވިއެވެ. އަދި ރާއްޖޭގައި ބޭއްވުނު ޤައުމީ ޤުރްއާން މުބާރާތުގައި އެކި އުމުރުފުރާއިން ޞަފިއްޔާ ވަނީ އެކި ކާމިޔާބީތައް ހާސިލު ކުރައްވާފައެވެ. ލީބިޔާގައި 2007 ވަނަ އަހަރު ބޭއްވުނު، ވަޢުތަޞިމް ޤުރްއާން މުބާރާތުގައި ބައިވެރިވެވަޑައިގެން ރާއްޖެ ތަމްސީލު ކުރެއްވުމުގެ ފުރުޞަތުވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފައެވެ.

ޞަފިއްޔާ މިއަދު ޚިދުމަތް ކުރައްވަމުން ގެންދަވަނީ، އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ޤުރްއާން މާއްދާގެ ލީޑިންގ ޓީޗަރެއްގެ ގޮތުގައެވެ. ޢަރަބިއްޔާއާ އޭނާ ގުޅިވަޑައިގަތީ، 2009 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހުއެވެ. ޢަރަބިއްޔާ ސްކޫލްގައި ޚިދުމަތް ކުރައްވަން ފެށްޓެވިއިރު، ރާބިޠަތުލް ޢާލަމިލް އިސްލާމިއްޔާ އާއި ޢަރަބިއްޔާއާ ގުޅިގެން، ޢަރަބިއްޔާ ސްކޫލްގައި ހިންގަމުން ގެންދިޔަ ޤުރްއާން ކްލާހުގެ މުދައްރިސްކަންވެސް ވަނީ ކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ އެޑްވާންސްޑް ސެޓްފިކެޓް އިން އިސްލާމިކް ސްޓަޑީޒް ކޯހުގައި 2014 ވަނަ އަހަރުން ފެށިގެން ގެންދަވަނީ ކިޔަވައިދެއްވަމުންނެވެ. 2007 ވަނަ އަހަރު ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ފެށްޓެވި ޙިފްޡު ކްލާސްތަކުގެ އަންހެން ކުދިންނަށް ޞަފިއްޔާ ވަނީ ކިޔަވައިދެއްވާފައެވެ. މީގެއިތުރުން، ކީރިތި ޤުރްއާނާބެހޭ މަރްކަޒުން 2013 ވަނަ އަހަރު ފެށްޓެވި 500 ޙާފިޡުން ތަމްރީނު ކުރެއްވުމުގެ ޕްރޮގްރާމުގެ ދަށުން އެ އަހަރު ނިމެންދެން އެ ކްލާސްތަކުގައި ކިޔަވައިދެއްވާފައިވެއެވެ. މާލޭގައި އަމިއްލަ ފަރާތަކުން ހިންގާ [އިޚްލާޞް ޤުރްއާން ކްލާސް] ގައި 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ކީރިތި ޤުރްއާން ކިޔަވައިދެއްވާފައިވެއެވެ.

ޞަފިއްޔާއަކީ ރާއްޖޭގައި ބޭއްވޭ އެކިއެކި ޤުރްއާން މުބާރާތްތަކުގެ ފަނޑިޔާރުކަންވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން މާލޭގައި ހިންގާ އެކިއެކި މުބާރާތްތަކާއި، އަތޮޅުތަކުގައި ހިންގަވާ އެކިއެކި މުބާރާތްތަކުގައި ފަނޑިޔާރުކަން ކޮށްދެއްވާފައިވެއެވެ.

ޞަފިއްޔާ މި ދާއިރާއިން ކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވޭ ޚިދުމަތަކީ، މިހާރު ރާއްޖޭގެ ޤައުމީ އާ މަންހަޖުގެ ޤުރްއާން މާއްދާގެ ކީ ސްޓޭޖް 1 (ގްރޭޑް 1، 2 އަދި 3) ދަރިވަރުންގެ ފޮތާއި މުދައްރިސުންގެ ފޮތް ލިޔުއްވުމާއި ޓައިޕް ކުރެއްވުމުގެ މަސައްކަތެވެ. މީގެތެރެއިން ގްރޭޑް 2 އަދި 3ގެ ޤުރްއާން މާއްދާގެ ދަރިވަރުންގެ ފޮތް އެކުލަވާލެއްވުމުގެ މަސައްކަތަކީ، ހިލޭ ސާބަހަށް ކޮށްދެއްވި މަސައްކަތެކެވެ. ހަމައެހެންމެ ޤައުމީ މަންހަޖުގެ ކީ ސްޓޭޖް 2ގެ ގްރޭޑް 5ގެ ޤުރްއާން މާއްދާގެ ދަރިވަރުންގެ ފޮތާއި، މުދައްރިސުންގެ ފޮތް ލިޔުއްވުމުގެ މަސައްކަތުގައިވެސް އޭނާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޞަފިއްޔާ އަޙްމަދަކީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ޤުރްއާން މުދައްރިސް ކަމުގެ ޑިގްރީ ކޯސް މިހާރު ފުރިހަމަކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޞަފިއްޔާގެ އުންމީދަކީ، މި ރޮނގުން އިތުރު ކާމިޔާބީތައް ހާސިލުކުރައްވައި، ކީރިތި ޤުރްއާނަށް އަހަންމިއްޔަތުކަންދޭ ޒުވާން ޖީލެއް އުފެއްދެވުމެވެ.