ދަސްވެނީންނަށް ލިބުނު ފިލާވަޅުތަކާ އެއްވަރަށް ބުއްދީގެ ވިސްނުން ތަރައްޤީކުރުމަށާއި، ދަސްވެނީންނަށް ލިބުނު ޢިލްމާއި ހުނަރުގެ ބޭނުން ޤައުމަށް އެންމެ ފައިދާހުރި ގޮތުގައި ހިފުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ، މިރޭ ދަރުބާރުގޭގައި ބޭއްވެވި ސައިރިކްސް ކޮލެޖުގެ 2018 ވަނަ އަހަރުގެ ދަސްވެނިވުމުގެ ޙަފްލާ ޝަރަފުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ދިވެހީންގެ ތެރޭގައި ކިޔަވައިގެން، ތިބި މީހުން ގިނަ ނަމަވެސް، މިއަދު އިތުރަށް ބޭނުންވެގެން މިއުޅެނީ ލިބިފައިވާ ތަޢުލީމާ އެއްވަރަށް ރިވެތި އަޚްލާޤާއި، އިންސާނިއްޔަތުކަން ހުރި މީހުންކަމަށާއި، ނެތިގެން މިއުޅެނީ ލިބިފައިވާ ޢިލްމާ އެއްވަރަށް ހިކުމަތްތެރިކަމާއެކު މަސައްކަތްކުރާނެ ޤާބިލު ބައެއްކަމުގައެވެ. އަދި، މިރޭ ދަސްވެނިވި ދަރިވަރުން ޤައުމުގައި ހިންގާ ކަންކަމާ ދޭތެރޭ ވިސްނާ ބަޔަކަށް ވުމަށާއި، އެކަކު އަނެކަކަށް އަޅާލާ އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ގޮވާލައްވާފައެވެ.
މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ދެއްކެވި ވާހަކަފުޅުގައި ޤައުމަކަށް އެންމެ މުހިންމު ވާނީ ތަޢުލީމީ ޖީލެއް އުފެދިގެން ދިޔުންކަމަށާއި، އަދުގެ ސަރުކާރުން ރާއްޖޭގައި ތަޢުލީމީ ޤާބިލް ޖީލެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.
މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ސައިރިކްސް ކޮލެޖަކީ، ދިވެހި ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ޤާއިމުކުރުމަށް މަސައްކަތްކުރަމުންދާ ވަރަށް މުހިންމު މަރުކަޒެއްކަމަށާއި، ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި 23,000 އަށްވުރެ ގިނަ ދަރިވަރުން ސައިރިކްސް ކޮލެޖުގެ ހިޔާގެދަށުން ދަސްވެނިވެގެން ދިއުމަކީ ފާހަގަކުރަން ޖެހޭ ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.