އަލްފާޟިލް ޙުސައިން ޒަރީރު
ކާމިނީ/ ކ.ހުރާ

               ޙުސައިން ޒަރީރަކީ، ހުރާ ޖަމްޢިއްޔަތުލް ޙުއްރިއްޔާ، މިހާރު ޙުއްރިއްޔާ ސްޕޯޓްސް ކްލަބް އުފެދުނީއްސުރެ ކްލަބަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ.

              ޙުސައިން ޒަރީރު ކްލަބް ހިންގެވުމާ ހަވާލުވެ ހުންނަވައިގެން ޙުއްރިއްޔާ ސްޕޯޓްސް ކްލަބް މިހާތަނަށް ހޯދަައިފައިވާ އެންމެ ފަޚްރުވެރި ކާމިޔާބީތަކުގެ ތެރޭގައި 13 ވަނަ ޕޮމިސްކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ދެރަނުވެ، އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމާއި، މިހާރު ކުޅެވެމުންދާ 49 ވަނަ ޤައުމީ ފުޓްބޯޅަ މުބާރާތުގެ ލީގު ޗެމްޕިއަންކަން ހޯދުމަށްފަހު، މި މުބާރާތުގެ ފައިނަލަށް އެ ކްލަބް ހޮވުން ހިމެނެއެވެ.

               މީގެއިތުރުން ޒަރީރުގެ މެނޭޖަރު ކަމުގައި ޙުއްރިއްޔާ ސްޕޯޓްސް ކްލަބް ޤައުމީ ފެންވަރުގެ ފުޓްބޯޅަ މުބާރާތްތަކުގައި ބައިވެރިވަމުން އައިސް ރާއްޖެތެރޭގެ 4 ވަނަ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަމާއި 47 ވަނަ ޤައުމީ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ޓީމުގެ މަގާމާއި، 1997 ގެ ކަޕްވިނަރސް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ޓީމުގެ މަގާމާއި، ވިދިވިދިގެން 3 އަހަރު، އެފް.އޭ. ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ޓީމުގެ މަގާމު ހޯދުން ހިމެނެއެވެ.

               ހުރާގައި ކުޅިވަރުގެ ރޫޙު އާލާކޮށް، ޒުވާނުންގެ މެދުގައި އެކުވެރިކަން އުފެއްދެވުމަށް ގިނަގުނަ މަސައްކަތްތަކެއް މީނާ ކުރައްވާފައި ވެއެވެ. ޙުސައިން ޒަރީރަކީ، މިހާރުވެސް މި ކްލަބް ހިންގުމާ ހަވާލުވެ ހުންނެވި އެންމެ އިސްވެރިޔާއެވެ. ޙުސައިން ޒަރީރު މި ކްލަބަށް ޚިދުމަތް ކުރައްވާތާ 19 އަހަރު ވެއްޖެއެެވެ.