ހިޖުރީ އައު އަހަރުގެ ހެޔޮ އެދުމާއި ހެޔޮ ދުޢާތައް އުޚުއްވަތްތެރި އެންމެހާ މުސްލިމުންނަށާއި، ދިވެހި ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު އަރިސްކުރަމެވެ.
އިސްލާމީ އުންމަތަށް މިއީ، ކެތްތެރިކަމާއެކު ﷲގެ ޙަޟްރަތުން ވާގިއެދި، މުސްލިމުންގެ އެއްބައިވަންތަކަމާއި ސަލާމަތަށްޓަކައި ދުޢާކުރުން އިތުރު ކުރަން ޖެހިފައިވާ ވަގުތެކެވެ. ހަނގުރާމައިގެ ނުތަނަވަސް ޙާލަތެއް މެދުއިރުމަތީގެ އިސްލާމީ ބައެއް ޤައުމުތައް ދާދިފަހުން ތަޙައްމަލު ކުރިއިރު، ދިވެހިރައްޔިތުންގެ އިޚްލާޞްތެރި ދުޢާތައް ވަނީ މުސްލިމް އަޚުންނާއި އުޚްތުންނާ އެކުއެވެ. ފަލަޞްޠީނުގެ ރައްޔިތުންނަށް އަމާންކަމާއި ސަލާމަތަށް އަޅުގަނޑުމެން އެދޭހިނދު، އެ ސަރަޙައްދުގެ މުސްލިމް ހުރިހާ ވަޠަނަކަށްމެ، ސިލްމާއި ރައްކައުތެރިކަން މިންވަރުކޮށްދެއްވުން އަދައި ﷲގެ ޙަޟްރަތުގައި ދަންނަވަމެވެ. އާމީން.
ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާ، އެކަލޭގެފާނު އުފަންވެ ވަޑައިގަތް ބިން ދޫކުރައްވައި، ﷲގެ އަމުރުފުޅާ އެއްގޮތަށް މަދީނާއަށް ހިޖުރަ ކުރެއްވުމަކީ، އިސްލާމީ އުންމަތަށް އެތައް ހާސް ޢިބްރަތެއް ލިބިދޭ ތާރީޚީ ޙާދިސާއެކެވެ. ހިޖުރައިގެ ދަތުރުފުޅަށް ތައްޔާރުވެ ވަޑައިގަންނަވަން ފެށްޓެވީއްސުރެ ކުރެއްވި ކޮންމެ ކަމަކީ، ފަރުދީގޮތުންނާއި، ޤައުމެއްގެ ނިސްބަތުގައި، އަދި އުންމަތުގެ ނަޒަރިއްޔާތުން ބަލާއިރުވެސް، ކާމިޔާބު ހާސިލުކުރުމުގައި ހިފަހައްޓަންވީ ޙިކްމަތްތެރި ހަމަތަކެކެވެ.
ހިޖުރައިގެ ދަތުރުފުޅަށް ދުރާލާ ތައްޔާރުވެ ވަޑައިގެން، ހުރިހާ ކަމެއް ގެންދަވާނެގޮތް ރޭއްވެވުން ދޭހަކޮށްދެނީ، ކަމެއް ކާމިޔާބު ކުރުމަށް ބުއްދިވެރިކަމާއެކު ޕްލޭން ކުރުމުގެ މުހިންމު ކަމެވެ. ހިޖުރައިގެ ދަތުރުފުޅުގެ ހައެއްކަ މަސް ކުރިއަށް ދަތުރުފުޅުގެ ސަވާރީ ހޯއްދަވައި، ހާނުއްވަން ފެށްޓެވިއެވެ. މަދީނާއަށް ހިޖުރަ ކުރައްވަމުން ދިޔަ ޞަޙާބީންގެ ފުށުން ޚަބަރުތައް އޮޅުންފިލުއްވަމުން ގެންދެވިއެވެ. މަދީނާގެ ކަމުވޮށީންގެ ދެ ވަފްދަކާއެކު ދުރާލާ މަޝްވަރާ ކުރައްވައި ބައިޢަތު ހިއްޕެވިއެވެ. މުޅި ދަތުރުފުޅުގެ މިސްރާބާއި މަންޒިލްތައް ކަނޑައެޅުއްވުމުގައި ސިއްރު ހިފެހެއްޓެވިއެވެ.
ދަތުރުފުޅަށް ފެށްޓެވި ރޭ، މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އެނދުދާންކޮޅުގައި ޢަލީގެފާނު ބޭއްވެވުމާއި، ޢާއްމުކޮށް މަދީނާގެ ދަތުރަށް މީހުން މިޞްރާބު ހިފާ މަގާ ދުރުގައި ހުރި ޘައުރު ފަރުބަދައިގެ ހޮހަޅައިގައި 3 ރޭ މަޑުކުރެއްވުމާއި، ދަތުރުފުޅު ކުރެއްވި މަގުގެ ފިޔަވަޅުތަކާއި ނިޝާންތައް އެހެން ބަޔަކަށް ނުފެންނާނޭހެން ފޮއްސެވުމަށް ޞަޙާބީ ބޭކަލެއްކަމުގައިވާ ޢާމިރު ބިން ފުހައިރާއާ ޙަވާލުކުރެއްވުމާ، މިކަންކަމުން އަންގައިދެނީ، ﷲއަށް ވަކީލު ކުރުމާއެކު، ވާދަވެރީންގެ ކެހިވެރިކަމުން މިންޖު ވެވޭނެ މާއްދީ ސަބަބުތަކުގައި ހިފުމުގެ މުހިންމު ކަމެވެ.
