"ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ ޓްރޭޑް ފެސިލިޓޭޝަން" އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ލަފާ ދެއްވާފައިވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް މި ނިންމެވީ މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.
ޓްރޭޑް ފެސިލިޓޭޝަން އެއްބަސްވުމަކީ، ޖުމްލަ ގޮތެއްގައި، ޤައުމެއްގައި ވިޔަފާރި ކުރުމުގައި ވިޔަފާރިވެރިންނަށް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ޤާނޫނުތަކާއި ޤަވާޢިދުތަކާއި ޕްރޮސީޖަރތައް ބަޔާންކުރުމަށް އަދި އެގޮތަށް މެންބަރު ޤައުމުތަކުން ޢަމަލު ކުރުމަށް މަގުފަހި ކުރުމަށް އެކުލަވާލެވިފައިވާ އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ، މުދާ ކްލިއަރ ކުރުމާއި، ރިލީސް ކުރުމާއި، މުދާ ޓްރާންސިޓް ކުރަންޖެހޭ ހާލަތްތަކުގައި، ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމާއި، ޤައުމުތަކުގެ ކަސްޓަމްސްއާއި އެހެނިހެން މުއައްސަސާތަކާ ގުޅިގެން، ޓްރޭޑް ފެސިލިޓޭޓްކުރުމަށް މަސައްކަތް ކުރުމާއި، އިމްޕޯޓް އެކްސްޕޯޓް މަރުޙަލާގައި ބޯޑަރުގައި ދިމާވާ ހުރަސްތައް ނައްތާލުމަށްޓަކައި ކަސްޓަމްސް ކޮމްޕްލަޔަންސް ހަރުދަނާ ކުރުމެވެ. މި މަޤްޞަދުތައް ޙާޞިލް ކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުން، ވިޔަފާރީގެ މުޢާމަލާތްތަކުގެ ނުވަތަ ޓްރާންސްސެކްޝަންތަކުގެ ޚަރަދުތަކާއި އާންމުން ޚިދުމަތް ހޯދުމަށް ހޭދަވާ ވަގުތު ނިސްބަތުން ކުޑަކުރެވި، ވިޔަފާރި ކުރުމުގައި ފަހި މާޙައުލެއް ޤާއިމު ކުރެވޭނެ ކަމަށް ބެލެވެއެވެ.
މި އެއްބަސްވުމުގެ ދަށުން، މުދާ ކްލިއަރ ކުރުން އަވަސްވުމާއި، ބޯޑަރ އެޖެންސީތަކުގެ ގުޅުން ބަދަހި ވުމާއި، ވިޔަފާރިވެރިންނަށް މިކަމުން ލިބިގެންދާ ލުއިފަސޭހަތަކާއި ވިޔަފާރި ކުރުމުގެ ޚަރަދުތައް ކުޑަވުމުގެ ނަތީޖާއަކަށް ވެގެންދާނީ، އެ ޤައުމަކުން އަގުހެޔޮކޮށް މުދާ ގަންނަން ލިބުމާއި އެ ޤައުމަކުން މުދާ އެކްސްޕޯރޓް ކުރުން ފަސޭހަވެގެން ދިޔުމާއި، އެކްސްޕޯޓް ކުރެވޭ މުދާ އިތުރުވެ އެ ޤައުމުގެ އުފެއްދުންތެރިކަމަށް ހެޔޮ ބަދަލުތަކެއް އައުމެވެ.
"ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ ޓްރޭޑް ފެސިލިޓޭޝަން" އެއްބަސްވުމުގައި ދިވެހިރާއްޖެއިން ސޮއިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެން، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން މި އެއްބަސްވުމުގައި ބައިވެރިވުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ޤާނޫނީ އިޖްރާޢަތްތައް ފުރިހަމަކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިޔަށް ގެންދަވާނެވެ.