އަލްފާޟިލް ޙަމްދޫން ޙަމީދު
ހ.މީނާޒް
ޢާންމުންނަށް ޙަމްދޫން ޙަމީދުގެ ޅެންތައް އަޑު އިވިފައިވާނީ ލަވައިގެ ގޮތުގައެވެ. ޙަމްދޫން ލަވަ ހައްދަވަން ފެށްޓެވީ 1988 ގައި ބޭއްވި ސްކޫލް ކުދިންގެ ލަވަ މުބާރާތަށެވެ. ފުރަތަމަ ހެއްދެވީ، "މާތްވި އިސްލާމްދީނާ ޤައުމަށްޓަކައި" މި ލަވައެވެ. ދެން ހެއްދެވީ "ދިވެހިންގެ ވަޠަން" މި ލަވައެވެ. މިއީ ޢާންމުންގެ ތަރުޙީބު ވަރަށްބޮޑަށް ލިބިފައިވާ ދެ ލަވައެވެ. މިހާތަނަށް 100 އަށްވުރެ ގިނަ ލަވަ ހައްދަވާފައިވެއެވެ. އަދި ކޯރަސް ގްރޫޕެއް ކަމުގައިވާ "ގަގުނަސް ތަރާނާ" އިން ކިޔުމަށް އެދޭ ބައެއް ލަވަވެސް ހައްދަވައިދެއްވައެވެ.
1990 ވަނަ އަހަރު ބޭއްވެވި ސްކޫލް ކުދިންގެ ލަވަ މުބާރާތުން، މިނިވަން ފަންސަވީހުގެ ޝިޢާރަށް ހައްދަވާފައިވާ ލަވައަށް ޅެންވެރިކަމުގެ ރޮނގުން ޙަމްދޫނަށް 1 ވަނަ ލިބިވަޑައިގެންފައިވެއެވެ.