މިހާރު އޮންނަ ގޮތުން އެންމެ މުއްސަނދި މީހާއަށްވެސް އަދި އާދައިގެ މީހާއަށްވެސް އާސަންދަ ނިޒާމުގެ ދަށުން އެއްވެސް ތަފާތެއް ނެތި ޚިދުމަތް ލިބޭ ގޮތަށް އޮތުމަކީ އެންމެ ރަނގަޅު ގޮތްކަމަށް، ކަމާއި ގުޅޭ ފަންނީ މާހިރުންވެސް ޤަބޫލުނުކުރައްވާކަމަށާ، ލިބޭ އާމްދަނީއަށް ބަލައިގެން، އާސަންދަ ކަވަރޭޖު ދެވޭ އުސޫލަށް އަންނަމަހުން ފެށިގެން ބަދަލުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ލިބޭ އާމްދަނީއަށް ބަލައިގެން، އާސަންދަ ކަވަރޭޖު ދެވޭ އުސޫލަށް އަންނަމަހުން ފެށިގެން ބަދަލުކުރައްވާނެކަން އިޢުލާންކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަހެއްގެ މައްޗަށް، 60،000 ރުފިޔާއަށްވުރެ މަތިން މުސާރަ ލިބޭ ފަރާތްތަކަށް މިހާރު އޮންނަ ގޮތަށް، އާސަންދައިން ފުލް ކަވަރޭޖު ނުލިބޭނެކަމުގައެވެ. އަދި 60،000 ރުފިޔާއަށްވުރެ މަތިން މުސާރަ ލިބޭ ފަރާތްތަކަށް، ކޯޕޭ ނުވަތަ ޕްރީޕޭ ނިޒާމެއްގެ ތެރެއިން އާސަންދަ ލިބޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބަދަލާއެކު، އަހަރު ދުވަހުގެ ތެރޭގައި 287 މިލިއަން ރުފިޔާ، ރައްޔިތުންގެ އެހެންކަންކަމަށް ޚަރަދުކުރުމަށް ދަޢުލަތަށް ލިބޭނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މި ބަދަލުގެ ސަބަބުން މި އަހަރުވެސް އާސަންދައަށް ކުރާ ޚަރަދު ކުޑަކުރެވޭނެކަމަށާ، ބޮޑު ބަދަލެއް ފެނިގެންދާނީ ކުރިއަށް އޮތް އަހަރުގެ ތެރޭގައި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭސްފަރުވާގެ ޚިދުމަތް، ހިލޭ ލިބޭނެ މަގުފަހިކޮށްދިނުމަށްޓަކައި ދިވެހި ސަރުކާރުން ގާއިމުކޮށްފައިވާ ގައުމީ ހެލްތު އިންޝުއަރެންސް ނިޒާމު ކަމުގައިވާ، އާސަންދައަށް މިގެނެވޭ ބަދަލުތަކުގެ އިތުރު ތަފްސީލުތައް އެކަމާއި ގުޅުންހުރި އިދާރާތަކުން ހާމަކުރައްވާނެއެވެ.