ފައިނޭންސިންގ ފޯ ޑިވެލޮޕްމަންޓްގެ ބައިނަލްއަޤުވާމީ ހަތަރުވަނަ (އެފް.އެފް.ޑީ.4 ) ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ބައިވެރިވެވަޑައިގެންފިއެވެ.

ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ކުރިއަށްދިޔަ އާންމު ބަހުސްގައި އެކި ގައުމުތަކުގެ އިސްވެރިން ވަނީ އެ ޤައުމުތަކުގެ މާލީ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާއި މާލީ ކުރިއެރުންތަކާއި، ކުރިމަގުގައި ޙާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ޙިއްސާކުރައްވާފައެވެ.

މި ކޮންފަރެންސްގައި ބައިނަލްއަޤްވާމީ މާލީ އޮނިގަނޑު އިޞްލާޙުކުރުމާއި ތަރައްޤީގެ ގުޅުންތައް ހަރުދަނާކުރުންފަދަ ހައްސާސް މައްސަލަތަކުގެ މައްޗަށް، ކޮންފަރެންސްގެ ހަވާސައިގައި، ވަށްމޭޒުގެ ބައްދަލުވުންތަކުގައި މަޝްވަރާތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ހިނގާ ޖޫން މަހުގެ 30 އިން އަންނަ ޖުލައި މަހުގެ 3 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، އެފް.އެފް.ޑީ.4 ގައި ބައިވެރިވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ވަގުތު ހުންނެވީ ސްޕެއިންގެ ސެވީލްގައެވެ.