ޤާސިމް އިބްރާހީމް
މ. މާފަންނުވިލާ

ޤާސިމް އިބްރާހީމަކީ، އަރިއަތޮޅު މާމިގިލީގެ އާދައިގެ ޢާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ ދިވެހި ދަރިއެކެވެ. ޢުމުރުފުޅުން 39 ދުވަހުގައި ޤާސިމްގެ މަންމަ މިދުނިޔެ ދޫކުރައްވައިފިއެވެ. ޤާސިމްގެ ބައްޕައަކީ ޚާއްޞަ އެހީއަށް ބޭނުންފުޅުވާ ބޭފުޅެއްކަމުން، ވަރަށް ޅަޢުމުރުގައިވެސް މީހުންނަށް ނޯކިރީ ކޮށްދެއްވައިގެން ދިރިއުޅުއްވުމަށް އާމްދަނީ ހޯއްދަވަން ޤާސިމަށް މަޖުބޫރުވެވަޑައިގަތެވެ.

ވަރަށް ޒުވާން ޢުމުރުފުޅުގައި ޤާސިމް މާލެ ވަޑައިގަތީ ތަޢުލީމު ހާސިލު ކުރެއްވުމުގެ ފުރުޞަތު ކޮންމެވެސް މިންވަރަކަށް ލިބިވަޑައިގަތުން އެދިވަޑައިގެންނެވެ. ގޭގޭގައި ނޯކިރީގައި އުޅުއްވަމުން، އެދުވަސްވަރު އޮތް ތަޢުލީމީ ނިޒާމުގެ ތެރެއިން ސަނަދަށް ކިޔަވާ ވިދާޅުވަމުން ވަޑައިގެން، ސަރުކާރުގައި ވަޒީފާ އަދާކުރައްވަން ފެށްޓެވިއެވެ. އޭގެފަހުން އަމިއްލަ މީހުންގެ ވަޒީފާތަކުގައިވެސް އުޅުއްވިއެވެ.

ސަރުކާރަށް ފުރަތަމަ ވެދެވަޑައިގެން ލިބިވަޑައިގެންނެވި މުސާރަފުޅުން ނިކަމެތިންނަށާއި، ދިރިއުޅުމުގެ އެކި މުހުތާދުތައް ފުއްދުމަށް އެދޭ ފަރާތްތަކަށް މުސާރައިގެ މިންވަރެއް ހޭދަކުރެއްވުމަކީ، ޤާސިމްގެ އާދައެކެވެ. އެކިއެކި ވަޒީފާތަކުގައި އުޅުއްވައި، ލިބިވަޑައިގަތް ތަޖުރިބާގެ އަލީގައި ޤާސިމް ފުރަތަމަ އަމިއްލަފުޅު ވިޔަފާރިއެއް ފެށްޓެވީ 1976 ވަނަ އަހަރުއެވެ. އެއީ، ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ނެންގެވި -/15000 ރުފިޔާގެ ލޯނަކުންނެވެ.

ޤާސިމަކީ، މަސައްކަތުގައި ވަރަށް ހީވާގި މުރާލި ބޭފުޅެކެވެ. ވިޔަފާރީގައި ކުރިއަށް ވަޑައިގަތުމުގެ ހިތްވަރާއި ކެރުން ހުރި ބޭފުޅެކެވެ. އެހެންކަމުން، ވިޔަފާރީގައި 10 ވަރަކަށް އަހަރު ޤާސިމް ހޭދަކުރެއްވިއިރު، އެމަނިކުފާނު ގުނާލެވުނީ ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިވެރީންގެ ސަފުގައެވެ. ދިވެހި ވިޔަފާރިވެރީންގެ ޖަމްޢިއްޔާގެ އެއް މުއައްސިސްގެ ގޮތުގައެވެ. އަދި ހުރިހާ ފަންތިއެއްގެ ވިޔަފާރިވެރީންގެ ޙައްޤުގައި އަޑުއުފުއްލެވުމުގައިވެސް ފަސްޖެހިވަޑައިނުގަންނަވާ ބޭފުޅެއްގެ ގޮތުގައެވެ.

