އަލްފާޟިލް ޢަބްދުﷲ ޢަލީ
މ. ތްރީއޭވިލާ

               ޢަބްދުﷲ ޢަލީ، ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، 1982 ވަނަ އަހަރުއެވެ. މިގޮތުން ޢަބްދުﷲ ޢަލީއަކީ، އެރިޔަދޫ އައިލެންޑް ރިޒޯޓާއި، ވިލަމެންދޫ އައިލެންޑް ރިޒޯޓާއި، މެދުފުށި އައިލެންޑް ރިޒޯޓާއި، ފިލިތެޔޮ އައިލެންޑް ރިޒޯޓުގެ ޗެއަރމަނެވެ. މި ރިޒޯޓުތަކުގައި ހުރި އެނދުގެ އަދަދަކީ، 886 އެވެ. ފަތުރުވެރިކަމުގެ ދާއިރާއިން ޢަބްދުﷲ ޢަލީ ފާހަގަކޮށްލެވެނީ، މީނާ ހިންގަަވާ ރިޒޯޓްތަކަކީ، ތިމާވެށްޓާ ރަށްޓެހި ގޮތްތަކެއް ގެންގުޅުއްވުމަށް ބާރުއަޅުއްވާ ބޭފުޅެއްގެ ގޮތުގައެވެ. މިގޮތުން މި ރަށްރަށް ހެއްދެވިއިރު، އެ ރަށްރަށުގައި ރުއްގަސް ކެނޑުން މަދުުކުރުމާއި، ކޮންމެހެން ކަނޑަންޖެހޭ ގަސްގަހުގެ ބަދަލުގައި އިތުރު ގަސް އިންދުމާއި، ގަސްގަހުގެ ފަތްތައް، ރަށުގެ އެކި ހިސާބުތަކުގައި ގަސްކާނާގެ ގޮތުގައި ބޭނުންކުރުމަށް ހަމަޖެއްސެވުމާއި، ރަށުން ކުނީގެ ގޮތުގައި އުކާލަންޖެހޭ އެއްޗެހިވެސް އެރަށެއްގައި ނައްތައިލެވޭނެ ނިޒާމެއް ޤާއިމުކުރެއްވުން ހިމެނެއެވެ. ކުނީގެ ގޮތުގައި އުކާލެވޭ ތަކެތީގެ ތެރޭގައި ހިމެނޭ، ޕްލާސްޓިކް ފުޅިފަދަ ތަކެތި ތިލަފުށްޓަށް ގެންގޮސްގެން ނައްތައިލުމާއި، ބައެއް ރިޒޯޓުތަކުގައި އެކިކަންކަމުގައި ބޭނުންކުރެވޭ ފެން އަލުން ބޭނުންކުރެވޭނެ ނިޒާމެއް، ޢަބްދުﷲ ޢަލީ ހިންގަވާ ހުރިހާ ރިޒޯޓެއްގައި ޤާއިމުކުރައްވާފައިވުން ހިމެނެއެވެ. ރާއްޖޭގެ ތިމާވެށްޓަށް އަމާޒުކުރައްވައި ފުރަތަމަ ފަހަރަށް، ބައޯ ޑީގްރޭޑަބްލް ދޮންނަ ކުނޑިއެއްވެސް ތަޢާރުފު ކުރައްވާފައިވެއެވެ. އަދި އެންމެ ފުރަތަމަ ރާއްޖެއަށް ޑުއަލް ފްލަޝް ސިސްޓަމް ތަޢާރުފުކުރި ރިޒޯޓުތަކުގެ ތެރޭގައި މީނާ ހިންގަަވާ ރިޒޯޓުތައްވެސް ހިމެނެއެވެ. 

               މިރޮނގުން ލިބިވަޑައިގެންފައިވާ ކާމިޔާބީތަކުގެ ތެރޭގައި، ރާއްޖެއަށް ޒިޔާރަތްކުރާ އަހަރުގެ ގޮތުގައި ފާހަގަކުރެވުނު އަހަރު، މިނިސްޓްރީ އޮފް ޓޫރިޒަމުން ދެއްވި އިނާމު ޢަބްދުﷲ ޢަލީއަށް ލިބިވަޑައިގެންފައިވުމާއި، ހަމަ އެއަހަރު ލިބުނު "އާކް އޮފް ޔޫރަަޕް" އެވޯޑާއި، 1990 ވަނަަ އަހަރު، ހޮޓެލް ކޭޓަރިންގ ސަރވިސަސް އެވޯޑު، ހޮޓެލް މެޑްރިޑްސް އިން، މީނާ ހިންގަވާ ރިޒޯޓަށް ލިބިިފައިވުން ހިމެނެއެވެ.