ޑޮކްޓަރ ޢަލީ ނަޖީބު
ބ. ކުޑަރިކިލު ނީލް

         މި އިނާމު މި އެރުވެނީ އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް ވޮލޮންގޮންގ އިން 2014 ވަނަ އަހަރު ޑޮކްޓަރ އޮފް ފިލޯސޮފީ ހާސިލުކުރައްވާފައިވާތީއާއި، ޕީ.އެޗް.ޑީ.އަށް ކުރެއްވި ދިރާސާތަކުގެ އަލީގައި ލިޔުއްވާފައިވާ ތަފާތު 6 އާޓިކަލެއް ބައިނަލްއަޤްވާމީ އެކި ޖަރނަލްތަކުގައި ޝާއިޢުކޮށްފައިވާތީއެވެ. 

         ޑޮކްޓަރ ޢަލީ ނަޖީބު ޕީ.އެޗް.ޑީ.އަށް ކުރެއްވި ދިރާސާއަކީ، ރާއްޖޭގެ ޓޫރިސްޓް ރިޒޯޓުތަކުގައި މުވައްޒަފުންގެ ކަންތައްތައް ހިންގައި ބެލެހެއްޓުމުގައި "އިންސްޓިޓިއުޝަނަލް ފެކްޓަރސް" ގެ ދައުރާބެހޭގޮތުން ކުރެއްވި ދިރާސާއެކެވެ.
       މި ދިރާސާ ކުރައްވައި ލިޔުއްވާފައިވާ އާޓިކަލްތަކުގެ ތެރޭގައި، ރާއްޖޭގެ ޓޫރިސްޓް ރިޒޯޓުތަކުގައި މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމާބެހޭ ގޮތުންނާއި، ރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނު، ފަތުރުވެރިކަމުގެ ދާއިރާގައި ތަންފީޒުކުރެވޭ ގޮތާބެހޭގޮތުން އަދި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ހާލަތާބެހޭ އާޓިކަލް ހިމެނެއެވެ. 
 
      ޑޮކްޓަރ ޢަލީ ނަޖީބުގެ އާޓިކަލްތައް ޝާއިޢުކޮށްފައިވާ ޖަރނަލްތަކުގެ ތެރޭގައި، އެމްޕްލޯއީ ރިލޭޝަންސް – ދަ އިންޓަރނޭޝަނަލް ޖަރނަލް އާއި، ލޭބަރ އެންޑް އިންޑަސްޓްރީ ޖަރނަލް، އިންޓަރނޭޝަނަލް ޖަރނަލް އޮފް އެމްޕްލޯއިމަންޓް ސްޓަޑީޒް އަދި އެމްޕްލޯއިމަންޓް ރިލޭޝަންސް ރެކޯޑް ހިމެނެއެވެ. ރާއްޖޭގެ ޓޫރިސްޓް ރިޒޯޓުތަކުގައި މުވައްޒަފުންގެ ކަންތައްތައް ރާވައި ހިންގުމުގައި ހިއްސާވާ ފަރާތްތަކާބެހޭގޮތުން އެމްޕްލޯއީ ރިލޭޝަންސް ދަ އިންޓަރނޭޝަނަލް ޖަރނަލްގައި ޝާއިޢުކުރައްވާފައިވާ ޑޮކްޓަރ ޢަލީ ނަޖީބުގެ އާޓިކަލަށްވަނީ، އެމެރަލްޑް ލިޓެރަޓީ ނެޓްވަރކްސް އެވޯރޑްސް ފޮރ އެކްސެލެންސް 2014 އިގެ އައުޓްސްޓޭންޑިންގ ޕޭޕަރ އެވޯޑު ލިބިފައެވެ. 
 
     ޑޮކްޓަރ ޢަލީ ނަޖީބު މިހާރު ހުންނެވީ ވިލާ ކޮލެޖްގެ އެގްޒެކެޓިވް ޑިރެކްޓަރ ފޮރ ޕްލޭނިންގ އެންޑް އެޑްމިނިސްޓްރޭޝަން ކަމުގެ މަގާމުގައެވެ.