ޑޮކްޓަރ މުޙައްމަދު ޝައިނީ
ހ. ރޯޒްބީމް

       މި އިނާމު މި އެރުވެނީ ނޯވޭގެ ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައެންސް އެންޑް ޓެކްނޯލޮޖީން މެރީން ޓެކްނޯލޮޖީގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ހާސިލުކުރައްވާފައިވާތީއާއި، ޕީ.އެޗް.ޑީއަށް ކިޔަވައިވިދާޅުވަމުން ގެންދެވިއިރު ކުރައްވާފައިވާ ދިރާސާތަކަށް ބިނާކޮށް ލީޑް އޯތަރުގެ ގޮތުގައި ލިޔުއްވާފައިވާ 8 އާޓިކަލެއް ބައިނަލްއަޤްވާމީ ޖަރނަލްތަކުގައި ޝާއިޢުކޮށް ބައިނަލްއަޤްވާމީ ކޮންފަރެންސްތަކަށް ހުށަހަޅުއްވާފައިވާތީއެވެ. 

      އާޓިކަލް ޝާއިޢުކޮށްގެން ފުރިހަމަކުރާ ޕީ.އެޗް.ޑީ އިން ފާސްވުމަށް 3 އާޓިކަލް ބޭނުންވާއިރު ޔުނިވަރސިޓީގައި ކިޔަވައިދެއްވަމުން 4 އަހަރުގެ ތެރޭގައި  8 އާޓިކަލް ޝާއިޢު ކުރުމަކީ ޑޮކްޓަރ ޝައިނީ 2013 ވަނަ އަހަރު ޤާއިމުކުރައްވާފައިވާ ރެކޯޑެއް ކަމާއި، ޖުމުލަކޮށް ޑިޕާޓްމަންޓްގެ ދިގު ތާރީޚުގައި އެންމެ މަތިން ފާސްވި 5% ދަރިވަރުންގެ ތެރޭގައި ޑޮކްޓަރ ޝައިނީ ހިމެނިވަޑައިގަންނަވާކަން އެމަނިކުފާނު ކިޔަވައި ވިދާޅުވި ޔުނިވަރސިޓީން ފާހަގަކޮށްފައިވެއެވެ.
 
      ޑޮކްޓަރ ޝައިނީ ދިރާސާތައް ހައްދަވާފައިވަނީ މަސްވެރިކަމުގެ ދާއިރާއިންނެވެ. މިގޮތުން ގަދަ ކަނޑުގައި އަދި ބާރު އޮއިވަރުގައި ބޭނުންކުރެވޭނެ އާ މަސްކޮށްޓެއްގެ ކޮންސެޕްޓެއް ހުށަހަޅުއްވައި، އެފަދަ މަސްކޮށްޓެއް ފަރުމާ ކުރައްވައި، ނިއުމެރިކަލް އަދި އެކްސްޕެރިމަންޓަލް ދިރާސާގެ އަލީގައި އެ ކޮންސެޕްޓް ޕްރޫވްކޮށްދެއްވާފައިވެއެވެ. މީގެ އިތުރުން، ރާއްޖޭގައި ކަނދުފަތި ހަރުކުރުމަށްފަހު އަވަހަށް ގެއްލިގެންދާ މައްސަލައަށް ޙައްލެއް ހޯދުމަށްޓަކައި ކަނދުފަތީގެ ވަލަށް ކުރާ ބާރު ދެނެގަންނާނެ ފޯރމިއުލަރއެއް ހުށަހަޅުއްވައި ޝާއިޢު ކުރައްވާފައިވެއެވެ.  ޑޮކްޓަރ ޝައިނީގެ ދިރާސާތައް ޝާއިޢުކޮށްފައިވާ ޖަރނަލްތަކުގެ ތެރޭގައި ޖަރނަލް އޮފް އެކުއަކަލްޗަރ، ޖަރނަލް އޮފް ސިސްޓަމްސް އެންޖިނިއަރިންގ، ޖަރނަލް އޮފް އެކުއަކަލްޗަރ އެންޖިނީއަރިންގ އަދި ޖަރނަލް އޮފް ފިޝަރީޒް އެންޖިނިއަރިންގ ހިމެނޭ. މީގެ އިތުރުން 2012 ވަނަ އަހަރާއި 2013 ވަނަ އަހަރު ބޭއްވުނު އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އޯޝަން، އޯފްޝޯ އެންޑް އާކްޓިކް އެންޖިނިއަރިންގ ގައި ޑޮކްޓަރ ޝައިނީގެ ދިރާސާތައް ވަނީ ހުށަހަޅުއްވައިދެއްވާފައެވެ.
 
     ޑޮކްޓަރ ޝައިނީ މިހާރު ހުންނެވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ މަގާމުގައެވެ.