ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އުއްތަމަ ފަނޑިޔާރުކަމަށް، މާފަންނު ގުލްފާމްގެ އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް، އައްޑޫ ސިޓީ މީދޫ، ހަސަންކާރިގެ އޮނަރަބަލް އަލްއުސްތާޛު ޙުސްނުއްސުޢޫދު މިއަދު ޢައްޔަން ކުރައްވައިފިއެވެ.
މި 2 ބޭފުޅުން މަޤާމުތަކަށް ޢައްޔަންކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ރައީސުލްޖުމްހޫރިއްޔާ، އުއްތަމަ ފަނޑިޔާރުކަމަށް، އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން، ހަމަޖެއްސެވީ ޤާނޫނުއަސާސީގެ 147 ވަނަ މާއްދާގެ ދަށުންނެވެ. އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނު ވަނީ 2010 އިން 2014 އަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ. އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނު ވަނީ އިނގިރޭސި ވިލާތުގެ ގްލަސްގޯ ޔުނިވަރސިޓީން ޓްރާންސް ނޭޝަނަލް ކޮމާޝަލް ލޯއިން މާސްޓާރސް އޮފް ފިލޯސަފީ ޙާސިލު ކުރައްވާފައެވެ. އަދި އިނގިރޭސި ވިލާތުގެ ބަކިންގހަމް ޔުނިވަރސިޓީން، ބެޗްރަލަރ އޮފް ލޯ، އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނު ވަނީ ޙާސިލުކުރައްވާފައެވެ. މިއަދު ބޭއްވެވި ރަސްމިއްޔާތުގައި އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނަށް މަޤާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޙުސްނުއްސުޢޫދެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް، މިއަދު ހަމަޖެއްސެވި އޮނަރަބަލް އަލްއުސްތާޛު ޙުސްނުއްސުޢޫދު އެ މަޤާމަށް ހަމަޖެއްސެވީ ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.
އަލްއުސްތާޛު ޙުސްނުއްސުޢޫދު ވަނީ އޮސްޓްރޭލިޔާގެ ކްއީންސްލޭންޑް ޔުނިވަރސިޓީން މާސްޓާރސް އޮފް ލޯ ޙާސިލުކުރައްވާފައެވެ. އަދި އަލްއުސްތާޛު ޙުސްނުއްސުޢޫދު ވަނީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ބެޗްލަރ އޮފް ލޯގެ އޮނާސް ޑިގްރީއެއް ވެސް ޙާސިލުކުރައްވާފައެވެ. އަލްއުސްތާޛު ޙުސްނުއްސުޢޫދު އެންމެފަހުން ހުންނެވީ، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުގެ ރައީސްގެ މަޤާމުގައެވެ.
މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް، އައްޔަންކުރެއްވި އޮނަރަބަލް އަލްއުސްތާޛު ޙުސްނުއްސުޢޫދަށް މަޤާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރެވެ.