ކުރިއަށް އޮތް ފަސް އަހަރުގެ ތަރައްޤީގެ މިޞްރާބު ހިމެނޭ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙު ކޮށްދެއްވައިފި


މިއީ، ސަރުކާރުގެ ވަޢުދުތައް ހާސިލުކުރާނެ ގޮތުގެ މަޝްވަރާ ހޯދައި، ވަގުތު ތާވަލު ހަދައި، ވިލަރެސްކޮށް، ކަރުދާހަށް ތިރިކޮށްފައިވާ، ކަންކުރާނެ ގޮތުގެ ސިޔާސަތު ކަމަށް ވިދާޅުވެ، ކުރިއަށް އޮތް ފަސް އަހަރުގެ ތަރައްޤީގެ މިޞްރާބު ހިމެނޭ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ އިފްތިތާޙު ކޮށްދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ، ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސް.އޭ.ޕީ.) އިފްތިތާޙު ކޮށްދެއްވީ، އެކަމަށްޓަކައި މިރޭ ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.


2019 ވަނަ އަހަރުން 2023 ވަނަ އަހަރަށް ހާސިލުކުރުމަށް ކަނޑައަޅާފައިވާ ތަރައްޤީގެ ލަނޑުދަނޑިތަކުގެ މައްޗަށް އެކުލެވިގެންވާ މި ޕްލޭނަކީ، މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ވަޢުދުތަކާއި އެކިއެކި ދާއިރާތަކުން މިހާރު ވެސް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ބިނާވެގެންވާ ޕްލޭނެކެވެ. ތަރުތީބުކުރެވި، ތާރީޚުޖެހި، ނަމްބަރުޖެހި، މުއްދަތު ޖެހި، ދެލިކުރެވި އަދި މަޝްވަރާ ހޯދިގެން ތައްޔާރުކޮށްފައިވާ މި ޕްލޭންގެ ދައުރަކީ ސަރުކާރުގެ ސިޔާސަތުތަކާއި ތަރައްޤީގައި އިސްކަންދޭ ކަންތައްތައް ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ތަންފީޒުކުރުމާއި، އޭގެ ނަތީޖާ ހާސިލުކުރެވޭ މިންވަރު ދެނެގަނެ، އެ މަސައްކަތްތައް ކުރިއަށްދާ މިންވަރު ބެލުމެވެ.


ސިޔާސަތުތައް އެކުލަވާލައި، ބޮޑެތި ޕްލޭންތައް ހެދުމަށްފަހު ކުރިއަށް ކުރަން އޮތް މުހިންމު ކަމަކީ އެ ކަންތައްތައް ހާސިލުކުރަން މަސައްކަތް ކުރުންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ މިރޭ ވިދާޅުވީ، މި ޕްލޭނާއި އެއްގޮތަށް މަސައްކަތް ކުރުމުން ނޫނީ ނަތީޖާ ނުނެރެވޭނެ ކަމަށެވެ. އެސް.އޭ.ޕީ. ގެ ދަށުން ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ސަރުކާރުން ނިންމަވާފައިވަނީ މައިގަނޑު ފަސް ދާއިރާއަކަށް ބަހާލައިގެންނެވެ. އެއީ ނޫ އިޤްތިޞާދު، އޯގާތެރި ސަރުކާރު، ފަޚުރުވެރި ޢާއިލާ، ޖަޒީރާ ދިރިއުޅުން އަދި ހެޔޮ ވެރިކަމެވެ. ނޫ އިޤްތިޞާދުގެ ދާއިރާގައި ހިމެނެނީ އިޤްތިޞާދީ ލަނޑުދަނޑިތަކާއި، ފުރިހަމަ ގޮތެއްގައި އެ ލަނޑުދަނޑިތައް ޙާޞިލްކުރެވޭނެ ގޮތްތަކެވެ. އޯގާތެރި ސަރުކާރުގެ ދާއިރާގައި ހިމެނެނީ އިޖުތިމާޢީ ކުރިއެރުމުގައި އިސްކަންދެވޭ ކަންތައްތަކެވެ.


