އަލްފާޟިލް ސައިކުރާ އިބްރާހީމް ނަޢީމު
ހ.ހޮޅުދޫގެ

               އަލްފާޟިލް ސައިކުރާ އިބްރާހީމް ނަޢީމަކީ، މަދްރަސީ ދައުރުން ފެށިގެން ޅެން ހައްދަވަމުން ގެންދަވާ ބޭފުޅެކެވެ. ނަޢީމްގެ އެންމެ މޮޅު ޅެންތަކުގެ ތެރޭގައި، 200 ވަރަކަށް ބައިތުގެ "ޔަމަނުގެ މަޢްޞޫމާ"، އާއި، ސިފައިންނަށް 100 އަހަރު ފުރިގެން ހެއްދެވި ސިފައިންގެ ލަވައާއި، 3 ނޮވެންބަރުގެ ޢުދުވާނީ ޙަމަލައާ ގުޅިގެން ހައްދަވާފައިވާ 100 ބައިތުގެ ޅެން ހިމެނެއެވެ. އަދި ނަޢީމް ހައްދަވާފައިވާ ވަރަށްގިނަ ލަވަތައް ތަފާތު ޝޯތަކުގައާއި، ޖަލްސާތަކުގައާއި، ލަވަ މުބާރާތްތަކުގައި ކިޔާފައިވެއެވެ.

               ޅެންވެރިކަމުގެ ރޮނގުން ނަޢީމަށް ލިބިވަޑައިގެންފައިވާ ކާމިޔާބީތަކުގެ ތެރޭގައި، "މިނިވަން ދިވެހިރާއްޖެ - ސާފު ދިވެހިރާއްޖެ" މި ޝިޢާރުގެ ލަވަހެދުމުގެ މުބާރާތުން ހޮއްވެވި އެންމެމޮޅު 5 ލަވައިގެ ތެރޭގައި ނަޢީމް ހެއްދެވި ލަވަ ހިމެނެއެވެ. އަދި ރާއްޖޭގެ އުފެއްދުންތެރިކަމުގެ އަހަރުގެ ލަވަ ހެދުމުން 2 ވަނައާއި، ސްކޫލް ކުދިންގެ ލަވަ މުބާރާތުން ޅެންވެރިކަމުގެ ރޮނގުން 1 ވަނައާއި 2ވަނަ ނަޢީމަށް ލިބިވަޑައިގެންފައިވުން ހިމެނެއެވެ.

               ނަޢީމް އެންމެ ފަހުން ޅެންބަހުން އެކުލަވައިލައްވައިގެން ޗާޕުކުރެއްވި "ފައިދާ" މިފޮތަކީ ރީތި އަދި ޢިބްރަތްތެރި ޅެންބައިތުތަކެއް ހިމެނޭ ފޮތެކެވެ.

               ސައިކުރާ އިބްރާހީމް ނަޢީމަކީ ސަރުކާރުން ދެއްވި ޤައުމީ ފެންވަރުގެ އިނާމުތަކުގެ ތެރެއިން މިހާރުވެސް 4 އިނާމު ލިބިވަޑައިގެންފައިވާ ޚިދުމަތްތެރިއެކެވެ. އެއީ ނޫސްވެރިކަމުގެ ރަންގަލަމާއި، މިނިވަން ފަންސަވީހުގެ ފަންސަަވީސް އަހަރުގެ ޚިދުމަތުގެ އިނާމާއި، ނޮވެންބަރު 3 ގެ ޚިދުމަތުގެ އިނާމާއި، ލިޔުންތެރިކަމުގެ އިނާމެވެ.