ފައުންޑޭޝަން ފޮރ ދި އެޑްވާންސްމަންޓް އޮފް ސެލްފް ހެލްޕް އިން އެޓޭނިންގ ނީޑްސް

               "ފައުންޑޭޝަން ފޮރ ދި އެޑްވާންސްމަންޓް އޮފް ސެލްފް ހެލްޕް އިން އެޓޭނިންގ ނީޑްސް" (ފަށަން) އަކީ، 8 އޮގަސްޓު 1988 ގައި އުފައްދައިފައިވާ އަމިއްލަ ޖަމްޢިއްޔާއެކެވެ.

               މި ޖަމްޢިއްޔާއިން ރާއްޖޭގެ ތަރައްޤީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ތަފާތު ފެންވަރުގެ ބައްދަލުވުންތައް ބާއްވަވައި، މީހުން ހޭލުންތެރިކުރެއްވުމަށް ތަމްރީނު ދެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވައެވެ.

               އެއިޑްސް އާއި މަސްތުވާތަކެތިން މުޖްތަމަޢު ސަލާމަތް ކުރުމަށްޓަކައި ފަށަނުގެ ފަރާތުން ކައުންސެލަރުން އުފެއްދެވުމާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުން މުޖްތަމަޢަށް އަނބުރާ ގެނައުމަށް، އެފަދަ މީހުންނަށް ބޭނުންވާ ލަފައާއި އިރުޝާދު ދެއްވުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވައެވެ. އަދި މަސްތުވާތަކެއްޗާބެހޭ ތަޖްރިބާކާރެއް ގެންނަވައި، ފަސްއަހަރު ދުވަހުގެ ޢަމަލީ މަޝްރޫޢެއް ރާއްވަވާފައިވެއެވެ. މާލެއާއި އަތޮޅުތަކުގެ ބައެއް ސްކޫލުތަކުގެ ކުދިންގެ ބެލެނިވެރިންނަށް މަސްތުވާތަކެއްޗާބެހޭ މަޢުލޫމާތު ދެއްވުމާއި، ބައެއް ކުޑަކުދިންނަށް ކައުންސެލިންގ ދެއްވުމުގެ މަސައްކަތްވެސް ކުރައްވާފައި ވެއެވެ.