މުޙަންމަދު މަނިކު، ދިވެހިބޭސް ކުރައްވަން ފެށްޓެވީ، އުމުރުން 18 އަހަރުގައެވެ. މި މަސައްކަތް ދަސްކުރެއްވީ، މުޙައްމަަދު މަނިކުގެ ބައްޕަ އަލްމަރްޙޫމް ޑަކްޓަރު ތުއްތު މަނިކުގެ އަރިހުންނެވެ. 1989 ވަނަ އަހަރާ ހަމައަށް އާންމުކޮށް ހުރިހާ ބަލިތަކަކަށްވެސް ބޭސްކޮށްދެއްވާފައިވަނީ، ހިލޭސާބަހަށެވެ. 1989 ވަނަ އަހަރުގެ ތެރޭގައި ކްލިނިކެއް ރަޖިސްޓަރީ ކުރައްވައިގެން ބޭސްކުރައްވަމުން ގެންދަވަނީ، މި ކްލިނިކްގައެވެ. ދިވެހި ބޭސްވެރިކަން ތަރައްޤީ ކުރެއްވުމުގެ ގޮތުން، ޗައިނީޒް، އިނގިރޭސި، ހިންދީ ފޮތްފޮތުން މަޢުލޫމާތު ހޯއްދަވައިގެން ދިވެހިބޭސް އުފައްދަވައި، މިޒަމާނުގެ ފެންވަރަށް ފުޅީގައި ބަންދުކުރައްވަން ފެށްޓެވިއެވެ. މިގޮތުން ތަފާތު ބަލިބައްޔަށް ބޭނުންކުރާ ވަރަށްގިނަ ވައްތަރުގެ ބޭސް ތައްޔާރުކުރައްވައި، މީނާގެ އަމިއްލަފުޅު ބޭސްފިހާރައިގައި ވިއްކަވަމުން ގެންދަވައެވެ. މުޙައްމަދުމަނިކުގެ އަމިއްލަ އުފެއްދެވުމުގެ ތެރެއިން ބޭހެއް، ސަޢޫދީޢަރަބިއްޔާއަށް މީގެ ފަސްއަހަރު ކުރިއްސުރެ ގެންދަވަަނީ އެކްސްޕޯޓް ކުރައްވަމުންނެވެ.
މީގެއިތުރުން، ރާއްޖޭގައި ފެތުރުނު އޭޝިއަންފްލޫ ކިޔާ ހުމުގެ ރޯގާގެ ދުވަސްވަރުގަޔާއި، ކޮލެރާ ރޯގާގެ ދުވަސްވަރު، އެ ބަލިތަކަށް ހިލޭސާބަހަށް މުޙައްމަދު މަނިކު ބޭސްކޮށްދެއްވާފައި ވެއެވެ. އަދި ކޮލެރާގެ ދުވަސްވަރު ކޮލެރާ ވެކްސިން މީނާ ސަރުކާރަށް ހަދިޔާ ކުރައްވާފައިވެސް ވެއެވެ.