ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލާއި މިއަދު ބައްދަލުކުރައްވައި ރަށުގެ ތަރައްޤީގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި.

މިއަދު މެންދުރު ކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ފެންފުށީ ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް ބޭނުންވާ ބޮޑެތި ބައެއް މަޝްރޫޢުތަކާ ގުޅޭގޮތުން، ކައުންސިލާއި ރައްޔިތުންގެ ފަރާތުންހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ. އެގޮތުން ރަށުގެ ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތް ލަސްވަމުންދިއުމާއި ގެސްޓްހައުސް ވިޔަފާރިއަށް ކައުންސިލުން ކަނޑައަޅާފައިވާ ބިން ހަމަނުޖެހި އޮތުމާއި، ފެނުގެ މަޝްރޫޢާއި ބަނދަރު މަޝްރޫޢާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާ އަދި ސްކޫލާއި ހެލްތު ސެންޓަރުގެ ތަރައްޤީއަށް ކުރަންހުރި މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލަރުން ރައިސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާކުރެއްވިއެވެ. މީގެއިތުރުންވެސް ރަށުގެ ފުޓުބޯޅަ ދަނޑު ހެދުމުގެ މަސައްކަތާއި ގުޅޭގޮތުންހުރި ކަންބޮޑުވުންތަކާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ އެހެން ބައެއް މަސައްކަތްތަކާގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ރަށުގެ ތަރައްޤީއާ ގުޅިފައިވާ ބައެއް ބޮޑެތި މަޝްރޫއުތަކާ ގުޅޭގޮތުން ކައުންސިލަރުން ފާހަގަކުރެއްވި ކަންކަން ބައްލަވައި އެކަންކަމަށް އަވަސް ޙައްލެއް ގެނަސްދެއްވުމަށް މަސައްކަތްޕުޅު ކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ. އަދި ބައްދަލުވުމުގައި އިތުރަށް ފާހަގަކުރެއްވި ކަންކަމުގައިވެސް ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، ރައްޔިތުންނާ ގުޅޭ ކަންކަމުގައި ސަރުކާރުން ވަކިރަށެއް ތަފާތުކުރުމެއް ނުގެންގުޅުއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ކައުންސިލަރުންނަށް އެރުވިއެވެ.