އޭގެފަހުން 1988 ވަނަ އަހަރު ޓުއަރިޒަމްގެ ވިޔަފާރީގެ ތެރެއަށް ވަންނަވައި، 10 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ހުރި އެންމެ ޒަމާނީ އެންމެ ބޮޑެތި ރިޒޯޓްތައް ހިންގަވާ އަދި އެންމެ އެނދުގިނަ އެއް ކުންފުނި އޮޕަރޭޓް ކުރައްވާ ރިޒޯޓް އޯނަރަކަށް ޤާސިމްވެވަޑައިގަތެވެ.

ވިޔަފާރީގެ ތަފާތު ދާއިރާތަކުގައި ރާއްޖޭގައި އެންމެ ބިޔަ އިންވެސްޓްމަންޓްތަކެއް ކުރައްވާފައިވާ އަމިއްލަ ފަރުދުންގެ ތެރޭގައި ޤާސިމް އިބްރާހީމް ހިމެނިވަޑައިގަންނަވައެވެ. ސިމެންތިއާއި ގޭހާއި އަދި މަތިންދާބޯޓު ދަތުރުފަދަ ވިޔަފާރިތައް ވާދަވެރި ވިޔަފާރިތަކަކަށްވެ، އަގުހެޔޮވެގެން ދިޔައީ، މިފަދަ ވިޔަފާރިތަކުގައި ޤާސިމް ކުރެއްވި އިންވެސްޓްމަންޓްތަކުގެ ސަބަބުންނެވެ. ރާއްޖޭގެ ވިޔަފާރިތައް ކުރިއެރުވުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ލޯން ލިބެންފެށީ، ޤާސިމް އެކަމަށް އިސްނެންގެވި ހިސާބުންނެވެ. ރާއްޖޭގެ ޓޫރިޒަމްގައި މޫދުކޮޓަރި ތަޢާރަފްކޮށްދެއްވުމާއި، ރިޒޯޓްތަކުގެ މުވައްޒަފުންނަށް ރަނގަޅު އެކޮމޮޑޭޝަން ދެއްވުމާއި، މަސްވެރިކަމުގެ ބިޔަ އިންވެސްޓްތައް ކުރައްވައި ބޮޑުއަގުގައި މަސްވެރީންގެ އަތުން މަސް ބައްލަވައިގަންނަވަން ފެށްޓެވުމާއި، ޕްރައިވެޓް އެއަރޕޯޓްތައް ރާއްޖޭގައި ބިނާކުރުމަށް އިސްނެންގެވުމާއި، ޕްރައިވެޓް ކޮލެޖެއް ރާއްޖޭގައި އަލަށް އުފެއްދެވުން ފަދަ ކަންކަމަކީ، ޤައުމީގޮތުން ފާހަގަކޮށްލެވޭ ބޮޑެތި އިންވެސްޓްމަންޓްތަކެވެ. ވިޔަފާރި ކުރިއެރުވުމާއި އިންސާނިއްޔަތަށް އެހީތެރިވުމުގައި ޤާސިމް ހޯއްދަވާފައިވާ ބޮޑެތި ކާމިޔާބީ ވަޒަންކޮށް، މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީއިން އެމަނިކުފާނަށް ވަނީ އޮނަރަރީ ޕީ.އެޗް.ޑީ އަރުވާފައެވެ. އަދި، ތަޢުލީމަށްޓަކައި ޤާސިމް ކުރެއްވި އަގުހުރި ޚިދުމަތުގެ އަގުވަޒަންކޮށް ވާރލްޑް އެޑިޔުކޭޝަން ފޯރަމުގެ ފަރާތުން ވަނީ [ލައިފްޓައިމް އެޗީވްމަންޓް އެވޯޑް] އެމަނިކުފާނަށް އަރުވާފައެވެ. ޤައުމީ ޚިދުމަތުގެ ތަފާތު އެކި ދާއިރާތަކުން ހިތްވަރުދިނުމުގެ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު، އެންމެ ގިނަ އަދަދަކަށް ހާސިލު ކުރައްވާފައިވާ އެއްބޭފުޅަކީ ޤާސިމް އިބްރާހީމްކަންވެސް ފާހަގަކުރެވެއެވެ.

