އަލްފާޟިލް މުޙަންމަދު ނިޒާމު
ފީރޯޒުގެ/އ.ތޮއްޑޫ

               މުޙަންމަދު ނިޒާމް 1990 ވަނަ އަހަރު ރާއްޖެތެރޭގެ ފުޓްބޯޅަ މުބާރާތުގެ އެންމެމޮޅު ޑިފެންސް ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވެއެވެ. ހަމަ އެއަހަރުގެ ޤައުމީ ފުޓްބޯޅަ މުބާރާތުގެ 2 ވަނަ ޑިވިޜަނުގެ އެންމެމޮޅު ޑިފެންސް ކުޅުންތެރިޔާގެ މަގާމު މީނާ ހޯދިއެވެ. އަދި 1992ގެ ޤައުމީ މުބާރާތުގައި 2 ވަނަ ޑިވިޜަނުގެ އެންމެމޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވެއެވެ.

               1995 ގައި ބޭއްވި، 6 ވަނަ އޭޝިޔަން ކަޕްވިނަރސް ކަޕް މުބާރާތުގައި މުޙަންމަދު ނިޒާމް ކުޅުނެވެ. 1996 ވަނަ އަހަރުގެ ލީގް ޗެމްޕިއަން ޓީމުގައި ހިމެނި، އެންމެމޮޅު މިޑްފީލްޑް ކުޅުންތެރިޔާގެ މަގާމު ހޯދިއެވެ. އަދި އެ އަހަރު އޮތް ޕޮމިސްކަޕް މުބާރާތުގެ އެންމެގިނަ ގޯލުޖެހި ކުޅުންތެރިޔާގެ މަގާމު ނިޒާމް ހޯދިއެވެ. 1997 ވަނަ އަހަރުގެ ޕޮމިސްކަޕް މުބާރާތުގެ އެންމެމޮޅު މިޑްފީލްޑް ކުޅުންތެރިޔާގެ މަގާމުވެސް ޙާޞިލުކުރިއެވެ.

               1993 ވަނަ އަހަރުން ފެށިގެން ދިވެހި ޤައުމީ ޓީމަށް ހޮވި، 1995ގެ ސާފްގޭމްސްގަޔާއި، 1996ގެ އޭޝިޔަންކަޕް ކޮލިފައިންގ މެޗުތަކުގައި ބައިވެރިވެ، 1998ގެ ވާރލްޑްކަޕް ކޮލިފައިންގ މެޗުތަކުގައި ޤައުމީ ޓީމަށް ނިޒާމް ކުޅެފައިވެއެވެ.

               އަދި މިއަހަރު އޮތް ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ރިހި މެޑެލް ހޯދި ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގައި ކުޅެ، ދިވެހި ޤައުމީޓީމު އިންޑިޔާއާ ބައްދަލުކުރި މެޗުގައި އެންމެމޮޅު ކުޅުންތެރިޔާގެ މަގާމު ނިޒާމަށް ލިބުނެވެ. އަދި ދިވެހި ޓީމު ސްރީލަންކާއާ ކުޅުނު މެޗުގެ އެންމެމޮޅު ކުޅުންތެރިޔާގެ މަގާމުވެސް ޙާސިލުކުރިއެވެ.