ތުރުކީވިލާތުގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީގެ ޚާއްޞަ ވަފުދު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ވަފުދުގައި ތުރުކީ-ދިވެހިރާއްޖެ އިންޓަރޕާލަމެންޓަރީ ފްރެންޑްޝިޕް ގްރޫޕްގެ މެންބަރުންވެސް ހިމެނިވަޑައިގަންނަވައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޓަރޕާލަމެންޓަރީ ފްރެންޑްޝިޕް ގްރޫޕަށް މަރުޙަބާ ދަންނަވައި، ދިވެހިރާއްޖޭގެ ސަރުކާރު އެކި އިދާރާތަކާ ގުޅިގެން މަސައްކަތްކުރެއްވުމަށް ދަޢުވަތު ދެއްވާފައެވެ. މީގެ އިތުރުން، އިންޓަރޕާލަމެންޓަރީ ފްރެންޑްޝިޕް ގްރޫޕްގައި ގިނަ ޕާޓީތައް ތަމްސީލުވާތީ އެކަމާ އުފާފުޅު ކުރައްވާކަން ހާމަކުރެއްވިއެވެ. މީގެ އިތުރުން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ބިނާކުރަނިވި މަޝްވަރާތަކެއް ކުރައްވާފައެވެ.

މީގެ އިތުރުން، ފަލަސްތީނުގެ މައްސަލައިގައި ތުރުކީވިލާތުން ގެންގުޅޭ ސިޔާސަތަށް ދިވެހިރާއްޖެއިން ތަޢުރީފުކުރައްވާކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ. އަދި މި މައްސަލައިގައި ދިވެހިރާއްޖެއިން ވެސް އެފަދަ ހަރުދަނާ ސިޔާސަތެއް ގެންގުޅޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް ޤައުމީ ފެންވަރުގައި ކުރެވޭ މުހިންމު މަސައްކަތްތަކުގެ ތަފްޞީލަށްވެސް އަލިއަޅުއްވައިލެއްވިއެވެ. އެގޮތުން، އިޤުތިޞާދީ އިޞްލާޙީ މަސައްކަތްތަކާއި، ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތަކާ ކުރިމަތިލުމަށް ހިންގާ ޕްރޮގްރާމްތަކާ އަދި އިއާދަކުރަނިވި ހަކަތައަށް ކުރެވޭ އިންވެސްޓްމަންޓާބެހޭ މަޢުލޫމާތު އެމަނިކުފާނު ވަނީ ވަފުދާ ހިއްސާ ކުރައްވާފައެވެ.

ތުރުކީވިލާތުގެ ވަފުދުގެ ވާހަކަތަކުގައި، މަތީ ތަޢުލީމާއި، ފަތުރުވެރިކަމާއި، އަދި ދަނޑުވެރިކަމުގެ ދާއިރާފަދަ ދާއިރާތަކުގައި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި އިޤްތިޞާދީ ގުޅުންތައް ހަރުދަނާކޮށް، ވިޔަފާރީގެ ގުޅުންތައް ކުރިއެރުވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. ދިވެހިރާއްޖެއަކީ އުޚުއްވަތްތެރި، މުސްލިމް ޤައުމަކަށްވުމާއެކު ރާއްޖެއާއެކު ގާތްގުޅުންތައް ބޭއްވުމާއި ރާއްޖެއާއެކު މަސައްކަތް ކުރުމަކީ ފަޚުރެއްކަމުގައި ދެކެވަޑައިގަންނަވާކަން ވަފުދުގެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ، ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮތް ދުވަސްވީ ރަޙްމަތްތެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