بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

އާދެ، މިއަދު އަޅުގަނޑުމެން މި ފެށި މަސައްކަތަކީ އިރާދަކުރެއްވީތީ ދިވެހިރާއްޖޭގެ މުސްތަޤްބަލަށްޓަކައި ޒުވާނުން ބިނާކުރުމަށްޓަކައި ފެށިގެންދާ ވަރަށް މުހިންމު މަސައްކަތެއް. މި މުނާސަބަތުގައި، މިކަމުގައި ބައިވެރިވާ ހުރިހާ ޒުވާނުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން މަރުޙަބާ ދަންނަވަން.

އާދެ، ވަރަށް ޒުވާން އުމުރުގައި، ތިޔަކުދިން ތިޔަ ޚިޔާރުކުރީ ވަރަށް މުހިންމު ކަމެއްގައި ބައިވެރިވާން. އާދެ، އަޅުގަނޑު މި މަސައްކަތް ފެށުމަށް ނިންމީ، އަޅުގަނޑު ގަބޫލުކުރާގޮތުގައި، ރާއްޖޭގެ ތަރައްޤީ ފުރިހަމަމިނުގައި، ފުރިހަމަގޮތުގައި ހާސިލުވާނީ ޒުވާނުން ބިނާކުރެވިގެން. އިސްލާމްދީން ދެކެ ލޯބިވާ، ޤައުމު ދެކެ ލޯބިވާ، އަޚްލާޤު ރަނގަޅު، ހުނަރުވެރި ޖީލެއް ބިނާކުރެވިގެން.

އެހެންވީމާ، ތިޔަ ހުރިހާ ކުދިންނަށް، ތިޔަ ހުރިހާ ޒުވާނުންނަށް އަޅުގަނޑު ހަމަ ދަންނަވަން ބޭނުންވާ ވާހަކައަކީ، ތިޔަ ފަށްޓާ މަސައްކަތަކީ، ޓްރޭނިންގއަކީ ވަރަށް މުހިންމު ކަމެކޭ. އިރާދަކުރެއްވިއްޔާ މީގެ ނަތީޖާ ވަރަށް ރަނގަޅުވާނެ. މިއީ ތިޔަ ކުދިންނަށްޓަކައި ކުރެވިގެންދާ ކަމެއްކަމުގައި ފުރިހަމައަށް ގަބޫލުކުރުމަކީ، އަޅުގަނޑު އެންމެ ބޮޑަށް އެދޭ ކަންތައް. ތިޔަކުދިންގެ މުސްތަޤްބަލް އުޖާލާ ކުރުމަށްޓަކައި، ތިޔަކުދިންގެ ޙަޔާތް އުފާފާގަތި ގޮތުގައި ކުރިއަށް ގެންދިޔުމަށްޓަކައި ލިބިގަންނަ ވަރަށް މުހިންމު ތަމްރީނުތަކެއްގެ ގޮތުގައި، އަދި ލިބިގެންދާ ވަރަށް މުހިންމު ފުރުޞަތެއްގެ ގޮތުގައި ގަބޫލުކޮށް، އެގޮތް އެމްބްރޭސްކޮށް، އޯނަރޝިޕް ނަގައި، ކުރިއަށްދާންވީ.

މުދައްބިރުން ދެންމެ އެ އިޤްރާރުވެލެއްވި ގޮތަށް، އެ ބޭފުޅުން ތިޔަ ޒުވާނުންނަށް، ވަރަށް ގާތުން، ވަރަށް ރަނގަޅަށް ޓްރޭނިންގ ދެއްވައި، ވަރަށް ގާތުން މަސައްކަތް ކުރައްވާނެ.

އިރާދަކުރެއްވިއްޔާ މި ތަމްރީނު ނިމިގެންދާއިރުގައި، ދެވަނަ ފިޔަވައްސަށް ދާއިރުގައި، ތިޔަކުދިން، ތިޔަ ޒުވާނުން ވެގެންދާނީ، އަޅުގަނޑުމެން މި އުންމީދުކުރާފަދަ އަދި ތިޔަކުދިންވެސް އުންމީދުކުރާފަދަ ބަޔަކަށް. މިހާރަށްވުރެ ބޮޑަށް ޤައުމަށް ޚިދުމަތްތަކެއް ކުރެވޭ، އަމިއްލަ ޙަޔާތް އިތުރަށް ވަރުގަދަކަމާއެކީގައި ކުރިއަށް ގެންދެވޭނެފަދަ ގޮތަކަށް އެމްޕަވަރ ކުރެވިފައިވާ ޒުވާނުންތަކަކަށް.

ޙަޤީޤަތުގައި 50 ބުރީގެ އިމާރާތެއް އިމާރާތް ކުރުމަށްވުރެވެސް، ޤައުމުދެކެ ލޯބިވާ، އިސްލާމްދީންދެކެ ލޯބިވާ، ފަޚުރުވެރި، ހުނަރުވެރި، ޒުވާނެއް ބިނާކުރުމަކީ، މާ މުހިންމު ކަމެއް ގޮތުގައި އަޅުގަނޑު ގަބޫލުކުރަނީ.