އިންސާނީ ޚިދުމަތަށް ބަލާއިރު، ރާއްޖެއިން ބޭރަށް ދިވެހީން ފޮނުއްވައިގެން ބޮޑެތި ބަލިތަކަށް ބޭސްފަރުވާކޮށްދެއްވުމުގައި އެންމެ ދިގުމުއްދަތެއް ހޭދަކުރެއްވި އަމިއްލަ ފަރުދަކީ އެމަނިކުފާނެވެ. ރާއްޖޭގައި އިންސާނިއްޔަތަށް ޚިދުމަތްކުރާ ފައުންޑޭޝަނެއް ފުރަތަމަ އުފެއްދެވީ ޤާސިމެވެ. އަދި ދިވެހި ދަރީންނަށް މަތީ ތަޢުލީމުގެ ފުރުޞަތު ފުޅާކުރެއްވުމަށް ސްކޮލަރޝިޕް ސްކީމެއް ފުރަތަމަ ތަޢާރުފް ކުރައްވަން ފެށްޓެވީވެސް ޤާސިމެވެ. މީގެއިތުރުން، ރާއްޖޭގެ ރަށްތަކުގެ ތަޢުލީމާއި، އިޖުތިމާޢީ އަދި ޢުމްރާނީ ތަރައްޤީއަށްޓަކައި މިވޭތުވި ސާޅީހަކަށް އަހަރު، އެންމެ ދީލަތި އެހީތެރިކަމެއް ވެދެއްވާފައިވާ އެއް ފަރުދަކީވެސް ޤާސިމް އިބްރާހީމެވެ.

ފަހަކަށްއައިސް ރާއްޖޭގައި ހިންގާފައިވާ ސިޔާސީ އިޞްލާޙާއި ޑިމޮކްރަސީގެ ޙަރަކާތްތަކުގައި ޤާސިމްވަނީ އިސްދައުރެއް އަދާކުރައްވާފައެވެ. 2001 ވަނަ އަހަރު އެމް.ޑީ.ޕީ.ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި އޭރުގެ ސަރުކާރަށް ހުށަހެޅި 42 މީހުންގެ ތެރޭގައި އެންމެ ފުރަތަމަ ސޮއިކުރެއްވީ ޤާސިމެވެ. އަދި ރާއްޖޭގައި މިހާރު ޢަމަލުކުރަމުންގެންދާ ޤާނޫނުއަސާސީ އެކުލަވައިލައްވައި ނިންމެވީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރިޔާސަތުގައި ޤާސިމް އިންނަވައިގެންނެވެ.

ދިވެހި ޤައުމަށާއި ސަރުކާރަށް ޚިދުމަތް ކުރެއްވުމުގައި ޤާސިމަކީ ވާޖިބު އަދާކުރެއްވުމުގައި ނަމޫނާއެކެވެ. ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމްޢިއްޔާގެ ރައީސްކަމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސްކަމާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމާއި، ދައުލަތުގެ މާލީ ވަޒީރުކަމާއި، ދާޚިލީ ވަޒީރުކަމާއި، އަދި މަރުކަޒީ ބޭންކުގެ ގަވަރުނަރުކަން ފަދަ މަޤާމުތައް ފުރުއްވިއިރު، އަަބަދުވެސް ޤައުމުގެ މަޞްލަޙަތު އިސްކުރައްވައި، ރައްޔިތުންނަށް ނަމޫނާ ދައްކަވާ ބޭފުޅެއްގެ ގޮތުގައި ޤާސިމް އިބްރާހީމް ވަނީ އަޅުގަނޑުމެންނަށް ފެނިފައެވެ.