ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް ބޭފުޅަކު ޢައްޔަނު ކުރައްވައި ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މަޤާމަށް މިއަދު ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ.

މިގޮތުން، ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރ އޮފް ސްޓޭޓް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް ޢައްޔަންކުރައްވާފައިވަނީ މާފަންނު ޖަވާހިރުވާދީ އިފްހާމް ޙުސައިނެވެ.

އިފްހާމް ޙުސައިންއަކީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސަދަރން ކުއީންސްލަންޑުން މާސްޓަރސް އޮފް އެޑިއުކޭޝަން ހާސިލުކުރައްވައި، ހަމަ އެ ޔުނިވަރސިޓީން ބެޗެލަރސް ޑިގްރީ އިން އަރލީ ޗައިލްޑްހުޑް، ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

އިފްހާމް ޙުސައިން އަށް ވަނީ 2015 ވަނަ އަހަރު ޑުބާއީގައި ދެވޭ އިންޓަރނޭޝަނަލް އެވޯޑް ޕްރިންސަސް ހަޔާ ފޮރ ސްޕެޝަލް އެޑިއުކޭޝަން ވެސް ލިބިވަޑައިގެންފައެވެ. އަދި، 2016 ވަނަ އަހަރު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ފަރާތުން ދެއްވި ޑިސެބިލިޓީ އެވޯޑް ވެސް އިފްހާމަށް ވަނީ ލިބިވަޑައިގެންފައެވެ. މި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކަމާގުޅޭ މާހިރުން ދެއްވާ ފަންނީ އެހީތެރިކަން ފާހަގަކުރައްވައި ދެއްވާ އެވޯޑެކެވެ. މީގެއިތުރުން އިފްހާމަށް ވަނީ މުޖުތަމަޢުގައި އަންހެނުން ކުރިއެރުވުގެ ރޮނގުން ދެއްވާ ރެހެންދި އެވޯޑް ވެސް 2017 ވަނަ އަހަރު ލިބިވަޑައިގެންފައެވެ.

އިފްހާމް ޙުސައިން އެންމެ ފަހުން ހުންނެވީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ މެނޭޖިންގ ޑައިރެކްޓަރުގެ މަޤާމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ، މިއަދު އެޓަރަނީ ޖެނެރަލް އޮފީހުގެ ޑެޕިއުޓީ އެޓަރނީ ޖެނެރަލްގެ މަޤާމަށް ޢައްޔަންކުރައްވާފައިވަނީ މާފަންނު ނިޔަދުރުމާގެ ޚަދީޖާ ޝަބީންއެވެ. ޚަދީޖާ ޝަބީން އެމަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ.

ޚަދީޖާ ޝަބީން އަކީ ސިންގަޕޫރުގެ ނެޝަނަލް ޔުނިވަރސިޓީ އޮފް ސިންގަޕޯ އިން މާސްޓަރ އޮފް ލޯސް ހާސިލުކުރައްވައި އަދި އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް މެލްބަރނުން ބެޗެލަރ އޮފް ލޯސް ވިތު އޮނަރސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ޚަދީޖާ ޝަބީންއަކީ ޤާނޫނީ ދާއިރާގައި މިހާރުވެސް މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޚަދީޖާ ޝަބީން މީގެ ކުރިން ވަޒީފާ އަދާކުރެއްވި ތަންތަނުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، އެޓަރނީ ޖެނެރަލްގެ އޮފީހުގެ މަޤާމުތަކުގެ އިތުރުން އަމިއްލަ ލޯ ފަރމްތަކުގައިވެސް ޤާނޫނީ ދާއިރާއިން މަސައްކަތްކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި 2 ބޭފުޅުން މަޤާމަށް ޢައްޔަނުކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ. މިބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.