އަލްއުސްތާޛު ޢަބްދުﷲ ޙަމީދު
ހ. މީނާޒު

               އަލްއުސްތާޛު ޢަބްދުﷲ ޙަމީދަކީ، މަދްރަސީ ދައުރުން ފެށިގެން ވާހަކަދެއްކުންތެރިކަމުގެ ގޮތުން ވަރަށް ކުޅަދާނަ ބޭފުޅެކެވެ. ވާހަކަދެއްކެވުމުގައި ބަހުގެ ގަވާއިދުތަކާއި ހަމަތައް ހިފަހައްޓަވާ، ބަހުގެ ފަށުވިކަމާއި ބަލާޣަތްތެރިކަން ގެންގުޅުއްވާ ބޭފުޅެއްވެސްމެއެވެ. އެހެން މީހުންނަށް މިކަން ދަސްކޮށްދެއްވައި، ކުރިއަށް ގެންދެވުމަށް އެމަނިކުފާނު އެހީތެރިވެވަޑައިގެން މަސައްކަތް ކުރައްވަމުން ގެންދަވައެވެ. މިގޮތުން، އަދަބީ ޖަމްޢިއްޔާ އުފައްދަަވައިގެން ވާހަކަދެއްކުންތެރިން އުފެއްދެވުމަށް މަސައްކަތްޕުޅު ކުރައްވާފައިވެއެވެ. އަދި މ.މ.ދ. ޖަމްޢިއްޔާއާއި، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖިލީހާއި، ދިވެހި ނާދީގެ ދާއިރާގައިވެސް، ވާހަކަދެއްކުންތެރިކަން ކުރިިޔަށް ގެންދެވުމަށް އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަައެވެ.