بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލުކުރަން.

ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، ދައުލަތުގެ ވަޒީރުން، ސިންގަޕޫރުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމްގެ ދެކަނބަލުން، ސިންގަޕޫރުގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންނާއި، ދިރިއުޅުއްވާ ލޮބުވެތި ދިވެހި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ސިންގަޕޫރަށް އަޅުގަނޑު ކުރާ މި ދަތުރުގައި، މި ޤައުމުގައި ދިރިއުޅުއްވާ ދިވެހީންނާ ބައްދަލުކޮށްލުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ވަކިން ޚާއްޞަކޮށް، ތަޢުލީމު ޙާޞިލުކުރަން ތިބޭ ދަރިވަރުންނާއި، ތުއްތު ކުދިންނާ ބައްދަލުވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އެހެންކަމުން، ތިޔަބޭފުޅުން އަޅުގަނޑާ ބައްދަލުކޮށްލުމަށް މިތަނަށް ވަޑައިގެންދެއްވިކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

ރާއްޖެއާއި ސިންގަޕޫރަކީ ވަރަށް ޒަމާންވީ، ވަރަށް ގާތް އެކުވެރި ގުޅުމެއް އޮންނަ ދެ ޤައުމު. ރާއްޖެ ތަރައްޤީ ކުރުމުގެ މަސައްކަތުގައި، ސިންގަޕޫރުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާކަން އަޅުގަނޑު ފާހަގަކޮށްލަން. އަދި މިހާރުވެސް އެތައް ގޮތަކުން ރާއްޖެއަށް އެހީތެރިވެދޭ.

މި ދެންނެވި ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާ ކުރުމަށް، އަޅުގަނޑުގެ މި ދަތުރުގައިވެސް، ބައެއް ކަންތައް ކުރުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވާލަން. އެގޮތުން، ރާއްޖެއާއި ސިންގަޕޫރާ ދެމެދު ދެ އެއްބަސްވުމެއްގައި ސޮއިކުރެވިގެންދާނެ. އޭގެތެރޭގައި، ވައިގެ ދަތުރުފަތުރުގެ ޚިދުމަތާ ގުޅޭ އެއްބަސްވުމެއްވެސް ހިމެނޭ.

ރާއްޖެއާއި ސިންގަޕޫރާ ދެމެދު ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ އެއްބަސްވުމެއް، އެންމެ ފުރަތަމަ ޤާއިމުކުރީ، 12 މާރިޗު 1983 ގައި. އަދި ދަތުރުތައް ފެށީ 28 މާރިޗު 1984 ގައި. އޭގެފަހުން މިވީ 35 އަހަރުގެ ތެރޭގައި، ވައިގެ ދަތުރުފަތުރުގެ ވަސީލަތުން އަޅުގަނޑުމެންގެ ދެ ޤައުމު ވަނީ ވަރަށް ބޮޑަށް ގުޅުން ބަދަހިވެ، އެކުވެރިކަން އިތުރުވެފައި.

ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ސަރުކާރާ ޙަވާލުވިއިރު، ރާއްޖެ އޮތީ ބައިނަލްއަޤްވާމީ މުޖްތަމަޢުން ވަރަށް ބޮޑަށް އެކަހެރިކުރެވިފައި. އެންމެ އަވަށްޓެރި ޤައުމުތަކާ މޫނުކެނޑޭ ދަރަޖައަށް، ޚާރިޖީ ސިޔާސަތު، ވަކި ފަރާތަކަށް ބުރަވެ ބޮއްސުންލައިގެންދިޔަ. އެއީ ރާއްޖެއަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް. އެހާމެ ބޮޑު ނިކަމެތިކަމެއް.

މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑުމެން މި އަންނަނީ ޚާރިޖީ ގުޅުންތައް އިތުރަށް ބަދަހިކޮށް، ގިނަ ޤައުމުތަކާއެކު ގާތް ގުޅުންތަކެއް އުފައްދަމުން. އެހެންނަމަވެސް، އެ ގުޅުންތައް އަލުން އިޢާދަކުރުމަށް އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ކުޑަވެސް ގެއްލުމެއް ލިބޭފަދަ ކަމެއް އަޅުގަނޑުމެން ނުކުރަން.

އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެފަދަ ކަމެއް ނުވެސްކުރާނަން. އަޅުގަނޑުމެން އަވަށްޓެރިންނާއި، ރާއްޖެއަށް ހެޔޮއެދޭ ޤައުމުތަކާއެކު ގުޅުންތައް އުފައްދާނީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކޮށް ރައްކާތެރި ކުރެވޭނެ ގޮތަށް. އަދި ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް ފައިދާ ލިބޭ ގޮތްތަކަށް ވަރަށް ބޮޑަށް އިސްކަންދީގެން.

މި ދެންނެވި މަސައްކަތުގެ ތެރެއިން، ކޮމަންވެލްތާ އަލުން ގުޅުމަށްޓަކައި ސަރުކާރުން ފުރިހަމަކުރަންޖެހޭ ކަންތައް މިހާރުވާނީ ފުރިހަމަކޮށް، ކޮމަންވެލްތަށް ހުށަހަޅާފައި. އިރާދަކުރެއްވިއްޔާ، ކޮމަންވެލްތުގެ މެންބަރުކަން އަނެއްކާވެސް ވަރަށް އަވަހަށް ރާއްޖެއަށް ލިބިގެންދާނެ. އޭރުން، އެ ޖަމާޢަތުގެ ޤައުމުތަކުން، ކުރިން ލިބެމުން އައި އެހީތަކާއި އެހީތެރިކަން، އަނެއްކާވެސް ލިބެން ފަށާނެ.

ސިންގަޕޫރަކީވެސް ކޮމަންވެލްތުގެ ވަރަށް މުހިންމު ޤައުމެއް. މިއީ ތަރައްޤީއާއި ކުރިއެރުމާއި މުއްސަނދިކަމުގެ ގޮތުން، ދިވެހީންގެ ތެރޭގައި މިސާލު ޖަހައި އުޅޭ ޤައުމެއް. ސިންގަޕޫރަކީ ކޮން ތަނެއްކަން ނޭނގޭއިރުވެސް، މާލޭގައި އޮންނަ ސިންގަޕޫރު ބާޒާރެއްގެ ވާހަކަ، އަޅުގަނޑުމެން ކުޑައިރު އަޑުއަހަން. މިތާ ތިއްބެވި ބައެއް ބޭފުޅުންވެސް އެ ހަނދާންތައް ހުންނާނެ.

މިހާރުވެސް ގިނަ ދިވެހިން ސިންގަޕޫރަށް ދަތުރުކޮށް އުޅެނީ، ވިޔަފާރީގެ ބޭނުންތަކުގަޔާއި، ފެންވަރު ރަނގަޅު މުދަލާއި، ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދުމަތް ހޯދަން. ނަމަވެސް ސިންގަޕޫރުގައި ދިރިއުޅޭ ގިނަ ދިވެހީންނަކީ، މަތީ ތަޢުލީމު ހޯދުމަށް އައިސް ތިބި ޒުވާނުންނާއި، އެ ޒުވާނުންގެ ޢާއިލާތައް.

އަޅުގަނޑަށް އެނގިފައިވާ ގޮތުން، ސިންގަޕޫރުގެ ވަރަށް ޒިންމާދާރު ފަންނީ ވަޒީފާތަކުގައިވެސް ދިވެހިން އެބަތިބި. ސަރުކާރުގެ އޮފީސްތަކުގަޔާއި، ޕްރައިވެޓް ސެކްޓަރގެ ކުންފުނިތަކުގައިވެސް ވަރަށް ޒިންމާދާރު މަޤާމުތަކުގައި ދިވެހިން އެބަތިބި. އަޅުގަނޑު ދެކޭގޮތުގައި އެބޭފުޅުންނަކީ، ދިވެހިންގެ ޢިލްމީ ޤާބިލުކަމާއި، ފަންނުވެރިކަމާއި، ހުނަރުވެރިކަމުގެ ނަމޫނާ ބައެއް.

އޭގެތެރޭގައި ޑޮކްޓަރުންނާއި، ކޮމްޕިއުޓަރ ޕްރޮގްރާމިންގ ފަދަ ޕްރޮފެޝަނަލް ދާއިރާތަކުގެ ވަޒީފާތަކުގައި އުޅުއްވާ ދިވެހިންވެސް އެބަ ތިއްބެވި. އަމިއްލަ ވިޔަފާރި ކުންފުނިތައް އުފައްދައިގެން، ސިންގަޕޫރުގައި ކާމިޔާބު ވިޔަފާރިތައްވެސް އެބަ ހިންގަވާ. އެ ބޭފުޅުން އެ ވަޒީފާތަކުގެ މަސްއޫލިއްޔަތު އުފުއްލަވަމުން ގެންދަވަނީ، ރާއްޖެ ފަޚުރުވެރިވާހާ ފުރިހަމައަށް ޒިންމާދާރުކަމާ އެކުގައިކަން އަޅުގަނޑު ފާހަގަކުރަން.

ސިންގަޕޫރުގައި ކިޔަވަން ތިބޭ ދިވެހި ކުދިންނަކީވެސް، ރާއްޖޭގެ ކުރިމަގުގެ ތަރައްޤީއާ ގުޅިފައިވާ ވަރަށް އުންމީދީ ޒުވާނުންތަކެއް. ޤައުމުން ބޭރުގައި ތަޢުލީމު ޙާޞިލުކުރިޔަސް، އެކުދިންގެވެސް ޙަޤީޤީ އަމާޒަކަށްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަނީ، ރާއްޖެ ކުރިއަރުވައި ތަރައްޤީ ކުރުން. މި ޤައުމުގައި ތިބެގެން، އެ ކުދިން ކުރާ މަސައްކަތަކީ، އެކަމަށް ތައްޔާރުވުން.

ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާއެކު ގާތް ގުޅުމެއް އުފައްދަން، ދިވެހި އެމްބަސީން މިހާރު ވަނީ ވަރަށް މުހިންމު މަސައްކަތްތަކެއް ފަށާފައި. އެމްބަސީން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް، އޮންލައިންކޮށް ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްވެސް މިހާރު ވަނީ ފެށިފައި. އެކަމަށްޓަކައި އެމްބެސެޑަރު ޑޮކްޓަރ މަޢުޞޫމަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

ދިވެހި އެމްބަސީ މެދުވެރިކޮށް، ދޭ ޚިދުމަތްތަކުގެ ތެރެއިން، އެމްބަސީއަށް ކޮންމެހެން ހާޒިރުވާންޖެހޭ ކަންތައް ފިޔަވައި، އެހެން ޚިދުމަތްތައް އޮންލައިންކޮށް ދެވޭނެ އިންތިޒާމުތައްވެސް މިހާރު ވާނީ ހަމަޖެހިފައި. އެހެންކަމުން، ކުރިއަށް މި އޮތް ދުވަސްތަކުގައި، ދިވެހި އެމްބަސީއާއި މި ޤައުމުގައި އުޅުއްވާ ދިވެހިންނާ ދެމެދު ވަރަށް ރަނގަޅު، ވަރަށް ގާތް ގުޅުމެއް އުފެދިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އަޅުގަނޑުގެ ދުޢާއަކީ، ތިޔަބޭފުޅުން ތިޔަ ކުރައްވާ މަސައްކަތުގައި، މާތް ﷲ ބަރަކާތް ލައްވައި، ކާމިޔާބާއި ބާއްޖަވެރިކަން މިންވަރު ކުރެއްވުން. ހުރިހާ ބޭފުޅުންނަށްވެސް އުފާވެރި އަދި ބާއްޖަވެރި ދުވަސްތަކެއް މިންވަރު ކުރެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.