ކޮވިޑް-19 އާ ގުޅޭގޮތުން ސަރުކާރުން މިހާރު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މަޢުލޫމާތު، ވަޒީރުންގެ މަޖިލީހާ މިއަދު ޙިއްޞާ ކުރައްވައިފިއެވެ.

މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ އިންފޮމޭޝަން ސެޝަންގައި މި މަޢުލޫމާތު ޙިއްޞާ ކުރެއްވީ، މިނިސްޓްރީ އޮފް ހެލްތާއި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީއާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއި، އަދި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ އިސް ބޭފުޅުންނެވެ.

ކޮވިޑް-19 އަށް ރާއްޖެއިން މިހާރު ދެ މީހަކު ޕޮޒިޓިވްވެފައިވުމާއެކު، މިހާރު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި، މި ބަލި ދުނިޔޭގައި ފެތުރެމުންދާ މިންވަރާއި، އަދި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން މިހާރު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި، މި ބަލި ކޮންޓްރޯލްނުވެ ކުރިއަށްދާ ކަމަށްވާނަމަ، ކަންތައްތައް ގެންދަވަން ރާއްވަވާފައިވާ ގޮތުގެ މަޢުލޫމާތު، އެބޭފުޅުން ވަޒީރުންނާ ޙިއްޞާ ކުރެއްވިއެވެ.

ވަޒީރުންގެ މަޖިލީހުގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި، މިކަމަށް ރާއްޖެއިން ތައްޔާރުވެފައިވާ މިންވަރު ފާހަގަކުރައްވައި، އަދި ކުރިއަށް އޮތް ތާނގައި އެޅުއްވިދާނެ މުހިންމު ފިޔަވަޅުތަކުގެ މައްޗަށް ބައްލަވައިލެއްވިއެވެ. އަދި މި ބަލީގެ ޙާލަތަށް އަންނަ ބަދަލާ ގުޅިގެން ހަމަޖައްސަންޖެހޭ އެކިއެކި އިންތިޒާމުތަކާ ބެހޭގޮތުންވެސް މަޝްވަރާ ކުރައްވައި، އެބޭފުޅުންނަށް ފެނިވަޑައިގަންނަވާ ޚިޔާލުފުޅު ހުށަހެޅުއްވިއެވެ.