ދަތުރުފުޅުމަތީގައި އުޅުއްވާއިރު، މުޝްރިކުންގެ ޚަބަރުތައް ގެނެސްދެއްވުން ޙަވާލުކުރެއްވީ، ޒުވާން ޞަޙާބީ ޢަބްދުﷲ ބިން އަބޫބަކުރާ އެވެ. ފަރިއްކޮޅު ގެނަސްދެއްވުން ޙަވާލުކުރެއްވީ ހިތްވަރުގަދަ އަންހެން ޞަޙާބީ އަސްމާ ބިންތު އަބޫބަކުރާ އެވެ. މިއީ އިސްލާމީ މުޖްމަތަމަޢުގެ ކާމިޔާބީގައި އަންހެނުންނާއި ޒުވާނުންގެ ދައުރާއި ޙިއްސާގެ ބޮޑުކަމެވެ.
މައްކާއަށް މަގުދައްކާ އާރުކާޓީއެއްގެ ގޮތުގައި މި ޙައްސާސް ދަތުރުފުޅުގައި ޚިޔާރުކުރެއްވީ، އެކަމުގެ ތަޖްރިބާކާރެއް ކަމުގައިވާ ޢަބްދުﷲ ބިން ޢުރައިޤަޠެވެ. އެއީ އޭރު ޣައިރު މުސްލިމެކެވެ. މިއީ މުސްލިމުން އިތުރު ތަޖްރިބާ ބޭނުންވާ ކަންކަމުގައި، އެކަންކަމަށް މޮޅު، އިތުބާރުހުރި، ޣައިރު މުސްލިމުންގެ ބޭނުން ހިފުމުގެ މިސާލެކެވެ.
މަދީނާއަށް ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ވަޑައިގެން އެންމެ އިސްކަން ދެއްވީ، މުހާޖިރިއްޔަ ބޭކަލުންނާއި އަންޞާރުންގެ މެދުގައި މުއާޚާތު ކުރައްވައި މުސްލިމުންގެ އެކުވެރިކަން ބަދަހިކުރެއްވުމަށެވެ. މަދީނާގެ ސަރަޙައްދުގައި ދިރިއުޅޭ އެހެން ޢަޤީދާތަކުގެ އަހުލުވެރީންނާއެކު ޞުލްޙައިގެ އެއްބަސްވުންތައް ޤާއިމު ކުރައްވައި، އެކި ފިކުރުތަކުގެ މީހުންނާ ލާމެހި މަސަލަސްކަމާއެކު ދިރިއުޅުމުގެ ނަމޫނާ ދެއްކެވުމަށެވެ. މަދީނާ ބިނާކުރައްވައި އާރޯކަން އިތުރުކުރައްވައި، ރަށްވެހި ރީތި ސަހަރަކަށް ހެއްދެވުމަށެވެ. ތަރުތީބު އަދި ތަހުޒީބު ނިޒާމެއް ޤާއިމު ކުރައްވައި ތަންފީޒު ކުރެއްވުމަށެވެ.
ސަލާމާއި ޞަލަވާތްލެއްވި އިތުރު ރަސޫލާގެ މާތް ސުންނަތުން ފެންނާން ހުރި މިފަދަ ކޮންމެ ކަމަކީވެސް، ހުރިހާ ޒަމާނެއްގައި މުސްލިމުންގެ ތަމައްދުނަށް އަގުހުރި ފިލާވަޅުތަކެވެ. މިފަދަ ކޮންމެ މުނާސަބަތެއްގައިމެ، ދިވެހި ރައްޔިތުން ޤަބޫލު ކުރަންވީ ޙަޤީޤަތަކީ، ދިވެހީންގެ ސަލާމަތާއި ބާއްޖަވެރިކަން އޮތީ އިސްލާމްދީނުގެ ވާފަށުގައި ހިފަހައްޓައިގެން ކަމެވެ. ދިވެހި މުޖްތަމަޢުގައި އޮތް ކޮންމެ ކަންބޮޑުވުމަކުން ނަޖާވުމާއި، ރައްޔިތުން އެދޭ ކޮންމެ ފާގަތިކަމެއް ލިބުން އޮތީ އިސްލާމީ އުޞޫލުގައި ދެމިތިބެގެން ކަމެވެ.
ދުޝްމިނުންގެ ކެހިވެރި ރޭވުންތަކުން އިސްލާމީ އުންމަތް ޙިމާޔަތް ކޮށްދެއްވައި، މުސްލިމުންނަށް ނަޞްރާއި ނަސީބު މާތްﷲގެ ޙަޟްރަތުން ދެއްވާށިއެވެ! ދިވެހި މި ލޮބުވެތި ވަޠަން ކީރިތިކަމާއި މޫރިތިކަމުގައި، އިސްލާމީ ހިދާޔަތާއި މިނިވަންކަމާއި ތިޔާގިކަމުގައި އަބަދުމެ ލަހައްޓަވާށިއެވެ! އާމީން.