ދުނިޔޭގެ ޓީބީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މެސެޖެއް ފޮނުއްވައިފިއެވެ. އެމަނިކުފާނުގެ މެސެޖުގައިވަނީ، ދުނިޔޭގެ ޓީބީ ދުވަހުގެ މިއަހަރުގެ ޝިޢާރަށް އަލިއަޅުއްވާލައްވައި، ބައިނަލްއަޤުވާމީ މުޖުތަމަޢުން ޓީބީ ނައްތާލުމަށް ކަނޑައަޅާ ޢަޒުމުގައި ދިވެހިރާއްޖެއިންވެސް ބައިވެރިވާކަން ހާމަކުރައްވާފައެވެ.

ޓީބީ ބަލި ދެނެގަތުމުގެ މިންވަރު 70 އިންސައްތައަށް އިތުރުކުރުމުގެ އަމާޒާއި، އެ ބައްޔަށް ފަރުވާ ދެވޭ މިންވަރު 85 އިންސައްތައަށް އިތުރުކުރުމުގެ އަމާޒަށް ވާޞިލުވެފައިވާ ފަސް ޤައުމުގެ ތެރެއިން އެއް ޤައުމުކަމުގައި، 1998 ވަނަ އަހަރުއްސުރެ ރާއްޖެ ހިމެނިފައިވުމުން ދައްކުވައިދެނީ، ދިވެހިރާއްޖޭގެ ޓީބީ ކޮންޓްރޯލް ޕްރޮގްރާމުގެ ކާމިޔާބުކަމާއި، ޞިއްޙީ ދާއިރާގެ ފަންނީ މަސައްކަތްތެރީން މިކަމަށް ދެއްވާ އަހަންމިއްޔަތުކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. އަދި ކުރިއަށްއޮތް ތަނުގައިވެސް، ޓީބީ އަވަހަށް ދެނެގަތުމުގައްޔާއި، ފަރުވާގެ ނިޒާމު އިތުރަށް ފުރިހަމަކުރުމަށް ސަމާލުވެވަޑައިގަންނަވާނޭކަންވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

މިއަހަރު، ލޭޓެންޓް ކޭސްތަކަށް، ޓިއުބަކުލޯކިސް ޕްރިވެންޓިވް ޓްރީޓްމަންޓް (ޓީ.ޕީ.ޓީ) ހިލޭ ފޯރުކޮށްދިނުމަށް އިތުރު މަސައްކަތްތައް ކުރައްވަމުންގެންދަވާކަންވެސް މިއަދުގެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ޓީބީ ހުއްޓުވުމާއި، ބައްޔަށް ސްކްރީންކުރުމާއި، ބަލި ޑައަގްނޯޒްކޮށް ފަރުވާދިނުން، ރާއްޖޭގެ އަސާސީ ޞިއްޙީ ފަރުވާގެ މޮޑެލްއާ އެކުލަވާލައިގެން، އެބައްޔަށް ލިބޭ ފަރުވާ ފަސޭހައިން ލިބޭނޭ އިންތިޒާމު ކުރައްވަމުންގެންދަވާކަމަށްވެސް އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

މުސްތަޤުބަލުގެ ޖީލުތަކަށް، ޓީބީ އިން ސަލާމަތްވެފައިވާ، ދުޅަހެޔޮ ރާއްޖެއެއް ބިނާކޮށްދިނުމަށް އެކުގައި މަސައްކަތްކުރުމަށް އެމަނިކުފާނު އިލްތިމާސްކުރައްވާފައިވެއެވެ.