ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ރ. ރަސްގެތީމު ސްކޫލަށް ޒިޔާރަތްކުރައްވައި ސްކޫލްގެެ ޓީޗަރުންނާ ސްކޫލް ހިންގެވުމާ ހަވާލުވެގެންތިއްބެވި އިސް ބޭފުޅުންނާ ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ.
މިއަދު މެންދުރު ކުރީ ރަސްގެތީމު ސްކޫލަށް ކުރެއްވި މި ޒިޔާރަތުގައި އެކަމަނާ ވަނީ އެރަށު ސްކޫލްގެ ލައިބްރަރީއަށް ގަނާކުރުމާ ބެހޭގޮތުންނާ، ޖިންސީ ގޯނާއަށް ހޭލުންތެރިކުރުމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ދެ ވާހަކަފޮތް ހަދިޔާކުރައްވާފައެވެ. އަދި، އެކަމަނާ ވަނީ މުޖުތަމަޢުގައި ހިނގާ ނޭދެވޭ ޢަމަލުތަކާއި ދޭތެރޭ ކުދިން ހޭލުންތެރިކުރުމާ، މުޖުތަމަޢުގައި ހިނގާ އެފަދަ ޢަމަލުތައް ހުއްޓުވުމުގައި ޓީޗަރުންނަށް ްކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން ވެސް ކޮވިޑް ގެ ޙާލަތުގައި ޓީޗަރުން ކުރެއްވެވި ބުރަ މަސައްކަތްތައް ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދިމާވާ ކޮންމެ ގޮންޖެހުމަކާ ކުރިމަތިލައި ކުދިންނަށް ތަޢުލީމުދިނުން ހުއްޓާނުލާ ކުރިޔަށް ގެންދިޔުމަށް ޓެކްނޮލޮޖީގެ އެހީގައިވެސް ކޮށްދެއްވި މަސައްކަތްތަކަށް ތަޢުރީފު ކުރައްވާފައެވެ.
ސްކޫލްގެ އިސްވެރިން ވަނީ އެބޭފުޅުންނަށް ކިޔަވައިދިނުމުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާ ހިއްސާކުރައްވާފައެވެ. މިގޮތުން، ސްކޫލްގައި އެއްދަންފަޅިއަށް ކިޔަވާދިނުމުގައި ދިމާވާ ޖާގައިގެ ދަތިކަން ޙާއްޞަގޮތެއްގައި އެބޭފުޅުން ފާހަގަކުރެއްވިއެވެ. އަދި ކިޔަވާދިނުމުގައި ދިމާވާ ކަންތައްތަކާ ގުޅޭގޮތުން އެބޭފުޅުން ވަނީ އެކަމަނާއާ މަޝްވަރާކުރައްވައި ޚިޔާލު ހޯއްދަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މަތީ ވަނަ ތަކެއް ހާސިލުނުކުރެވުނަސް ކުއްޖާ ސްކޫލުން ނުކުންނަ އިރު އެކުއްޖާގެ ގައިގައި ބޭނުންވާ ތަޢުލީމާއެކު ރަނގަޅު ސިފަތަކެއް އަށަގަނެފައިވުމަކީވެސް ސްކޫލަށް ލިބޭ ކާމިޔާބީއެއްކަމުގައި ފާހަގަކުރައްވާ ޓީޗަރުންނަށް ހިތްވަރުދެއްވާފައެވެ.
ރަސްގެތީމު ސްކޫލަކީ 125 ދަރިވަރުން ނަށް އެލްކޭޖީއިން ފެށިގެން ގްރޭޑް 10 އާ ހަމަޔަށް ކިޔަވައިދެމުންދާ ސްކޫލެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.