އުމުރުން ދުވަސްވީ ކޮންމެ މީހަކީ މި ޤައުމަށް ތަޖްރިބާގެ އަގުހުރި މުތެއް ކަމަށާއި އެއިން ކޮންމެ ބޭފުޅަކު މާޒީގައި ދެކެވަޑައިގަތް ކަންކަމަކީ، ބާއްޖަވެރި މާދަމާއެއް ބިނާކުރުމަށްޓަކައި އިބުރަތުގެ ދަރުސްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަޤުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ ތަހުނިޔާފޮނުއްވައި، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ޕޯސްޓުގައި، ރާއްޖޭގެ ކޮންމެ ރަށަކީވެސް ދޮށީ އުމުރުގެ ރައްޔިތުންނަށް ފަހި، ފަސޭހަ، އޯގާތެރި ވެއްޓަކަށްވުމަށާއި ހުރިހާ އުމުރު ފުރައަކަށް އުފާފާގަތި މާހައުލެއް އަބަދުމެ އޮތުމަކީ ސަރުކާރުން އެންމެ ސަމާލުކަންދޭ އެއް ސިޔާސަތު ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ތަހުނިޔާގެ މި މެސެޖު ނިންމަވާލެއްވީ ކޮންމެ އިސްރަށްވެއްސެއްގެ ޙަޔާތުގެ މި ދުވަސްތަކަކީ، ލޯތްބާއި ކުލުނުން ފުރިފައިވާ، ދުޅަހެޔޮ، ބާއްޖަވެރި ދުވަސްތަކެއް ކަމުގައި ލެއްވުންއެދި މާތްﷲގެ ހަޒްރަތުގައި ދުޢާ ދަންނަވަމުންނެވެ.

މި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ވަނީ އެކަމަނާގެ އެކްސް އެކައުންޓު މެދުވެރިކުރައްވައި ދުވަހުގެ ތަހުނިޔާ ހިއްސާކުރައްވާފައެވެ. އެކަމަނާގެ ޕޯސްޓުގައި، ދިރިއުޅުމުގެ ހަގީގަތްތައް ދަސްވަނީ ގިނަދުވަހު ދުނިޔެ އުޅެ ލިބޭ ތަޖްރިބާތަކުން ކަމަށާއި ދޮށީ އުމުރުގެ މާމަކާފައިންނާއި މައިންބަފައިންގެ އިތުރުން ދައްތައިންނާއި ބޭބެއިންގެ ހިތްހެޔޮ ސާދާ މިޒާޖާއި، ވިސްނުމުގެ މަގު ދެއްކުމުގެ ސަބަބުން ޢާއިލާތަކަށް ބަދަހިކަމާއި އުފާފާގަތިކަން ލިބޭކަމުގައި ވިދާޅުވިއެވެ. އެކަމަނާގެ ޕޯސްޓު ނިންމަވާލައްވާފައިވަނީ، އަޅުގަނޑުމެންނަކީ އިސްރަށްވެހީންނަށް ޙައްޤު އިޙްތިރާމާއި ޤަދަރުކުރާ، އޯގާތެރި މުޖްތަމަޢެއްގެ އަހުލުވެރީން ކަމުގައި ލެއްވުންއެދި މާތްﷲގެ ހަޒްރަތުގައި ދުޢާ ދަންނަވަމުންނެވެ.