އަވައްޓެރިންނާއި، ރާއްޖެއަށް ހެޔޮއެދޭ ޤައުމުތަކާ އެކު ގުޅުންތައް އުފައްދާނީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކޮށް ރައްކާތެރި ކުރެވޭނެ ގޮތަށްކަމަށާ އަދި ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް ފައިދާ ލިބޭ ގޮތްތަކަށް ވަރަށް ބޮޑަށް އިސްކަން ދެއްވައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސިންގަޕޫރަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ސިންގަޕޫރުގައި ދިރިއުޅުއްވާ ދިވެހިންނާ މިއަދު ހަވީރު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި ސިންގަޕޫރަކީ ވަރަށް ޒަމާންވީ ވަރަށް ގާތް އެކުވެރި ގުޅުމެއް އޮންނަ ދެ ޤައުމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖެ ތަރައްޤީކުރުމުގެ މަސައްކަތުގައި ސިންގަޕޫރުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ރާއްޖެއާއި ސިންގަޕޫރާ ދެމެދު ދެ އެއްބަސްވުމެއްގައި ސޮއި ކުރެވިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން ޚާރިޖީ ގުޅުންތައް އިތުރަށް ބަދަހިކޮށް، ގިނަ ޤައުމުތަކާ އެކު ގާތް ގުޅުންތަކެއް އުފައްދަން މަސައްކަތްތަކެއްކުރައްވަމުން ގެންދަވާ ކަމަށާއި، އެގުޅުންތައް އަލުން އިޢާދަކުރުމަށް ކުރާ މަސައްކަތުގައި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ކުޑަވެސް ގެއްލުމެއް ލިބޭފަދަ ކަމެއް ސަރުކާރުން ނުކުރާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މި ދެންނެވި މަސައްކަތުގެ ތެރެއިން، ކޮމަންވެލްތާ އަލުން ގުޅުމަށްޓަކައި ސަރުކާރުން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް މިހާރު ވާނީ، ފުރިހަމަކޮށް ކޮމަންވެލްތަށް ހުށަހަޅާފައި. އިރާދަކުރެއްވިއްޔާ، ކޮމަންވެލްތުގެ މެންބަރުކަން އަނެއްކާ ވެސް ވަރަށް އަވަހަށް ރާއްޖެއަށް ލިބިގެންދާނެ. އޭރުން، އެ ޖަމާޢަތުގެ ޤައުމުތަކުން ކުރިން ލިބެމުން އައި އެހީތަކާއި އެހީތެރިކަން އަނެއްކާވެސް ލިބެން ފަށާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ސިންގަޕޫރުގެ ޒިންމާދާރު ފަންނީ ވަޒީފާތަކުގައި ވެސް ދިވެހިން ތިބިކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި އެބޭފުޅުންނަކީ ދިވެހިންގެ ޢިލްމީ ޤާބިލްކަމާއި ފަންނުވެރިކަމާއި ހުނަރުވެރިކަމުގެ ނަމޫނާ ބައެއްކަމަށާއި، އެ ބޭފުޅުން އެ ވަޒީފާތަކުގެ މަސްއޫލިއްޔަތު އުފުއްލަވަމުން ގެންދަވަނީ ރާއްޖެ ފަޚުރުވެރިވާހާ ފުރިހަމައަށް ޒިންމާދާރުކަމާ އެކުގައިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާ އެކު ގާތް ގުޅުމެއް އުފައްދަން، ދިވެހި އެމްބަސީން މިހާރު ވަރަށް މުހިންމު މަސައްކަތްތަކެއް ފަށާފައިވާކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމްބަސީން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް އޮންލައިންކޮށް ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ފަށާފައިވާކަން ހާމަކުރައްވާފައެވެ.

"ދިވެހި އެމްބަސީ މެދުވެރިކޮށް ދޭ ޚިދުމަތްތަކުގެ ތެރެއިން، އެމްބަސީއަށް ކޮންމެހެން ހާޒިރުވާންޖެހޭ ކަންތައް ފިޔަވައި، އެހެން ޚިދުމަތްތައް އޮންލައިންކޮށް ދެވޭނެ އިންތިޒާމުތައް ވެސް މިހާރު ވާނީ ހަމަޖެހިފަ. އެހެންކަމުން، ކުރިއަށް މިއޮތް ދުވަސްތަކުގައި، ދިވެހި އެމްބަސީއާއި މިޤައުމުގައި އުޅުއްވާ ދިވެހިންނާ ދެމެދު ވަރަށް ރަނގަޅު ވަރަށް ގާތް ގުޅުމެއް އުފެދިގެންދާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން."