މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ކިއުގައި 2025 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރަން ދިއުމަށް ތިބި އެންމެހައި ފަރާތްތަކަށް މިއަހަރު ޙައްޖަށް ދެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިކަން ހާމަކުރެއްވީ މީސް މީޑިއާ މަންސަ، އެކްސްގައި އެ މަނިކުފާނުގެ ރަސްމީ އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އަދި މިއީ ޒަމާންތަކަކަށް ފަހު، އެ އަހަރެއްގައި ކިއުގައި ޖެހިފައިތިބި އެންމެންނަށް އެ އަހަރު ޙައްޖަށް ދެވޭ ފުރަތަމަ ފަހަރުކަން ރައީސުލްޖުމްހޫރިއްޔާގެ މި ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ފައިސާ ދެއްކުމަށްފަހު، ފަރުޟު ޙައްޖު އަދާކުރުމަށް ދިގު އިންތިޒާރެއްގައި ތިބި ރައްޔިތުންނަށް، ޙައްލު ހޯދައިދިނުމުގެ ގޮތުން، ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލަށް ބަދަލު ގެނައުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު މިދިޔަ ޖެނުއަރީ މަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މި ބަދަލުތަކުގެ ތެރޭގައި އަލަށް ޙައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދިނުމަށާއި ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެ ތެރެއިން ޢުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރުން ފެށިގެން މަތީގެ ފަރާތްތަކަށް ކޮންމެ އަހަރަކު ވަކި އިންސައްތައެއް ޚާއްޞަކުރުމަށާއި ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ޢުމުރުން 75 (ހަތްދިހަ ފަހެއް) އަހަރުން މަތީގެ ފަރާތްތަކުގެ ތެރެއިން ސިއްޙީ ޙާލަތަށް ބަލައި އެހީތެރިއަކު ގެންދަންޖެހޭ ފަރާތްތަކަށް އެހީތެރިއަކު ހަމަޖައްސަން ފުރުސަތު ދިނުން ހިމެނެއެވެ. އަދި މީގެ ކުރިން ޙައްޖުގެ އަޅުކަން އަދާކޮށްފައިވާ ފަރާތަކަށް އިތުރު ފުރުސަތެއް ދެވޭނީ، އެންމެ ފަހުން ޙައްޖުގެ އަޅުކަން އަދާކުރިތާ ހިޖުރީ ސަނަތުން 05 (ފަހެއް) އަހަރު ވުމުންކަމަށްވެސް މި އުސޫލަށް ގެނައި ބަދަލުގައި ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ފައިސާދައްކައިގެން ޙައްޖު ކިއު ލިސްޓުން ޖާގަ ކަށަވަރު ވީނަމަވެސް ފަރުޟު ޙައްޖު އަދާކުރުމަށް ދިގު އިންތިޒާރެއްގައި ތިބި ރައްޔިތުންނަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ރާއްޖެއަށް ލިބޭ ރަސްމީ ޙައްޖު ކޯޓާ އިތުރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.