ދެމެހެއްޓެނެވި ގޮތެއްގައި އިޤްތީޞާދު ސިންދަފާތުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި، ކޮންމެ ދިވެހިރައްޔިތަކީ ފަތުރުވެރިކަމުގެ ހިއްސާދާރަކަށް ހެދުމަށް ކަނޑައެޅުއްވި އަމާޒަށް ވާސިލުވުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

މިމޭރުމުން އެމަނިކުފާނު ވާހަކަފުޅުދެއްކެވީ، މިއަދު މެންދުރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އިޤްތިޞާދީ ސިނާޢީ ދާއިރާތައް ސިންދަފާތު ކުރުމަށް އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ އެކި މަޝްރޫޢުތަކާއި، އަޅުއްވަމުންގެންދަވާ އެކި ފިޔަވަޅުތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރައްވަމުންނެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން އެމަނިކުފާނު ވަނީ، އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑް (އެގްރޯނެޓް)، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރައްވަން ނިންމަވާފައިވާކަން އިޢުލާންކުރައްވާފައެވެ.

މި ބަދަލާއެކު، މިފްކޯ އާއި އެގްރޯނެޓް އެކުގައި މަސައްކަތް ކުރަންފެށުމުން، ވަރަށް ގިނަ ފައިދާތައް ލިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން އެގްރޯނެޓްގެ ވިޔަފާރި ފުޅާކުރުމަށާއި، ސަރުކާރުން ކަނޑައަޅާފައިވާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ އަމާޒު ހާސިލްކުރުމާއި، ދަނޑުވެރިކަމުގެ ސިނާޢަތް ފުޅާކުރުމަށްވެސް ފަސޭހަވާނެކަމަށާ، މިއީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، ދަނޑުވެރިންނާއި މަސްވެރިންގެ އުފެއްދުންތައް ވިއްކަން ޚާއްޞަކޮށްގެން މާލޭގައި އަޅާ ޒަމާނީ ފެންވަރުގެ މާރުކޭޓް ބަލަހައްޓާނީވެސް މިފްކޯއިންކަމުގައި އެމަނިކުފާނު މިއަދު ހާމަކުރެއްވިއެވެ.

ފަތުރުވެރިކަމުގެ ސިނާޢަތާ ގުޅުންހުރި ކަންކަމާ ބެހޭ ގޮތުން ވާހަކަފުޅުދައްކަވަމުން އެންމެ މުހިންމުކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ، ކޮންމެ ދިވެހި ރައްޔިތަކީ ރިސޯޓް ޝެއަރހޯލްޑަރަކަށް ނުވަތަ ހިއްސާދާރަކަށް ހެދުމުގެ ވަޢުދު ފުއްދެވުމަށް ކުރެވެމުންދާ މަސައްކަތްތަކެވެ. މިގޮތުން، ދިވެހީންނަކީ ރިސޯޓު ޝެއާ ހޯލްޑަރުންނަށް ހެދުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން 10 ރިސޯޓު ތަރައްޤީކުރުމަށް، ރަށްރަށް ކަނޑައަޅާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ވަކި ބަޔަކު މުއްސަނދިވުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށާއި، ތަފާތުކުރުމެއްނެތި ކޮންމެ ދިވެއްސަކީވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާއެއް އޮންނަ މީހެއްގެ ގޮތުގައި ހެއްދެވުމަކީ އެމަނިކުފާނުގެ ވަޢުދުފުޅެއްކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރިސޯޓުގެ ޝެއާ ހޯލްޑަރުންނަށް ދިވެހިން ހެދުމުގެ މަސައްކަތް، 36 މަސް ދުވަހުގެ ތެރޭގައި ނިންމަވާ އޭގެ މަންފާ ރައްޔިތުންނަށް ލިބޭނެ މަގު ފަހިކޮށްދެއްވުމަށް ބާރު ދުވެލީގައި މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

ދިވެހިރާއްޖޭގެ ޤުދުރަތީ އެސެޓްތަކުގެ ޙަޤީޤީ ވެރިންނަކީ ދިވެހިން ކަމަށާއި، އެހެންކަމުން ރައްޔިތުންނަށް އެފަދަ އެސެޓުތަކުގެ ސީދާ އާމްދަނީއެއް ލިބޭނެ މަގެއް، ނިޒާމީ ގޮތެއްގައި ހަމަޖެހިގެން ދިޔުމަކީ އެންމެ ޢަދުލުވެރި ގޮތްކަމަށް ދެކިވަޑައިގަންނަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ، މިހިނގާ 2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުއްވައިދެއްވާ، ރިޔާސީ ބަޔާން އިއްވަވަމުންނެވެ. އެގޮތުން 3 އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 10 ރިސޯޓު ތަރައްޤީކޮށް އެ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑުބައެއް، އެއްވެސް ރައްޔިތަކު ބާކީނުކޮށް، ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް، އަހަރަކު އެއްފަހަރު، ބޭރު ފައިސާއިން އެ އާމްދަނީ ޖަމާކޮށްދިނުމަށް ސަރުކާރުން ނިންމަވާފައިވާކަން އެމަނިކުފާނު ވަނީ ޢިއުލާންކުރައްވާފައެވެ.

މީގެ އިތުރުންވެސް އާންމު ރައްޔިތުންނާ ސީދާ ގޮތުން ގުޅުންހުރި އިޤްތިޞާދީ އެކި ދާއިރާތަކުގެ މައްޗަށް އެމަނިކުފާނު މިއަދު ދެއްކެވި ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އޭގެތެރޭގައި، މާލީ ގޮތުން ބަލާއިރު ނިސްބަތުން ކުދި މައްސަލަތަކުގެ ދުވެލި، ޝަރުޢީ މަރުހަލާގައި އަވަސްކުރުމަށާ، ބޮޑެތި ވިޔަފާރިތަކާ ގުޅުންހުރި މަދަނީ މަސައްލަތަކުގެ ދުވެލި ހަލުވި ކުރުމަށް ގެންނަންޖެހޭ ޤާނޫނީ ބަދަލުތައް ގެނައުމަށް، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރުގެ ތެރޭގައި ހުށަހަޅުއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން، އާމްދަނީއިން ޓެކްސް ނެގުމާއި، ބޭރު ފައިސާ މާރުކުރުމާ ގުޅޭ ގޮތުން ދާދި ފަހުން ގެނެވުނު ޤާނޫނީ ބަދަލުތަކާ ގުޅިގެން ނޫސްވެރިން އަމާޒުކުރެއްވި ސުވާލުތަކަށްވެސް އެމަނިކުފާނު ވަނީ ޖަވާބުދާރީވެވަޑައިގެންފައެވެ.