ފަޚުރުވެރި ޢާއިލާގެ ދާއިރާގައި ހިމެނެނީ ތަފާތުކުރުންތައް ނައްތާލައި، ހަވާސާވެފައިވާ އާބާދީތަކާ ގުޅިގެން އިސްކަންދެވޭ ކަންތައްތަކެވެ. އަދި، މުޖުތަމަޢު ބިނާކުރުމާއި ޚިދުމަތް ފޯރުކޮށްދިނުމުގައި އިސްކަންދެވޭ ކަންތައްތަކުގެ މައްޗަށް މި ޕްލޭންގެ ޖަޒީރާ ދިރިއުޅުމުގެ ދާއިރާ ބިނާވެފައިވާއިރު، ހެޔޮ ވެރިކަމުގެ ދާއިރާ ބައްޓަންވެފައިވަނީ ދައުލަތް ހިންގުމަށް ގެނެވޭ މުހިއްމު އިޞްލާޙީ ބަދަލުތަކުގެ މައްޗަށެވެ.


މިރޭ އިފްތިތާޙު ކުރެއްވި ސްޓްރެޓީޖިކް އެކްޝަން ޕްލޭނަކީ، ސަރުކާރުގެ ވަޢުދުތަކާއި، އެ ވަޢުދުތައް ހާސިލުކޮށްދިނުމުގެ މަސައްކަތާއި، އެ މަސައްކަތްތަކުގެ ނަތީޖާ ރައްޔިތުންނަށް ގާތުން ފެންނާނެ ގޮތުގެ މަގުޗާޓެކެވެ. ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، މި ޕްލޭންގެ އަނެއް މަޤްޞަދަކީ، ފުދުންތެރި ފަޚުރުވެރި ޢާއިލާއެއް ބިނާކުރުމަށް ބޭނުންވާނެ ނޫ އިޤްތިޞާދެއް ބިނާކޮށް، ތަނަވަސް ޖަޒީރާ ދިރިއުޅުމަކަށް ރައްޔިތުންނަށް މަގުފަހިކޮށްދިނުން ކަމަށެވެ.


މިފަދަ އެކްޝަން ޕްލޭނެއް އެކަށައެޅުމުގެ އެއް ބޭނުމަކީ، ވަޢުދުތައް ފުދެމުންދާ މިންވަރާ މެދު، ސަރުކާރު ޖަވާބުދާރީކުރުވުން ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ޕްލޭންގެ ދަށުން ދައުލަތުގެ ވެރިން ޒިންމާދާރުކުރުމުގެ ފުރުޞަތު ރައްޔިތުންނަށް ލިބިގެންދާ ކަމަށެވެ. އަދި، މި ޕްލޭންގައިވާ ކަމެއް ނުހިނގާނަމަ، ނުވަތަ މިއާ ޚިލާފަށް ކަމެއް ހިނގާނަމަ، އެކަމެއް ހަމަ މަގަށް އެޅުވުމުގެ ފުރުޞަތު ރައްޔިތުންނާއި، މީޑިއާ އަދި އެހެން ފަރާތްތަކަށްވެސް ލިބިގެންދާ ކަމަށެވެ.


ޖުމުލަ 33 ދާއިރާއެއްގެ މައްޗަށް އެކުލެވިގެންވާ މި ޕްލޭންގައި، އެ ދާއިރާތަކުން ކުރާނެ މަސައްކަތްތަކާއި، އޭގެ ނަތީޖާތައް ހިމެނޭ އަދި އެ ކަންތައްތައް ތަންފީޒުކޮށް ބެލެހެއްޓުމަށް ބޭނުންވާ ތާވަލުތައް ވެސް ހިމެނެއެވެ. އަދި، މި ތާވަލުތަކުގައި ހިމެނޭ ކޮންމެ ޙަރަކާތެއް ހިންގޭނެ އަދި ލަނޑުދަނޑިއެއް ހާސިލުވާނެ އަހަރު ކަނޑައަޅާފައިވެއެވެ. މިއީ، އެކި ދާއިރާތަކާގުޅޭ ތަޖުރިބާކާރު އިސް ހަރަކާތްތެރިންގެ މަޝްވަރާއާއި އެ ފަރާތްތަކުގެ އެއްބާރުލުމާއިއެކު ތައްޔާރުކޮށްފައިވާ ޕްލޭނެކެވެ.