އެހެންވީމާ، މިއަދު މި ފެށިގެންދަނީ، ވަރަށް ތާރީޚީ މަސައްކަތެއް. ޤައުމު ބިނާކުރުމުގެ ވަރަށް މުހިންމު ޞަފްޙާއެއް މިއަދު މި ފެށިގެންދިޔައީ.

އެހެންވީމާ، އަޅުގަނޑު ހަމަ މި ޔަޤީންކަން ދެން، އިރާދަކުރެއްވިއްޔާ ސަރުކާރުން ތިޔަކުދިންނާ ވަރަށް ގާތުން، ވަރަށް ރަނގަޅަށް ކަންތައްތައް ކޮށްދޭނަން. ހަމަ ވަރަށް ހިތްހަމަޖެހިލައިގެން، ވަރަށް އުފަލާއެކީގައި ކުރިއަށްދާންވީ. މި ޓްރޭނިންގ، މި ތަމްރީނު ފުރިހަމަކުރުމަށް. އިރާދަކުރެއްވިއްޔާ، ތިޔަކުދިން ތިޔަ ބޭނުންވާފަދަ، އަދި ތިޔަކުދިންގެ ބެލެނިވެރިން، މައިންބަފައިންވެސް، ޢާއިލާގެ ހުރިހާ ފަރާތްތަކުންވެސް ބޭނުންވާފަދަ، އުންމީދުކުރާފަދަ ގޮތަކަށް މިކަން ފުރިހަމަކުރާނެކަން އަޅުގަނޑަށް ހަމަ ޔަޤީން.

އެހެންވީމާ، އަޅުގަނޑު ދަންނަވަން އޮތީ، މި ވާހަކަ. މިހާރުވެސް އަޅުގަނޑަށް އެބަ ފެނޭ، މިކަމުގައި ތިޔަކުދިންގެ ހުރި ޝައުޤުވެރިކަން. އަދި ކުޑަދުވަސްކޮޅެއް މިވީ މިތަނަށް އައިސްފައި. ކުޑަދުވަސްކޮޅެއްގެ ތެރޭގައިވެސް، ޤައުމުގެ މުސްތަޤްބަލު އޮތީ ވަރަށް އުޖާލާކޮށްކަން އެބަ ފެނިގެންދޭ. އެހެންވީމާ، މިކަން މިއީ އަޅުގަނޑު ހިތުން، ޤައުމުގެ ހުރިހާ ރައްޔިތުންވެސް ދެކެން ބޭނުންވާނެ ކަމަކީ.

އަޅުގަނޑު އެދެނީ، މިއަދު މި ޓްރޭނިންގ ފަށާ ކުދިންގެ އިތުރުން، ކުރިއަށް އޮތް ބެޗްތަކުގައި އަދި އިތުރު ކުދިން ބައިވެރިވެ، ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި، އަޅުގަނޑު މިކަން އިޢުލާނުކުރި ދުވަހު ކަނޑައެޅި އަދަދަށް، އެއީ 5000 ޒުވާނުން. 5000 ޒުވާނުން މި ތަމްރީނުތައް ފުރިހަމަކޮށްގެން ނުކުންނަން. އޭރުން އިރާދަކުރެއްވިއްޔާ އެ ތަމްރީނު ކުރެވިގެންދިޔައީ، ދިވެހިރާއްޖޭގެ މުސްތަޤްބަލަށް ފުރިހަމަގޮތުގައި ޚިދުމަތްކުރާނެ ވަރަށް މުހިންމު ބައިވެރިންތަކެއް.

އާދެ، އަދިވެސް އެއްފަހަރު، ހަމަ ހުރިހާ ކުދިންނަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން. ހަމަ ކުރިއަށްދާންވީ. އަޅުގަނޑު މި ދެންނެވިހެން، މިއީ ތިޔަކުދިންގެ މުސްތަޤްބަލަށްޓަކައި، ތިޔަކުދިން އަމިއްލައަށް ކުރިއަށްދިޔުމަށްޓަކައި ފެށޭ ވަރަށް މުހިންމު ކަމެއް. އިސްލާމްދީންދެކެ ލޯބިވާ، ރިވެތި އަޚްލާޤުގެ މައްޗަށް ބިނާވެގެންވާ، ހުނަރުތަކެއް ދަސްކުރެވިގެންދާ ބައެއް ގޮތުގައި ނުކުމެގެންދިޔުމުގެ ޢަޒުމުގައި ކުރިއަށްދާންވީ.

އަދިވެސް އެއްފަހަރު ހުރިހާ ކުދިންނަށް މަރުޙަބާ ދަންނަވަން. އިރާދަކުރެއްވިއްޔާ މިކަމުގެ ނަތީޖާ ތިޔަކުދިންނަށް އަދި ޤައުމަށް ފަހިވެގެންދާނެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ތިޔަކުދިންނަށް، ޤައުމުގެ ހުރިހާ ޒުވާނުންނަށް، ހުރިހާ ރައްޔިތުންނަށް އަދި ޤައުމަށް އުފާފާގަތިކަން މިންވަރު ކުރެއްވުން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.