ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރިއަށްގެންދަވާ އަރޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) އާއި ޑިޖިޓަލް އިސްތިރާޖީ ޕްރޮގްރާމް، "ޕީޖީއޯ 2.0" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފްތިތާޙުކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، "ޕީޖީއޯ 2.0" އިފްތިތާޙުކޮށްދެއްވީ، ބަރސެލޯ ނަސަންދުރާގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގައެވެ.

ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގެ މައިގަނޑު ތަޞައްވުރަކީ 2028 ވަނަ އަހަރާ ހަމައަށް އަންނައިރު، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީ.ޖީ) އޮފީހަކީ، އިންސާނީ ޙައްޤުތައް ކޮންމެ މަރުހަލާއެއްގައިވެސް ރައްކާތެރިކުރެވިފައިވާ، އަމިއްލަ ސިޔާދަތީ ބާރުލިބިގެންވާ، ފުރިހަމައަށް ޑިޖިޓަލައިޒްކުރެވިފައިވާ، ސުލޫކީ ހެޔޮ މިންގަނޑުގައި ނަޒާހަތްތެރިކަމާއެކު، ދެފުށް ފެންނަ ޕްރޮސެކިއުޝަން ޚިދުމަތެއްދޭ ތަނަކަށް ހެދުމެވެ.

މި ޕްރޮގްރާމުގެ ދަށުން ޕީ.ޖީ އޮފީހުގައި މިހާރު ބޭނުންކުރަމުންއަންނަ ކޭސް މެނޭޖްމަންޓް ސިސްޓަމް "މަފިނި" އިތުރަށް ފުރިހަމަކޮށް، އޭ.އައިގެ ޤާބިލުކަން އެ ސިސްޓަމާ ގުޅުވާލެވޭނެއެވެ. އެގޮތުން، މީގެތެރޭގައި ޤާނޫނީ ލިޔެކިއުންތައް ދިރާސާކުރުމާއި، ދަޢުވާ ފޯމުތަކުގެ ޚުލާޞާ އެކުލަވާލުމާއި، އައިޑެންޓިޓީ ޗެކްކުރުމާއި، ހެކިބަހާއި ލިޔެކިއުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ އިތުރުން، އާންމުންނަށް މަޢުލޫމާތާއި އިރުޝާދު ފޯރުކޮށްދޭ "ސިޓިޒަން އޭޖެންޓް" ހިމެނެއެވެ.
މި ސިސްޓަމް ފަރުމާކުރެވިފައިވަނީ ދިވެހިބަހަށް އިސްކަންދީގެންނެވެ. އަދި މައްސަލަތަކުގެ މަޢުލޫމާތާއި ސިސްޓަމްތައް ބެލެހެއްޓޭނީ ދިވެހިރާއްޖޭގެ އަމިއްލަ ސިޔާދަތީ ކޮންޓްރޯލްގެ ދަށުގައި، ޕީ.ޖީ އޮފީހުގެ އަމިއްލަ ބިނާރުގައެވެ.

އޭ.އައި ވަސީލަތްތައް ބޭނުންކުރި ކަމުގައިވީނަމަވެސް، ކުށުގެ ދަޢުވާކުރުމާއި ނުކުރުމުގެ ފަހު ނިންމުން ނިންމާނީ އޭއައި ނޫންކަމަށާއި، އެ ފަދަ އެންމެހައި ނިންމުންތައް ނިންމުމުގެ ފުރިހަމަ އިޚްތިޔާރާއި މަސްއޫލިއްޔަތު އޮންނާނީ ޤާނޫނީގޮތުން އައްޔަންކުރެވިފައިވާ ޕްރޮސެކިއުޓަރުންގެ އަތްމަތީގައިކަން ޕީ.ޖީ އޮފީހުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ޕީ.ޖީ އޮފީހުން އިންތިޒާމުކުރައްވައިގެން މިއަދު ހެނދުނު ކުރިއަށްގެންދެވި ރަސްމިއްޔާތުގައި، ހެއްކާ ބެހޭ ޤާނޫނުގެ އުސޫލުތައް އަމަލީ މައިދާނުގައި ބޭނުންކުރާނެ ގޮތް އޮޅުންފިލުވައިދެއްވައި އިތުބާރުހުރި މަސްދަރެއްގެ ގޮތުގައި އެ އޮފީހުގެ އެކަޑަމީން ތައްޔާރުކުރައްވާފައިވާ ފޮތް، "އެވިޑެންސް، އަ ޕްރެކްޓިޝަނަރޒް ގައިޑް" ނެރެދެއްވުން އޮތެވެ. ހަމަމިއާއެކު، އެ އޮފީހުގެ އައު ވެބްސައިޓް ލޯންޗްކުރެއްވުންވެސް މިއަދުގެ ރަސްމިއްޔާތުގައި އޮތެވެ. މިއާއެކު، ޕީ.ޖީ އޮފީހަކީ ސައްތަ އިންސައްތަ އާރް.ޓީ.އައި ކޮމްޕްލަޔަންޓް އިދާރާއަކަށްވެސް ވަނީ ވެފައެވެ.

މީގެ އިތުރުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފޯރުކޮށްދެއްވާ ޚިދުމަތްތައް އޮންލައިންކޮށް ހޯއްދެވުމަށް އެ އޮފީހުން ތައްޔާރުކުރެއްވި "އީދޮރޯށި" އިފްތިތާޙުކުރެއްވުމާއި، ޖިނާއީ ޢަދުލުގެ ނިޒާމާ ގުޅުންހުރި އެންމެހައި ޤާނޫނުތަކާއި، ޤަވާއިދުތަކާއި، އުސޫލުތަކާއި، މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތައް އެއްތަނަކުން ފެންނާނެ ގޮތަށް ފަރުމާކުރެވިފައިވާ ވެބްސައިޓް އަދި މޯބައިލް އެޕްލިކޭޝަން "ލެތުން" އިފްތިތާޙުކުރެއްވުންވެސް މިއަދުގެ ރަސްމިއްޔާތުގައި އޮތެވެ. މި ނަންބަރުތައް ފުރިހަމަކޮށްދެއްވުމުގައި އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަބްދުލްޣަނީ މުޙައްމަދާއި، ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް އަދި ދަޢުލަތުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގަތެވެ.