އަލްފާޟިލް މުޙައްމަދު އަނީސް
ގ.ތަރިޖެހިގެ

               މުޙަންމަދު އަނީސް، ޤައުމީ ވޮލީބޯޅަ މުބާރާތެއްގައި ފުރަަތަމަ ކުޅެފައިވަނީ 1986 ވަނަ އަހަރުއެވެ.  މިހާތަނަށް ވަރަށްގިނަ ޤައުމީ ވޮލީބޯޅަ މުބާރާތްތަކުގަޔާއި، އެހެނިހެން މުބާރާތްތަކުގައި ކުޅުއްވައި، ގިނަ ކާމިޔާބީތަކެއް ވަނީ ހޯއްދަވާފައެވެ. މީގެތެރޭގައި، ސަރުކާރުގެ އޮފީސްތަކުގެ ވޮލީބޯޅަ މުބާރާތުން އެމް.ޓީ.ސީ.ސީ.ގެ ޓީމު ވިދިވިދިގެން 4 އަހަރު ޗެމްޕިއަންކަން ހޯދިއިރު، އޭގެތެރެއިން 3 އަހަރު ކެޕްޓަންކަން ކުރެއްވީ މީނާއެވެ. އަދި ޤައުމީ ވޮލީޓީމު ރާއްޖެއިން ބޭރަށް ކުރި ދަތުރުތަކުގައިވެސް ކުޅުންތެރިއެއްގެ ގޮތުން ޓީމުގައި މީނާ ހިމެނުނެވެ.

               ވޮލީގައި މުޙަންމަދު އަނީސަށް ލިބިފައިވާ ކާމިޔާބީތަކުގެ ތެރޭގައި، އެންމެ މޮޅަށް މަތަކުރާ ކުޅުންތެރިޔާގެ މަގާމާއި، އެންމެ މޮޅު ދިފާޢީ ކުޅުންތެރިޔާގެ މަގާމާއި، އެންމެ މޮޅު ސަރވަރުގެ މަގާމާއި، ބަޔަށް އެންމެ ފައިދާހުރި ކުޅުމެއް ކުޅުނު ކުޅުންތެރިޔާ އަދި ހުރިހާގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހިމެނެއެވެ.

               މުޙަންމަދު އަނީސް ކޯޗުކަން ކޮށްދެއްވާފައިވާ ޓީމުތަކުގެ ތެރޭގައި ރާއްޖޭގެ ޤައުމީ ފިރިހެންޓީމުގެ އިތުރަށް، ބައެއް ކުލަބުތަކާއި، އޮފީސްތަކުގެ ވޮލީޓީމު ހިމެނެއެވެ. އަދި ބައިނަލްއަޤްވާމީ ވޮލީބޯޅައިގައި ކޯޗަރސް ލެވެލްގައި ދޭ އެންމެމަތީ ސެޓްފިކެޓް (ލެވެލް 3 ގެ ސެޓްފިކެޓް) މިހާތަނަށް ލިބިފައިވާ ހަމައެކަނި ދިވެއްސަކީވެސް އަނީސެވެ.